ފުލުހުންގެ ޔުނިފޯމަކީ ކޮންމެ ދުވަހަކު ފުލުހުންގެ ހުވާ އާއި އަޒުމުގެ އިތުރުން އަދާކުރާ ޒިންމާތައް ހަނދާން ކޮށްދޭ އެއްޗެއް ކަމަށާއި ޔުނިފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ދަސްވެނިވި ފުލުހުންނަށް ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން އިލްތިމާސް ކުރައްވައިފި އެވެ.
ރޭ އައްޑޫގައި އޮތް ޖަލްސާގައި ވާހަކަދައްކަވަމުން ނަވީން ވިދާޅުވީ ފުލުހުންގެ ވަޒީފާ އަދާކުރާއިރު، ޕްރެޝަރުގައި މަސައްކަތް ކުރަންޖެހޭ ވަގުތުތަކާއި އުނދަގޫ ނިންމުންތައް ނިންމަންޖެހޭ ދަނޑިވަޅުތައް އަންނާނެ ކަމަށެވެ. އެފަދަ ހާލަތްތަކަކީ ފުލުހުންގެ ވިސްނުމާއި އަޒުމް އިމްތިހާނުކުރެވޭ ހާލަތްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެފަދަ އެއްވެސް ވަގުތެއްގައި ފުލުހުން އެކަނި ނުވާނެކަން ހަނދާނުގައި ބެހެއްޓުމަށް ނަވީން އިލްތިމާސްކުރެއްވި އެވެ. އަދި، އެފަދަ ހާލަތްތަކުގައި ވެސް ނަޒާހާތްތެރިކަމާއި ހިތްވަރާއެކު މަސައްކަތް ކުރުމަށްް އޭނާ ގޮވައިލެއްވި އެވެ.
"މި ނޫ ޔުނިފޯމަކީ ރައްޔިތުންގެ ސަލަމަތާއި ރައްކާތެރިކަމުގެ ރަމްޒެއް، އަދުލުވެރިކަމުގެ ރަމްޒެއް، މި ޔުނިފޯމަކީ ދިވެހި ފުލުހުންގެ އަމާނާތެއް، އެހެންކަމުން މި ޔުނިފޯމަށް ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް އަޅުގަނޑު ތިޔަ ހުރިހާ ފުލުހުންނަށް ނަސޭހަތްތެރިވަން،" ނަވީން ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ ފުލުހުންގެ މަގުސަދަކީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށާއި އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެ ކަމަށެވެ.
އެ ކަންކަން އަބަދުމެ ހަނދާނުގައި ބަހައްޓައިފިނަމަ، ރައްޔިތުންނަށް ލިބިދޭންޖެހޭ ރައްކާތެރިކަން، ތަފާތު ކުރުމެއްނެތި ހަމަހަމަކަމާއެކު ފޯރުކޮށްދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ 41 ވަނަ އިނީޝަލް ޓްރެއިނިން ކޯސް ފުރިހަމަކުރި 185 ފުލުހަކު ރޭ ދަސްވެނިވި އެވެ. އޭގެތެރެއިން 96 ފުލުުހުންނަކީ އަންހެނުންނެވެ.
މިފަހަރުގެ ފުލުހުންގެ އިނީޝަލް ކޯހުން އެއްވަނަ ހާސިލުކުރީ ވެސް އަންހެން ފުލުހެކެވެ. ފުލުހުންގެ ތާރީހުގައި ވެސް އިނީޝަލް ޓްރެއިނިން ކޯހުގެ އެއްވަނަ ހާސިލުކޮށްގެން ތާރީހުން ޖާގަ ހޯދީ އިމްޝާ އަބްދުލް ލަތީފް އެވެ.
ދަސްވެނިވި ފުލުހުންނަށް ނަވީން އިލްތިމާސް ކުރެއްވީ ޔުނިފޯމަށް ގަދަރު ކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ދަސްވެނިވި ފުލުހުންނަށް ނަވީން އިލްތިމާސް ކުރެއްވީ ޔުނިފޯމަށް ގަދަރު ކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ