މުސްލިމް އަޚުންނޭވެ! މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރޭގައި މިސްކިތުގެ ޙުރުމަތް ކަނޑައިލުން ހިމެނެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންގެ ކަންކަން ހުންނަގޮތަކީ، ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށިކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުމާއި، ޖަދަލުކުރުމާއި، ހަޑިހުތުރު އެއްޗެހިގޮވުމާއި، ޒުވާބުކުރުމާއި، މީސްތަކުންގެ އަބުރާބެހުމާއި، ދޮގުވާހަކަތައް ފެތުރުމާއި، މިފަދަ ކަންކަންކުރުމެވެ.
މިފަދަ މީހުންނަށް، އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ފަހެ ކޮބައިހެއްޔެވެ؟ ނަމާދުކުރުމުން ލިބުނު މަތިވެރި ޘަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގައިލައި، އެނބުރި ގެއަށްދަނީއެވެ. މިކަންކަމާމެދު ވިސްނައިލާކަށް ނުވޭހެއްޔެވެ؟ މިފަދަ ކަންކަންކުރާ މީހުން ޙައްޤުގެ މަގަށް އެނބުރި އަންނާށެވެ!
ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާ އެކީ ގެއަށް އެނބުރި ދާމީހާގެ މާތްކަމުގެ ބޮޑުކަމާއެވެ! މުސްލިމުން އެއްބަޔަކު އަނެއްބަޔަކާމެދު ޢަމަލު ބަހައްޓަންވީ ގޮތް ބަޔާންކުރައްވައި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ! އެކަކު އަނެކަކު ދެކެ ރުޅިނާންނާށެވެ! އެކަކު އަނެކަކަށް ފުރަގަސްނުދޭށެވެ! اللهގެ އަޅުންގެ ގޮތުގައި، އަޚުންތަކެއްކަމުގައި ތިޔަބައިމީހުން ވާށެވެ! އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ! ފަހެ، އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ، އޭނާގެ އަޚާއަށް ނަޞްރުވެރިވެ އަޅާނުލައި ދޫކޮށެއް ވެސް ނުލާނެއެވެ. އޭނާ، އޭނާގެ އަޚާ ނިކަމެއްޗެއް ވެސް ނުކުރާނެއެވެ. އެއް މުސްލިމެއްގެ ލެއާއި (އެބަހީ: ފުރާނައާއި) މުދަލާއި އަބުރު، އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވެއެވެ."[1]
ޚުޠުބާ: ނަމާދުކުރުމުން ލިބޭ ރޫޙާނީ ފައިދާ ނަގައިލާ ބައަކަށް ނުވާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ