އިންނަމާދޫގައި ސޯލާ ހަރުކޮށްފި, އަހަރަކު 164،672 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ

ރ. އިންނަމާދޫގައި ގާއިމުކުރި ޒަމާނީ ސޯލާ ޑީސަލް ބެޓެރީ ހައިބްރިޑް ސިސްޓަމާއި، ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމާއެކު އަހަރަކު 164،672 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އިންނަމާދޫގައި 350 ކިލޯވޮޓްގެ ސޯލާ ފޮޓޯވޮލްޓެއިކް (ޕީވީ) ކެޕޭސިޓީ ހިމެނޭ، ޒަމާނީ ސޯލާ ޑީސަލް ބެޓެރީ ހައިބްރިޑް ސިސްޓަމަކާއި, 618 ކިލޯވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ސޯލާ ޑީސަލް ހައިބްރިޑް ސިސްޓަމަކީ 'އިންޓެލިޖެންޓް' ކޮންޓްރޯލަރެއްގެ އެހީގައި ޑީސަލް ޖަނަރޭޓަރާއި ސޯލާ ޕެނަލްތައް އެއްކޮށް, އޮފް-ގްރިޑް ލޮކޭޝަންތަކުގައި ހަކަތަ ފޯރުކޮށްދޭ ނިޒާމެކެވެ. މިއީ އެންމެ ފުރަތަމަ ސޯލާ ހަކަތައަށް އިސްކަން ދީ، އޭގެ ފަހުން އޮޓޮމެޓިކުން ބެކަޕެއްގެ ގޮތުގައި ޖަނަރޭޓަރު ސްޓާޓްކޮށް، ތެލުގެ ޚަރަދު ކުޑަކޮށް، ކެނޑިނޭޅި ކަރަންޓު ފޯރުކޮށްދޭނެ ސިސްޓަމެކެވެ. އަދި މި ސިސްޓަމްތަކަކީ ދުރު ހިސާބުތަކަށާއި، އިންޑަސްޓްރިއަލް ސައިޓްތަކަށް ނުވަތަ ރަށްތަކަށް އެންމެ އެކަށޭނަ ސިސްޓަމްތަކެކެވެ. ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމަކީ ސޯލާ އަދި ވައި ފަދަ ވަސީލަތްތަކުން އުފައްދާ ކަރަންޓު ރައްކާކޮށް، ފަހުން ދޫކުރާ ބޮޑު ރިޗާޖަބަލް ބެޓެރީ ސިސްޓަމެކެވެ. https://x.com/MoTmv/status/2000093874828833140 މިނިސްޓްރީން ބުނި ގޮތުގައި މި ސިސްޓަމް ބޭނުންކުރަން ފެށުމުން، އެ ރަށުގެ ހަކަތައަށް ވަރަށް ބޮޑު އަސަރެއް ކުރާނެއެވެ. އެގޮތުން އަހަރަކު 164،672 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އަހަރަކު 403 ޓަނުގެ ކާބަންޑައިއޮކްސައިޑް އުފެދޭ މިންވަރު ވެސް މަދުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. މި ލަނޑުދަނޑިއަކީ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކަރަންޓުގެ 33 އިންސައްތަ، އިޔާދަކުރަނިވި ހަކަތައިން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް ވާސިލުވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ. މި މަޝްރޫއާ ގުޅޭ ގޮތުން 'ސަން' އާ ވާހަކަދައްކަވަމުން އިންނަމާދޫ ފެނަކައިގެ ސްޓޭޝަން މެނޭޖަރު ހުސައިން އަރީފް ވިދާޅުވީ އަހަރެއް ކުރިން ފަށައި، އެ ސިސްޓަމްތައް މިހާރު އިންސްޓޯލްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޓެސްޓުކުރުމުގެ މަރުހަލާ ނަމަވެސް އަދި އެ މަރުހަލާ ނިމޭނެ ސީދާ ތާރީޚެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރ. އިންނަމާދޫގައި ގާއިމުކޮށްފައިވާ އިޔާދަކުރަނިވި ހަކަތައިގެ ނިޒާމު: މިނިސްޓްރީން ބުނީ އަހަރަކު 164،672 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް -- ފޮޓޯ/ އެންވަޔަރަމަންޓް މިނިސްޓްރީ އެ ސިސްޓަމްތައް ބޭނުންކުރެވެން ފެށުމާއެކު، އެއީ އިންނަމާދޫއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެކަން ފާހަގަކުރައްވައި އަރީފް ވިދާޅުވީ ލަފާކުރެވޭ ގޮތުގައި އޭރުން އެ ރަށުގައި ދުވާލަކު ގާތްގަނޑަކަށް ހަ ވަރަކަށް ގަޑިއިރަށް އިންޖީނު ނިއްވައިލެވޭނެއެވެ. އަދި ގާތްގަނޑަކަށް ދުވާލަކަށް 2،000 ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ ކަމަށް އޭނާ ވަނީ ލަފާކޮށްފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ހަކަތަ 100 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް 'ދަ ބްލޫ ޕްލެނެޓް ކްލައިމެޓް' އެއްބަސްވުމުގައި ރާއްޖޭން ވަނީ ސޮއިކޮށްފައެވެ. މި އަހަރުގެ މެއި މަހު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން 2050 ވަނަ އަހަރު ޖެހޭއިރަށް ރާއްޖޭގައި މުޅިން އެއްކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ވަނީ އަމާޒު ހިފާފައެވެ. ހަމައެއާއެކު އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރަން، އެކިއެކި ގައުމުތަކާއެކު، އެކިއެކި ފޯރަމްތަކުގައި ދަނީ މަޝްވަރާ ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ