ފާޑުކިޔުންތަކަށް ޖޭއެސްސީގެ ރައްދު: "ވަކި ކޯޓެއްގެ ވަކި ފަނޑިޔާރުންނަށް ވަކި ގޮތެއް ނުހަދާނަން"
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ފަނޑިޔާރުންގެ މައްސަލަ ބަލަނީ، ވަކި ފަނޑިޔާރެއް، ވަކި ކޯޓަކަށް ނިސްބަތްވީތީ، ތަފާތުކޮށްގެން ނޫން ކަމަށް ބުނެ، އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް އެ ކޮމިޝަނުން މިރޭ ރައްދު ދީފިއެވެ. ޖޭއެސްސީއަށް ފާޑުކިޔުން އަމާޒުވަމުން އަންނަނީ، ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން ބަލަން ފެށުމާއެކުގައެވެ. އެ ކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ވަނީ މިއީ ކޯޓުތައް ކޮންޓްރޯލްކުރަން، ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. https://sun.mv/214191 ފާޑުކިޔުންތަކަށް ރައްދު ދެމުން މިރޭ ޖޭއެސްސީން ނެރުނު ބަޔާނުގައިވަނީ ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ސަމާލުކަންދެނީ ވަކިކޯޓެއްގެ ފަނޑިޔާރަކަށްވީތީ، ވަކިގޮތަކަށް ޢަމަލުކުރަން ނޫން ކަމަށެވެ. އެއީ ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށްވީ ނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ކޮމިޝަނުން ނިންމާފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. "އެކަން ކޮމިޝަންގެ ތަފާސް ހިސާބުތަކުން ކަށަވަރުކޮށްދެއެވެ. އެގޮތުން، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ތަޙްޤީޤު ކުރަން ނިންމާފައިވަނީ 57 ޝަކުވާއެވެ. އަދި ސުލޫކީ މައްސަލަ ބެލުމަށްފަހު، ސާބިތުވެ، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ ހަ ފަނޑިޔާރުންނަށެވެ. އެއީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 3.4 އިންސައްތައެވެ،" ޖޭއެސްސީން ބުނީ އެ އުސޫލުން މައްސަލަ ބަލަން ނިންމުމުން، މި އަހަރުގެ މިހާތަނަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ނިންމީ ހަ ފަނޑިޔާރުންނަށް ކަމަށާއި، އެއީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާނަމަ މަދު އަދަދެއް ކަމަށެވެ. ޖޭއެސްސީން ބުނީ ކޮމިޝަނުން ސަމާލުކަން ދެނީ ވަކި ފަނޑިޔާރަކަށް، ވަކި ކޯޓަކަށް ނިސްބަތްވުމުން ތަހުގީގުކުރަން ނޫން ކަމަށާއި ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށް ކަމަށެވެ. އެހެންކަމުން ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް އެ ކޮމިޝަނުން ނުދެކޭ ކަމަށް ވަނީ ބުނެފައެވެ. "ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ ރައްޔިތުން އިތުބާރުކުރާ، ޢަދުލުއިންޞާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ ތަނަކަށް ހެދުމަކީ މި ކޮމިޝަންގެ ޒިންމާ އާއި މަސްއޫލިއްޔަތުކަމަށް ވާއިރު، ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގާ، އަވަސްކަމާއެކު އިންސާފު ފޯރުކޮށްދޭ ފަރާތްތަކަކަށް ޝަރުޢީ ކޯޓުތަކުގައި މަސައްކަތްކުރައްވާ އެންމެހައި ފަނޑިޔާރުން ވާންޖެހެއެވެ،" ޖޭއެސްސީން ބުންޏެވެ. ޖޭއެސްސީން ބުނީ ފަނޑިޔާރުންނަކީ އަދުލުވެރި ބަޔަކަށް ހެދުމަށް ފަނޑިޔާރުންނާމެދު ހުށަހެޅޭ ޝަކުވާތައް ބަލައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލައި، ތަމްރީން ދީ، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ ކަމަށް ޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، ފަނޑިޔާރުންގެ މަސައްކަތާ ގުޅޭ އިދާރީ އިންތިޒާމްތަކާއި ކަންކަން ހަމަޖެހިފައިވޭތޯ ކޮމިޝަނުން ދުވަހުން ދުވަހަށް ކަށަވަރުކުރަމުންދާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ