މުއްދަތު ޖަހައި ނުދީ ކޯޓުން ހުސައިން ދޫކޮށްލައިފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފުލުހުންގެ އެންގުމަށް ނުކިޔަމަންތެރިވެ، ފޮޓޯ ނެގުމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި, އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން މިއަދު ކޯޓުން މިނިވަން ކޮށްފިއެވެ. އެމްޑީޕީގެ ގާނޫނީ ވަކީލަކު "ސަން" އަށް ވިދާޅުވިގޮތުގައި އިތުރަށް ބަންދުގައި ބެހެއްޓުމަށް އެދި ފުލުހުން މިއަދު ހުސައިން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން, ކޯޓުން ވަނީ މުއްދަތު ނުޖަހައި މިނިވަން ކޮށްފައެވެ. ކޯޓުން ހުސައިނަށް އަންގާފައިވަނީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށެވެ. https://www.sun.mv/211153 ފުލުހުން ރޭ ބުނީ، އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ވަދެ، ފޮޓޯ ނަގަން ފެށުމުން ފުލުހުންގެ އަމަލުތަކަށް ދަތިނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމަށްފަހު ކަމަށެވެ. ފުލުހުން ނަސޭހަތްތެރިވުމުން އޭނާ އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އޮޕަރޭޝަންގެ ތެރެއަށް ވަދެ ހެކީގެ ފޮޓޯނަގަން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނެއެވެ. އެހެންވެ، އޭނާ ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން އެމްޑީޕީން އެ ވަގުތު ވަނީ ހުސައިން ދޫކޮށްލުމަށް ގޮވާލާފައެވެ. އެ ޕާޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ހައްޔަރުކުރީ ބާރުގެ ބޭނުންކޮށްގެން ކަމަށް ބުނެ، ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ބިރު ދެއްކުން ހުއްޓާލަން ގޮވާލައިފައެވެ. މީގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި ހުސައިން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތަމްސީލުކުރައްވަނީ ވިލިނގިލި ދާއިރާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ