ޝައިޚް ޝަފީޢުގެ ކޮލަމް: ސުންނަތުގެ ދިފާޢުގައި 2

މި ސިލްސިލާގެ އެންމެ ފުރަތަމަ ލިޔުމުގައި ވާނީ ޤުރްއާނިސްޓުން ކަމަށް ދަޢުވާކުރާ މީހުންގެ އެއް ޝުބުހައަށް ރައްދުދީފައެވެ. އެއީ ސުންނަތަކީ ބޭކާރު އެއްޗެއް ކަމަށާއި، ހަމައެކަނި ޤުރްއާނުން ފުދޭނެ ކަމަށް ބުނެ އުފައްދައިފައިވާ ޝުބުހައިގެ ރެއްދެވެ. 
މި ލިޔުމުގައި ވެސް ބަލައިލާނީ އެ މީހުން އުފައްދަމުންދާ އިތުރު ޝުބަހަކަށެވެ. އަދި އެއާ އެކު މާތް ﷲގެ ރަޙްމަތުން މި ޝުބުހައަށް ވެސް އެކަށީގެންވާ ރައްދެއް ދެވޭތޯ ބަލާނަމެވެ. 
ދަޢުވާ2 ؛ " މާތް ﷲ ވަޙީކުރައްވައިފައި ވަނީ މިފަދައިންނެވެ. (مَّا عَلَى الرَّسُولِ إِلَّا الْبَلَاغُ)  މާނައީ: " ތަބްލީޣުކުރުން (އިއްވެވުން) މެނުވީ، ރަސޫލާގެ މައްޗަކަށެއް ނުވެއެވެ". (المائدة: 99)އެހެންކަމުން، މި އާޔަތުގައިވާ ފަދައިން ރަސޫލާއަށް ވަނީ ފޯރުކޮށްދިނުން އެކަންޏެވެ. އެއަށް ތަފްސީރެއް ދިނުން ނުވަތަ އިތުރު ބަޔާނެއް ދިނުން އެކަލޭގެފާނުގެ މައްޗަކަށް ނުވެއެވެ." 
ޖަވާބު: މި ސިލްސިލާގެ ފުރަތަމަ ލިޔުމުގައިވާ ރައްދުން އެކަނި ވެސް މި ޝުބަހައަށް ޖަވާބު ލިބޭނެއެވެ. އެހެން ނަމަވެސް، މި ތަނުގައި ސީދާ މި ޝުބުހައިގައިވާ ނުކުތާއަށް އަލިއަޅުވައިލެވޭތޯ ބަލާނަމެވެ. 
ރަސޫލާ صلى الله عليه وسلمގެ ވާޖިބަކީ ހަމައެކަނި ޤުރްއާން ފޯރުކޮށްދިނުން އެކަނިކަމަށާއި، ކީރިތި ޤުރްއާނުގައިވާ އެއްޗެއް ބަޔާންކޮށްދިނުމާއި، ތަފްސީރުކޮށްދިނުމާއި، ދީން ބަޔާންކޮށްދިނުމަކީ އެކަލޭގެފާނާ ހަވާލުކުރެވިފައިވާ ކަމެއް ނޫން ކަމަށް ބުނުމަކީ، ސީދާ ޤުރްއާނު އާޔަތްތަކުގެ ސާފު މުރާދާ ފުށުއަރާ ކަމެކެވެ. 
ކީރިތި ޤުރްއާނުން ރަސޫލާ صلى الله عليه وسلمއަށް މައިގަނޑު ދެ ވާޖިބެއްވާ ކަން ސާބިތުވެއެވެ.
އެއީ: ފޯރުކޮށްދިނުމާއި ބަޔާންކޮށްދިނުގެ ވާޖިބެވެ.
މާތް ނަބިއްޔާ صلى الله عليه وسلمގެ ވާޖިބުތަކުގެ ތެރޭގައި ކީރިތި ޤުރްއާން މީސްތަކުންނަށް ފޯރުކޮށްދިނުމާއި ބަޔާންކޮށްދިނުން ހިމެނޭ:
ކީރިތި ޤުރްއާނުން ޚުދު އެނގިބަޔާންވަނީ ނަބިއްޔާގެ ވާޖިބާއި މަސްއޫލިއްޔަތަކީ ހަމައެކަނި ޤުރްއާނުގެ ދެލިގަނޑު (އާޔަތްތައް) މީސްތަކުންނަށް ފޯރުކޮށްދިނުން ނޫން ކަމެވެ. އޭގެ އިތުރުން، އެ ޤުރްއާނުގެ އާޔަތްތައް ފޯރުކޮށްދިނުމާއި އެކު އެ އާޔަތްތަކުގެ މުރާދު ވެސް ބަޔާންކޮށްދީ ތަފްސީލުކޮށްދިނު ވެސް ހިމެނޭ ކަމެވެ. 
އެގޮތުން އަންނަނިވި ނުކުތާތަކަށް ބަލައިލުމުން އެކަން އެނގޭނެއެވެ. 
ބަޔާންކޮށްދިނުމުގެ އާޔަތް: މާތްﷲ ނަޙްލު ސޫރަތުގައި ވަޙީކުރައްވައިފައިވެއެވެ.
وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ‎(النحل : 44)
މާނައީ: "އަދި ތިމަންރަސްކަލާނގެ، ކަލޭގެފާނަށް قرآن ބާވައިލެއްވީ، އެއުރެންނަށް ބާވައިލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށް ޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށް ޓަކައެވެ. " (ނަޙްލު: 44) 
މި އާޔަތުން ސާފުކޮށް އަދި ސަރީޙަކޮށް ބަޔާންވެގެންވަނީ ރަސޫލާ صلى الله عليه وسلمއަށް ބަޔާންކޮށްދިނުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވާކަމެވެ. އެބަހީ މީސްތަކުންނަށް ކީރިތި ޤުރްއާނުގައިވާ ކަންކަން ބަޔާންކޮށްދެއްވައި އޮޅުންފިލުވައި ދެއްވުމެވެ. އޭގެ އިތުރުން އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި އެ ޤުރްއާނުގެ މެސެޖު ތަޠްބީޤުކުރައްވައި މީސްތަކުންނަށް ޢަމަލީ ގޮތުން ދެއްކެވުމެވެ. 
 ރަސޫލާ صلى الله عليه وسلمއަކީ ތަންފީޒުކުރުމުގައި ނަމޫނާއެކެވެ:
ކީރިތި ޤުރްއާނުގައި މާތް ﷲ އަޅުގަނޑުމެންނަށް އަމުރުކުރައްވައިފައި ވަނީ މާތް ނަބިއްޔާ صلى الله عليه وسلمއަށް ތަބަޢަވެ އެކަލޭގެފާނަށް އިޤްތިދާވުމަށެވެ.
މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ (الأحزاب : 21)
މާނައީ: "ހަމަކަށަވަރުން، ﷲގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތި ނަމޫނާއެއްވެއެވެ." (އަޙްޒާބު: 21)
މި ނަމޫނާ ހަމައެކަނި އެކަލޭގެފާނުގެ ޝަޚްޞިއްޔަތަށް ހަނިވެފައެއް ނުވެއެވެ. އެހެނެއް ކަމަކު އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައް ވެސް އޭގެތެރޭގައި ހިމެނެއެވެ. އެއީ ދީނުގެ ޢަމަލީ ތަފްސީރެވެ. އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައް ދީނުގެ ބައެއްކަމުގައި ނުބެލެވޭ ނަމަ، މުސްލިމުންނަށް އެކަލޭގެފާނަށް އިޤްތިދާވެވޭނީ ކިހިނެއް ހެއްޔެވެ؟ 
ބަޔާންކޮށްދިނުމުގެ ޢަމަލީ މިސާލުތައް:
ކީރިތި ޤުރްއާނުގައި މާތް ﷲ ކުރައްވައިފައިވާ އަމުރުފުޅުތަކަށް ނަޒަރު ހިންގައިލާއިރު، ބައެއް އަމުރުފުޅުތަކަކީ މާތް ނަބިއްޔާ صلى الله عليه وسلمގެ ބަޔާންކުރެއްވުން ހިމެނިގެން ފުރިހަމަވާން ޖެހޭ ގޮތަށް ބާވައިލައްވައިފައިވާ އަމުރުފުޅުތަކެއް ކަން އެނގެއެވެ. އެ އަމުރުފުޅުތަކަށް ޢަމަލުކުރާނެ ގޮތްތައް އެކަލޭގެފާނު އުންމަތަށް ދައްކަވައިދެއްވައިފައިވާ ކަން ވެސް އެނގެއެވެ. 
އެގޮތުން ބަލާއިރު، މިސާލަކަށް:
ނަމާދު: ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގައި ނަމާދު ޤާއިމުކުރުމަށް އަމުރުކުރައްވައިފައިވެއެވެ. އެހެނަސް ކީރިތި ޤުރްއާނުގައި ނަމާދުގެ ރަކުޢަތުގެ އަދަދު ބަޔާންކުރައްވައިފައެެއް ނުވެއެވެ. އަދި ނަމާދުގެ ވަގުތުތައް ތަފްޞީލުކޮށް ބަޔާންކުރައްވައިފައެއް ވެސް ނުވެއެވެ. އަދި ރުކޫޢުކުރާނެ ގޮތާއި ސަޖިދަކުރާނެ ގޮތް ވެސް ބަޔާންކުރައްވައިފައެއް ނުވެއެވެ. މި ހުރިހާ ތަފްޞީލުތަކެއް އުންމަތަށް ދެއްވައިފައިވަނީ މާތް ނަބިއްޔާ صلى الله عليه وسلمގެ ބަސްފުޅުތަކުންނާއި ޢަމަލުފުޅުތަކުންނެވެ. 
ޒަކާތް: ޤުރްއާނުގައި ޒަކާތް ދިނުމަށް އަމުރުކުރައްވައިފައިވެއެވެެ. އެހެނަސް ޒަކާތުގެ ނިޞާބު ބަޔާންކޮށްފައެއް ނުވެއެވެ. އަދި ކޮންމެ މުދަލަކުން (ރަން، ރިހި، ދަނޑުވެރިކަމުގެ އުފެއްދުންތައް، މޭވާ، އަދި އެހެނިހެން ބާވަތްތަކުން) ނެރެން ޖެހޭ މިންވަރު ވެސް ބަޔާންކުރައްވައިފައެއް ނުވެއެވެ. މި ހުރިހާ ޙުކުމްފުޅުތަކެއް މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަލޭގެފާނުގެ ސުންނަތުގައި ބަޔާންކޮށްދެއްވައިފައިވެއެވެ.  
"ރަސޫލާގެ މައްޗަށް ވަނީ ހަމައެކަނި ފޯރުކޮށްދިނުން" ކަމަށް ބުނެ އުފައްދާ ޝުބުހައަށް ރައްދު:
ޤުރްއާނިއްޔޫން ނުވަތަ ޤުރްއާނިސްޓުން ބަރޯސާވަނީ (مَّا عَلَى الرَّسُولِ إِلَّا الْبَلَاغُ ) މާނައީ: " ތަބްލީޣުކުރުން (އިއްވެވުން) މެނުވީ، ރަސޫލާގެ މައްޗަކަށެއް ނުވެއެވެ". (المائدة: 99) ފަދަ އާޔަތްތަކަށެވެ. އެހެން ނަމަވެސް އެއީ މި އާޔަތުގެ ސިޔާޤުން ބޭރުކޮށް އެބައިމީހުން ގެންނަ މާނައެކެވެ. އެހެނީ، މި އާޔަތުގެ އަސްލު މުރާދަކީ، ނުވަތަ ސިޔާޤަކީ، މާތް ނަބިއްޔާ صلى الله عليه وسلمއަށް ވެސް މީސްތަކުންގެ ހިތްތަކަށް ހިދާޔަތް ވައްދަވައިދެއްވުމުގެ އެއްވެސް ބާރުފުޅެއް ލިބިވަޑައިގެން ނުވާ ކަމެވެ. އެކަލޭގެފާނުގެ މަސްއޫލިއްޔަތަކީ އިސްލާމްދީން މީސްތަކުންނަށް ފޯރުކޮށްދެއްވުން ކަމެވެ. މީސްތަކުންނަށް ހިދާޔަތް ދެއްކެވުމާއި ނުދެއްކެވުން އެއީ މާތް ﷲއަށް ޚާއްޞަވެގެންވާ ކަމެއް ކަމެވެ. 
އެހެންކަމުން، އާޔަތުގެ ސިޔާޤުން ބޭރުކޮށް ހިތުހުރި ގޮތަކަށް މާނަ ނެގުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަން މި ކަމުން ވެސް އަޅުގަނޑުމެންނަށް އެނގި ބަޔާންވެއެވެެ. އެ ކަމުގެ ސަބަބުން މުޅި އިސްލާމްދީނުގެ އަސްލު މަފްހޫމު އެ މީހަކަށް އޮޅިގެން ދިޔަޔަސް، އެ މީހަކަށް އެ ކަން ރޭކައެއް ވެސް ނުލާނެކަން އެނގި ބަޔާންވެއެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ.
މި ލިޔުމުގެ މި ބައި ނިންމައިލަމުން ދަންނަވާނީ، އިސްލާމްދީން ފުރިހަމައަށް ފަހުމުވާނީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތާ އެކުގައި ކަމެވެ. ސުންނަތަކީ ކީރިތި ޤުރްއާނުގެ ޢަމަލީ ބަޔާނެވެ. މި ކަމަށް އިންކާރުކުރާ މީހަކު އެ އިންކާރުކުރަނީ މާތް ﷲގެ ވަޙީބަސްފުޅަށެވެ.
 
- ޝައިޚް ޝަފީޢު ޢަބްދުﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ