ކައިވެނީގެ ތެރެއިން އެންމެ ގިނަ ޘަވާބު ލިބެން ބޭނުންވާނަމަ އޮތީ ލިބުނު އެންމެ ނިކަމެތި އަންހެނަކާ ކައިވެނިކޮށް ހެޔޮކޮށް ހިތައިގެން ހެޔޮގޮތުގަ ގެންގުޅުން!

ކައިވެނިކުރާއިރު ގިނަ މީހުންނަށް ބެލެނީ އެމީހަކާއި އެއްފެންވަރުން ކައިވެނިކުރުމަށެވެ. ނަމަވެސް މިއީ އަހުރެންނަށް އެހައި ރަނގަޅު ގޮތެއް ނޫނެވެ. އަދި އުފާވެރި ދިރިއުޅުމަކަށް ދިއުން ފަސޭހަވާނެ މަގެއްވެސް ނޫނެވެ.  
މިޘާލަކަށް ދެމީހުންގެ ތަނަވަސަކަން އެއްވަރެވެ. ގެދޮރުގެ ގޮތުން ހަމަހަމައެވެ. ގެދޮރު އެބަހުއްޓެވެ. އާމްދަނީ ލިބެނީ އެއްވަރަކަށެވެ. އެހެންކަމަށްވާނަމަ އެކަކުވެސް އަނެކާއަށް އެއްވެސް މިންވަރަކަށް ބަރޯސާވާކަށް ނުޖެހޭނެއެވެ. މިއީ ޚާއްޞަކޮށް ފިރިހެނުން އަނބިން އިޚްތިޔާރުކުރުމުގައި ވިސްނައިލުން ވަރަށް މުހިންމު މައްސަލައެކެވެ.  
ދެމީހުންނަކީ ހުރިހާ ގޮތަކުން ހަމަހަމަ ދެމީހުންނަށްވެފައި އެކަކު އަނެކަކަށް ބަރޯސާވާން ނުޖެހޭނަމަ ޖެހޭ ކުދިކުދި މައްސަލަތަކާއި ގުޅިގެންވެސް ވަކިވުން އަވަސްވާނެއެވެ. އެއީ ދިރިއުޅުމަށްޓަކައި އެއްވެސް މިންވަރަކަށް އަނެކާއަށް ބަރޯސާވާން ނުޖެހޭތީ ވަކިވާން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތުމުންނެވެ. 
ވީމާ ޚާއްޞަކޮށް ފިރިހެނުންނަށް އަހުރެން ބުނާނީ ތިމާއަށްވުރެ ނިކަމެތި ބައިވެރިއަކު އިޚްތިޔާރުކުރުމަށެވެ. އެއްވެސް ޙާލެއްގައި އެއީ އޭނާގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނެގުމަކަށް ނޫނެވެ. ފިރިމީހާގެ ކިބައިން ބޮޑު ކުށެއް ނުފެންނަމަ ކެތްތެރިވާން މަސައްކަތްކުރާނެތީއެވެ. ވަކިވާންޖެހިއްޖެނަމަ ލިބިދާނެ ނިކަމެތި ކަމަށް ވިސްނާނެތީއެވެ.  
އަދި ބުނަންހެއްޔެވެ؟ ދެރަ ނިކަމެތި ކުއްޖަކާއި ކައިވެނިކޮށް އޭނާއަށް ހެޔޮކޮށް ހިތައި ލޯތްބާއި އަޅައިލުން ދީގެން ގެންގުޅެފިނަމަ އިތުރު ޘަވާބުވެސް ﷲ ތަޢާލާ ދެއްވަވާނެތެވެ. އިން ޝާ ﷲ.  ވީއިރު ކުރަން ކިހައި ފައިދާބޮޑު ކަމެއް ހެއްޔެވެ؟ އަހުރެން ހަމަ ތަކުރާރުކޮށްވެސް ބުނާނީ ލިބުނު އެންމެ ނިކަމެތި އަންހެނަކާއި ކައިވެނިކޮށް އޭނާގެ ހިތުގައި ނުޖައްސުވައި ހެޔޮކޮށް ހިތުމަށެވެ. އެއިރުން އެމީހަކަށް ދުނިޔޭގައިވެސް ރަނގަޅު ގޮތްތައް މެދުވެރިކުރައްވަވާނެތެވެ. އިން ޝާ ﷲ
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ