ރާއްޖެއަށް ވަގަށް ސިނގިރޭޓު އެތެރެކޮށްގެން ކަސްޓަމްސްއިން ހިފަހެއްޓި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުން ވަގަށް ނެގި މައްސަލައިގައި ހައްޔަރު ކުރި ދެ މީހަކު ކުށަށް އިއުތިރާފްވެފައިވާކަން 'ދައުރު'އަށް އެނގިއްޖެ އެވެ. އޭގެ އިތުރުން، ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އެޕޯލޯ ހޯލްޑިންސްގެ ހިއްސާދާރެއް ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) ތަހުގީގަށް އެއްބާރުލުން ނުދޭކަން ވެސް ވަނީ އެނގިފަ އެވެ.
ވީ ކިިހިނެއް؟ - މިދިޔަ އެޕްރީލް މަހު ފަހުކޮޅު ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ މި ސިނގިރޭޓުތައް ގެއްލުނުކަން ފެންމަތީވީ މިދިޔަ މަހު ކުރީކޮޅު އެވެ. މި މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ތަފްސީލު - ހައްޔަރު ކުރި މީހުންގެ ތެރެއިން ކުށަށް އިއުތިރާފްވެފައި ވަނީ، 'ދައުރު'އަށް އެނގިިފައިވާ ގޮތުގައި އެމްޕީއެލްގެ ދެ މުވައްޒަފުންނެވެ. އެއީ:
އަހްމަދު ޝަމީމް، 42، ނޫރަލީގެ/ހދ. ވައިކަރަދޫ
ހުސައިން ސާމިހް، 35، ޗާންދަނީގެ/ސ. ހިތަދޫ
މި މައްސަލައިގައި ހައްޔަރު ކުރި އެންމެން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ހައްޔަރުގައި ތިބި ދެ ވިޔަފާރިވެރިންގެ ތެރެއިން އެކަކަކީ މުހައްމަދު ވަހީދެވެ. ދެން ހިމެނޭ ވިޔަފާރިވެރިޔަކީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އެވެ.
އިތުރުބާރު ހުރި މަސްދަރުތަކުން 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ހައްޔަރު ކުރި މީހުންގެ ތެރެއިން މުހައްމަދު ވަހީދު ފިޔަވައި ދެން ތިބި އެންމެން ތަހުގީގަށް އެއްބާރުލުން ދީ، އެ މީހުންގެ ބަޔާން ވަނީ ދީފަ އެވެ. ނަމަވެސް އަދި މިހާތަނަށް މުހައްމަދު ވަހީދު ތަހުގީގަށް ބަޔާނެއް ވެސް ދީފައެއް ނުވެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ވަގަށް ނެގި މި ޝިޕްމެންޓްގައި ހިމެނޭ ބްރޭންޑްތަކުގެ ސިނގިރޭޓަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގުތަކަށް ބަލާއިރު، ޑިއުޓީއަށް ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވެ އެވެ. އަދި މިހާތަނަށް މި ސިނގިރޭޓުތައް ވެސް ފެނިފައެއް ނުވެ އެވެ.
ސިނގިރޭޓު ވައްކަން: 2 މީހަކު އިއުތިރާފްވެއްޖެ، ވަހީދު އެއްބާރުލުމެއް ނުދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ