މަސްވެރިކަމުގެ ބައެއް ކަންކަން ހައްލު ކުރަން ވަގުތު ނަގަނީ، އިގުތިޞާދަށް ވިސްނައިގެން ކުރާތީ: ރައީސް

މަސްވެރިކަމާ ގުޅޭ ބައެއް ކަންކަން ހައްލު ކުރުމުގައި ވަގުތު ނަގަނީ، އިގުތިޞާދު ކުރިއަރާ މިންވަރަށް ވިސްނަގައިގެން އެ ކަންކަން ކުރަމުންދާތީ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް މިއަދު ރ. ދުވާފަރަށް ވަޑައިގެން، މަސްވެރިންނާ ބައްދަލުކުރައްވައި އެ މީހުންގެ ކަންބޮޑުވުންތައް އަޑުއެއްސެވިއެވެ. އެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ދަނީ މެނިފެސްޓޯގައި ހުރި ކަންކަމާއި މަސްވެރިން އެދިފައި ހުރި ކަންކަމަށް ރަނގަޅު ކުރިއެރުންތައް ގެނެސްދޭން ކަމަށެވެ. މިހާރު ނުކުރެވި ހުރި ކަންކަމަށް ހައްލު ގެންނަމުން ދާނީ، މަސްވެރިން ޚިޔާލު ދެމުންދާ ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ބައެއް ކަންމުގައި ވަގުތު ނަގަނީ އިގުތިޞާދު ކުރިއަރާ މިންވަރަކުން އެ ކަން ކުރިއަށް ގެންދާތީއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ސަރުކާރުގެ ބައެއް ވަޒީރުން މަސްވެރިންގެ ކަންބޮޑުވުންތައް މިއަދު އަޑުއަހަނީ --- ފޮޓޯ/ ފިޝަރީސް މިނިސްޓްރީ ބައެއް ކަންކަމުގައި ގިނަ ވަގުތު ނަގަނީ އެކަމުގައި އިގުތިޞާދު ކުރިއަރައިގެންދާ ގޮތަށް ވިސްނައިގެން ކުރަން ހުރި ކަންކަންވީމަރައީސް ޑރ. މުޙައްމަދު މުއިއްޒު އެ މަނިކުފާނު ވިދާޅުވީ، މަސްވެރިން ފާޅުކުރާ އެއްވެސް ޚިޔާލެއް ނުވަތަ ކަންބޮޑުވުމަކީ ބޭކާރު ވާނެ ކަމެއް ނޫން ކަމަށާއި ބޭނުންވަނީ މަސްވެރި ސިނާއަތް ކުރިއަރުވަން ކަމަށެވެ. އެގޮތުން، މަސްވެރި ސިނާއަތް ކުރިއެރުވުމުގައި އެންމެ މުހިންމު ކަމަކީ މަސްވެރިންގެ ޚިޔާލުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އިތުރަށް ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ބޭރުގެ އެހީތަކާ ގުޅިފައިވާ ހުންނަ ބައެއް މަޝްރޫއުތައް ލަސްވާ ކަމަށެވެ. އެއީ، ވަކީ މަރުހަލާއެއް ތެރެއިން ކުރަން ޖެހޭ މަސައްކަތްތަކަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިންގެ އަޑު އަހައިގެން ކުރިއަށް އޮތް ތަނުގައި ވެސް މައްސަލަތަކަށް ހައްލު ހޯދައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. ރައީސް އެ ފަދައިން ވާހަކަދެއްކެވިއިރު، ބޮޑު ކަންނެލި މަސްވެރިން އަންނަނީ، މިދިޔަ ބުދަ ދުވަހު ފާހަގަކުރި މަސްވެރިންގެ ދުވަހުން ފެށިގެން އިހުތިޖާޖު ކުރަމުންނެވެ. އެ މަސްވެރިން އަންނަނީ، ސަރުކާރުން ވައުދުތައް ނުފުއްދާ ކަމަށާއި، ބަހާ އަމަލާ ދިމާނުވާ ކަމަށް ތުހުމަތު ކުރަމުންނެވެ. އެ އިހުތިޖާޖުގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ވެސް ވަނީ ޖަހާފައެވެ. އޭގެތެރޭގައި، ކެންދޫ ދާއިރާގެ އެމްޑިޕީ މެމްބަރު މައުރޫފް ޒާކިރު ހިމެނޭއިރު، އިދިކޮޅު އެމްޑީޕީން ވަނީ އެ މީހުން ދޫކޮށްލަން ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ