އާއިލާ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދަން ޖެހިއްޖެ ނަމަ 30 ދުވަހުގެ ޗުއްޓީއެއް ލިބޭގޮތް ހަދައިފި

އަނބިދަރިން، ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހޭ މީހަކު ދާއިމީ ބައްޔަކަށް ފަރުވާ ހޯދާނަމަ، ޚާއްސަ ސިއްހީ ބޭނުންތަކަށް ދޭ ޗުއްޓީއެއްގެ ގޮތުގައި 30 ދުވަހުގެ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސް ގަވައިދު އިއްޔެ އިސްލާހުކޮށްފިއެވެ. އިއްޔެ އިތުރުކުރި އިސްލާހުގައި ވަނީ ދެ ހާލަތުން ކުރެ ކަމެއް، އެ މުވައްޒަފެއް ޝަރުއީ ގޮތުން ބަަލަންޖެހޭ މީހަކަށް މެދުވެެރިވެއްޖެ ނަަމަ އެ ޗުއްޓީއަށް އެދެވޭނެ ކަމަށެވެ. އެ ދެ ހާލަަތަކީ، ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގު މުއްދަތަކަށް، ބޭސްފަރުވާ ކުރަންޖެހުން ނުވަތަ ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވުމެވެ. މިއިން ހާލަތެއް ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކަށް ދިމާވެއްޖެ ނަމަ، އަސާސީ މުސާރައާއި މަގާމުގެ މުސާރަ ލިބޭގޮތަށް، އަހަރަކު 30 ދުވަސް "ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ގޮތުގައި ދެވިދާނެ ކަމަށް މިހާރު ގަވައިދުގައިވެއެވެ. މި ޗުއްޓީ ދިނުމުގައ،ި އެ މީހަކީ ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއް ތަޙައްމަލުކުރަމުންދާ ފަރާތެއް ކަމަށާއ،ި ބަލީގެ ބާވަތާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް، މެޑިކަލް ސެޓުފިކެޓެއް ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން އެ މުވައްޒަފަކީ ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް އިލްނަސްއެއް ތަޙައްމަލުކުރަމުންދާ ފަރާތެއް ކަމަށާއި ބަލީގެ ބާވަތާއި ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، 60 ދުވަހަށްވުރެ އިތުރަށް ވެސް އެ ޗުއްޓީ ހަމަޖެހޭނެއެވެ. މީގެ އިތުރުން އެ މުވައްޒަފަކީ ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރާ ފަރާތެއްކަމާއި، ސާޖަރީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް މެޑިކަލް ސެޓްފިކެޓް ހުށަހެޅުމުން، 60 ދުވަހަށްވުރެ އިތުރަށް ވެސް އެ ޗުއްޓީ ހަމަޖެހޭނެއެވެ. މި ޗުއްޓީ ލިބޭނީ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި، އެ ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ކަަމަށް ވެސް ގަވައިދުގައިވެއެވެ. މިހާރު މި ގަވައިދަށް އަމަލުކުރަން ވެސް ވަނީ ފަށައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ