ދިވެހިރާއްޖޭގެ ޒުވާނުންގެ ތެރެއިން، ތަޢުލީމީ ދާއިރާއިންނާއި ކުޅިވަރުގެ މައިދާނުން ވެސް އާދަޔާ ޚިލާފު ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ އުމުރުން 19 އަހަރުގެ ނުހާ ރިލްވާނަކީ މުޅި ދިވެހިރާއްޖެ ފަޚުރުވެރިވާ ފަދަ އޯލްރައުންޑަރެކެވެ. އުމުރުން އެންމެ 10 އަހަރުން ފެށިގެން ކުޅިވަރުގެ ދުނިޔޭގައި ޖަވާހިރުތަކެއް ފަދައިން ވިދާލަމުން އަންނަ ނުހާ، މިދިޔަ އަހަރުގެ އޭ.ލެވެލް އިމްތިހާނުން ދެއްކި ފުރިހަމަ ކާމިޔާބީއާއެކު މިވަނީ އިތުރު ހަރުފަތަކަށް އަރާފައެވެ. އޭ.ލެވެލްއިން އެއްވަނަ ދަރަޖައިގައި ފާސްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް 11 ދަރިވަރަކަށް، އަދި ހައި އެޗީވާސް ސްކޮލަރޝިޕް 87 ދަރިވަރަކަށް ލިބިފައިވާ އިރު، މި ކާމިޔާބީތަކުގެ ތެރޭގައި ނުހާގެ ނަން ވެސް ފާހަގަކުރެވިފައިވާކަން ފަޚުރުވެރިކަމާއެކު ފާހަގަކުރަމެވެ.
ތަޢުލީމީ ދާއިރާއިން ހާސިލުކުރި ރަން ކާމިޔާބީތައް:
ނުހާ ރިލްވާނަކީ ހަމައެކަނި ކުޅިވަރަށް މޮޅު ކުއްޖެއް ނޫނެވެ. އޭނާގެ ތަޢުލީމީ އަޒުމަކީ ވެސް މަތިވެރި އަޒުމެކެވެ. އޭ.ލެވެލްގައި ނުހާ ހާސިލުކުރި ކާމިޔާބީތަކަކީ އެތައް ދަރިވަރުންނަށް ނަމޫނާ ދައްކުވައިދޭ ކާމިޔާބީތަކެކެވެ. އޭނާ ވަނީ:
އޭ.ލެވެލް ޓޮޕް 10 އިން އެއްވަނަ ހާސިލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ކާމިޔާބުކޮށްފައެވެ.
އަހުމަދިއްޔާ ސްކޫލްގެ މޮކް އިމްތިހާނުން ސްކޫލްގެ ޓޮޕް 10 އިން 4 ވަނަ ހާސިލުކޮށްފައެވެ.
އޭނާއަށް ވަނީ ސްކޫލްގެ "ބެސްޓް އޯލް ރައުންޑާ" ގެ ލަޤަބު ވެސް ލިބިފައެވެ.
ޗެސްގެ ދުނިޔޭގައި ނުހާގެ ފިޔަވަޅުތައް:
ނުހާއަކީ އުމުރުން 10 އަހަރުން ފެށިގެން ރާޒުވާ ކުޅުމަށް މޮޅު ކުއްޖެކެވެ. އޭނާ ބުނި ގޮތުގައި، އޭނާގެ ދޮންބެއަކީ ވެސް ރާޒުވާއަށް މޮޅު މީހެކެވެ. ބައްޕަގެ ހިތްވަރާއެކު 2016 ވަނަ އަހަރު ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރިވެ، ސީނިއާ ނެޝަނަލް ޓީމަށް ހޮވުމާއެކު، ރާޒުވާގެ ދާއިރާއިން ކުރިއަށް ދެވިދާނެ ކަމުގެ ޔަގީންކަން ނުހާއަށް ލިބުނެވެ.
ނުހާގެ ފުރަތަމަ ތަޖުރިބާ ހިއްސާކުރަމުން އޭނާ ބުނީ "ބައްޕަ އަޅުގަނޑަށް ޗެސް އިންޓްރޮޑިއުސްކޮށްފަ ބައްޕަ ސަޖެސްޓުކުރީ ނުހާވެސް ޓްރައިކުރަންވީ ނޫންހެއްޔޭ މި ސްޕޯޓްސް. ކަމުދޭތޯ ބަލާލަން. ބައްޕަ ގައިޑްކޮށްދީގެން އެންމެ ފުރަތަމަ މުބާރާތަކަށް ކުޅުނީ 2016 ގައި ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް. އެއީ ހަޔާތުގެ އެންމެ ފުރަތަމަ މުބާރާތް. އެންމެ ފުރަތަމަ ޗެސް އެކްސްޕީރިއަންސް ކުރެވުނީވެސް މި މުބާރާތުން. އަޅުގަނޑު ގައުމީ ޓީމަށް ހޮވުނީ އެ މުބާރާތް ކުޅެގެން." ކަމަށެވެ.
މިކަމާއެކު ނުހާ ބުނި ގޮތުގައި: "އެހިސާބުން ފެށިގެން އަޅުގަނޑު އަޒުމު ކަނޑައެޅިން ޗެސް ކުޅުމުގައި އަޅުގަނޑު ދެމިހުންނާނަމޭ.!" ގްރޭޑް 5 ގައި އުޅެނިކޮށް ސްރީލަންކާގައި ބޭއްވި ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕުގައި ބައިވެރިވެ ރާއްޖެ ތަމްސީލުކޮށްފައިވެއެވެ. އެ މުބާރާތް ނިމުމާއެކު، ވޯލްޑް ޗެސް އޮލިމްޕިއާޑް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް އަޒަރުބައިޖާނަށް ނުހާ ދިޔައެވެ.
2018ވަނަ އަހަރު ބެޓޫމީ ޗެސް އޮލިމްޕިއާޑުގައި ރާއްޖޭގެ ގައުމީ ޓީމު ތަމްސީލުކުރުމުގެ ފުރުޞަތު ލިބި، އެ މުބާރާތުން މޮޅުވެ "ވިމެން ފިޑެ މާސްޓާ (ޑަބްލިޔުއެފްއެމް)" ގެ އިންޓަނޭޝަނަލް ޗެސް ޓައިޓަލް ނުހާއަށް ލިބުނެވެ. މިއީ ދިވެހިރާއްޖެއަށް މިފަދަ ފފުރަތަމަ ޓައިޓަލްއެވެ. އަދި މިހާތަނަށް އިތުރު އެއްވެސް މީހަކު މި ޓައިޓަލް ހާސިލުކޮށްފައެއް ނުވެއެވެ.
ގްރޭޑް 6 އިން ފެށިގެން ނުހާވަނީ އިންޓަސްކޫލް ޗެސް މުބާރާތުގައި ކޮންމެ އަހަރަކުވެސް ބައިވެރިވެފައެވެ. ގްރޭޑް 6 އަދި 7 ގައި އުޅުނުއިރު ޓީމެއްގެ ގޮތުގައި ކުޅެ އެ މުބާރާތްތަކުން އެއްވަނަ ހާސިލުކުރިއިރު، ގްރޭޑް 8 ގައި ދެވަނަ ހާސިލުކުރިއެވެ. މީގެ އިތުރުން ނެޝަނަލް ޖޫނިއާ ޗެމްޕިއަންޝިޕްގައި 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބައިވެރިވެ، އަންޑަ18 އިން ކޮންމެ އަހަރަކު ޗެމްޕިއަން ޓައިޓަލް ހާސިލުކޮށްފައިވެއެވެ.
"ވަރަށް އުފާވޭ އަލްހަމްދުލިﷲ! ވަރަށް އޯވާވެލްމްޑް ފީލްވޭ އަސްލު، ކުޅިވަރުގެ ތެރޭގައި މިހެން އުޅޭއިރު ކިޔެވުން ބެލެންސް ކުރަން އަސްލު އުދަގޫ." މިއީ ހަމަ އެކަނި ނުހާއަށް ކުރިމަތިވާ ކަމެއް ނޫން ނަމަވެސް، އޭނާގެ އަޒުމާއި ހިތްވަރުން މި ގޮންޖެހުންތައް ނުހާވަނީ ފަތަޙަ ކޮށްފައެވެ.
2020ވަނަ އަހަރު ސައުތު އޭޝިއަން ޗެސް ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ސައުތު އޭޝިއަން ޗެސް ފެސްޓިވަލް ފޯ ކެޑޭޓްސް، ޔޫތު އެންޑް ޑިސޭބަލްޑް ޖޫނިއާސް" އިން ނުހާ ރިލްވާން ވަނީ ރިހި މެޑަލް ހާސިލުކޮށްފައެވެ. މިފަދަ ގިނަ ކާމިޔާބީތައް ކޮންމެ އަހަރަކު ނުހާ ދަނީ ހާސިލު ކުރަމުންނެވެ.
ކުޅިވަރާއި ތަޢުލީމް އެއް ހަމައެއްގައި ބެހެއްޓުން:
ނުހާއަކީ ކިޔެވުމާ އެއްވަރަށް ކުޅިވަރަށް ވެސް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ސްކޫލުގައި ކުޅިވަރެއް ބާއްވައިފިނަމަ، އެ ކުޅިވަރެއްގައި ނުވަތަ އެ މުބާރާތެއްގައި އޭނާ ބައިވެރިވާނެއެވެ. ގްރޭޑް 4 އިން ފެށިގެން ބެޑްމިންޓަން، ހޭންޑްބޯލް، ނެޓްބޯލް، ބާސްކެޓްބޯޅަފަދަ ކުޅިވަރުތައް ކުޅުނު ކަމަށާއި، އަހުމަދިއްޔާގެ މަތީ ސާނަވީ ދެ އަހަރުވެސް އަދަބީ ހަރަކާތްތަކުގައި ބައިވެރިވެ ވަނަތައް ހާސިލުކޮށްފައިވާކަމަށް ނުހާ ބުންޏެވެ. އެގޮތުން ސްކޫލް މަދަހަ މުބާރާތުގައި ބައިވެރިވެ ހައުސްއަށް އެއްވަނަ ހޯދާފައިވާއިރު، އަމިއްލަގޮތުން ބައިވެރިވެގެން އެ މުބާރާތުން ތިންވަނަ ނުހާ ވަނީ ހޯދާފައެވެ. ގްރޭޑް 12 ގައި އުޅުނުއިރު، ރައިވަރު މުބާރާތެއްގައި ބައިވެރިވެ ނުހާ ވަނީ އެއްވަނަ ހޯދާފައެވެ.
ނުހާ ބުނިގޮތުގައި ކުޅިވަރުގެ ދުނިޔޭގައި ފިޔަޖަހަމުން ދިޔަނަމަވެސް، ކިޔެވުމަށް އޭގެ އަސަރުނުކުރެއެވެ. އުދަގޫތަކާ ކުރިމަތިވިނަމަވެސް ހިތްވަރާ އަޒުމާއެކު ކުރިޔަށް ގޮސް، މިއަދު ހާސިލުކުރެވުނު ކާމިޔާބުން ނުހާގެ އިތުރުން އޭނާގެ މައިންބަފައިންވެސް ވަރަށް އުފާވެއެވެ.
އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވެ ރާއްޖެއިން ބޭރުގައި އުޅޭއިރު ގިނަ ކުލާސްތައް ގެއްލި ފިލާވަޅުތައް ގެއްލޭކަމަށް ނުހާ ކިޔައިދިނެވެ. ސާނަވީ ގްރޭޑްތަކުގައި ތަޢުލީމު ހާސިލުކުރަމުންދިޔައިރު މިގޮތަށް ރާއްޖެއިން ބޭރަށްދާން ޖެހޭ ދުވަސްތަކުގައި ސްކޫލުން ލީވް ނުދިނުމުގެ ސަބަބުން އެ ދުވަސްތަކަށް އެބްސެންޓު އެރިނަމަވެސް، މުބާރާތް ނިންމާލާފައި އެނބުރި އައިސް ގެއްލުނު ހުރިހާ ފިލާވަޅުތައް ނުހާ ހަދައެވެ. ފިލާވަޅުތައް ފަރިތަކޮށް ޓެސްޓަށް ތައްޔާރުވެއެވެ.
"10އިޔާސްއިން ފެށިގެން ކޮންމެ އަހަރަކު ވަރަށް ބޮޑަށް ސްޓްރަގަލްކުރިން ކިޔަވަން. މުބާރާތެއް ކުޅެފަ އަންނަންޏާމުން އިންނާނީ ސްކޫލުން ބައެއް ގެއްލިފަ. ދެން އަޅުގަނޑަކީ ސްކޫލަށް ވަރަށް ބޮޑަށް ފޯކަސްކޮށްގެން ވަރަށް ބޮޑަށް ބަލައިގެން ސްކޫލުން އެއްވެސް ފިލާވަޅެއް ގެއްލިއްޖިއްޔާ ވަރަށް މަސައްކަތްކޮށްގެން ހޯދަން ޓްރައިކުރާ ކުއްޖެއް. އެހެންވީމާ ކޮންމެ ފަހަރަކުވެސް މުބާރާތެއް ނިންމާފަ އައިސް އެއްހަފްތާ ދެހަފްތާ ދާނެ ގެއްލުނު ފިލާވަޅުތައް ހޯދުމުގަ." ނުހާ ބުންޏެވެ.
ޢާއިލާގެ އެއްބާރުލުމާއި ސްކޫލްގެ އެހީތެރިކަން:
ކިޔެވަމުން ކުޅިވަރުގައި ކާމިޔާބު ހޯދަމުންދިޔައިރު، މި ހުރިހާ ކަމެއްގައި ޢާއިލާއިން ވަރަށް ބޮޑު ސަޕޯޓެއް ލިބުނުކަން ނުހާ ފާހަގަކުރިއެވެ. އެގޮތުން އޭނާގެ މަންމަ އާއި ބައްޕަ، ވަކިން ޚާއްޞަކޮށް މާމަގެ ފަރާތުން ލިބޭ އެއްބާރުލުމާ ހިތްވަރަށް ނުހާ ވަނީ ޝުކުރު އަދާކޮށްފައެވެ. ނުހާ ބުނިގޮތުގައި އޭނާގެ ޗެސް މުބާރާތެއް އޮތިއްޔާ މުބާރާތުގައި ވާނުވާ ބަލަމުން މެޗް ނިންމާފައި ނުހާ އަންނާނެ އިރަކަށް މާމަ އިންތިޒާރުކުރާނެއެވެ.
އަހުމަދިއްޔާ ސްކޫލުން ނުހާއަށް ދިން އެއްބާރުލުން ފާހަގަކުރަމުން ނުހާ ބުނީ އެހެން ސްކޫލްތަކުގައި އުޅުނުއިރު ޗެސް މުބާރާތްތަކަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ދުވަސްތަކުގައި "ނާދެ" އެރުވިޔަސް، އަހުމަދިއްޔާއިން އޭނާއަށް ދުވަހަކުވެސް ސްކޫލަށް ހާޒިރު ނުވާ ދުވަހެއްގެ ގޮތުގައި ނުޖަހާ ކަމަށެވެ. އަދި މުބާރާތް ނިންމާލާފައި އެނބުރި އައިސް ގެއްލުނު ފިލާވަޅުތައް ހޯދައި، ފިލާވަޅުތައް މުޠާލިޢާކުރުމަށް އަހުމަދިއްޔާ ސްކޫލުގެ ޓީޗަރުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށް ނުހާ ބުންޏެވެ.
ކިޔެވުމަށްޓަކައި ކުރި ޤުރުބާނީއާއި ކުރިމަގުގެ އުއްމީދުތައް:
"އަސްލު ވަރަށް މޯޓިވޭޓްވި، އަހުމަދިއްޔާގައި އުޅެމުން އިތުރަށް ޗެސް ކެރިއާ ކުރިއަރުވަން އެކަމަކު އޭގެ އިތުރުން އޭލެވެލް ފެށިއިރު އަޅުގަނޑުގެ އުއްމީދަކަށްވީ ކިޔެވުމަށް ބޮޑަށް ފޯކަސްކުރުން. ގްރޭޑް 10 ނިންމުމަށްފަހު ޗެސް ފިޔަވާ ދެން ހުރި ސްޕޯޓްސްތައް ހަމަ އަޅުގަނޑު އެއްކޮށް ހުއްޓާލީ." ނުހާ ބުންޏެވެ.
ގްރޭޑް 10 ގައި އުޅުނުއިރު ޓޮޕް10 ގައި ހިމެނޭނެކަމަށް ނުހާ އުއްމީދުކުރިނަމަވެސް އެފަހަރު ވަނައެއް ނުލިބުމުން ނުހާ ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާގެ ޢާއިލާއިން ދިން ހިތްވަރާ އަޒުމުގައި އަހުމަދިއްޔާ ސްކޫލުން ނުހާ ހޯދި ރަން ވަނަތަކަކީ ވަރަށް އުއްމީދުކޮށްގެން ހުއްޓާ ލިބުނު، ހާސިލުކުރެވުނު ކާމިޔާބީއެއް ކަމަށް ނުހާ ބުންޏެވެ.
އޭ.ލެވެލްއިން ލިބުނު ކާމިޔާބީއާ އަދި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕަށް ރާއްޖެއިން ބޭރަށް ކިޔަވަން ދިޔަނަމަވެސް، ޗެސް ދޫކޮށްނުލާނެ ކަމަށާއި ރާއްޖެ ތަމްސީލުކުރާ މުބާރާތްތަކާއި ރާއްޖެ އައިސް ކުޅެން ޖެހޭ މުބާރާތްތަކުގައިވެސް ބައިވެރިވާނެ ކަމަށް ނުހާ ބުންޏެވެ. މިހާރު މިއީ ރާއްޖޭގެ އަންހެން ނެޝަނަލް ޓީމުގައި ނުހާ ތަމްސީލުކުރާތާ 10 ވަނަ އަހަރެވެ.
ނުހާ އިތުރަށް ބުނީ ގްރޭޑް 10 ގެ މޮކް ޓެސްޓު އޮތް ދުވަސްކޮޅާ އިންޓަސްކޫލް ޗެސް ޗެމްޕިއަންޝިޕް މުބާރާތާ ދިމާވުމުން، ޓެސްޓު ހަދަމުން ނުހާ ވަނީ ކުޅުނު ހުރިހާ ރައުންޑަކުން މޮޅުވެ، މުބާރާތް ކުޅެ އެއްވަނަ ހޯދާފައެވެ. މި މުބާރާތަކީ ކޮންމެ އަހަރަކު ނުހާ އެއްވަނަ ހާސިލުކުރަމުން އައި މުބާރާތެވެ.
އޭ.ލެވެލް ހަދަން ތައްޔާރުވަމުން ދިޔަ ވަގުތު ބުޑަޕެސްޓު، ހަންގޭރީގައި ޗެސް އޮލިމްޕިއާޑް މިދިޔަ އަހަރު ސެޕްޓެމްބަރުގައި ބޭއްވުމުން، މި މުބާރާތުގައި ބައިވެރިވާން ބޭނުންވި ނަމަވެސް، ނުހާ ވަނީ އޭނާގެ ޓާގެޓަށް ވާސިލުވުމަށް ކިޔެވުން މުހިންމު ކަމަށް ދެކި އެ މުބާރާތް ދޫކޮށްލާފައެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑު ޗެސް މުބާރާތަށްވެފައި އެ މުބާރާތުގައި ބައިވެރިވާން ނުހާ ވަރަށް ބޭނުންވިއެވެ.
"ވަރަށް ދެރަ ދެން، ސެކްރިފައިސްކޮށްލީ މިފަހަރު ޗެސް، އެއީ ކިޔެވުމަށްޓަކައި. ޓީމްވެސް ވަރަށް ދެރަވެފަ ތިބީ. މުބާރާތް ކުޅެގެން ވަނަ ހޯދަން ވަރުގަދަ ޓީމެއް އޮތްވާ އަޅުގަނޑު ކިޔެވުމަށްޓަކައި ޗެސް މުބާރާތް މިފަހަރު ސެކްރިފައިސްކޮށްފަ ކިޔެވުމަށް ފޯކަސްކޮށްފަ އޭލެވެލް ހަދަން މަޑުކުރީމަ ޓީމްވެސް ވަރަށް ދެރަވެފަ ތިބީ. އަޅުގަނޑު ޓީމް ކައިރީ ބުނިން ހަޔާތުގަ އެންމެ ފަހަރަކުއޭ އޭލެވެލް ހެދޭނީ. އެކަމަކު ކުރިޔަށް އޮތްތަނުގައި އަޅުގަނޑަށް ޗެސް ކުޅެވޭނޭ، ކުރިޔަށް އޮތްތަނުގައި ގަދައަޅާ މަސައްކަތްކޮށްގެން ޓީމްގަ މެއިންޓެއިންވެފަ އިތުރު އޮލިމްޕިއާޑްއަކަށްވެސް ދެވިދާނޭ. އެކަމަކު ހަޔާތުން އެއްފަހަރުއޭ އޭލެވެލް ހަދާފަ ރައީސުލްޖުމްހުރިއްޔާގެ ސްކޮލާޝިޕަށް އެއިމް މިކުރެވެނީ. އެހެންވީމަ މިފަހަރު އަޅުގަނޑު މި ސްކޮލާޝިޕް ހޯދުމުގެ ނިޔަތުގައި މި މަޑުކޮށްލަނީއޭ ކިޔަވަން. ދެޓް ސެކްރިފައިސް ވޯސް ވޯތު ވަރަށް. ޑްރީމް އެޗީވްވީ."
މިއީ ހަމަ ކިތަންމެ ބޮޑު ޤުރުބާނީއެއް ނަމަވެސް، އޭގެ ނަތީޖާއަށް މިއަދު އޭނާ ފަޚުރުވެރިވެއެވެ.
ކާމިޔާބީގެ ސިއްރު
ކިތަންމެ ގިނަ ކުޅިވަރުތަކުގައި އުޅުނަސް، ކިތަންމެ ކިޔަވަން ވަގުތު ހޭދަކުރިޔަސް، އެއްވެސް ވަރަކަށް ނަމާދު ދޫކޮށް ނުލުމަށާއި، ކަމެއް ހާސިލުކުރުމަށް މަސައްކަތްކުރަންޏާ އެންމެ ފުރަތަމަވެސް އެކަލާނގެ ހަޒުރަތުގައި ދެންނެވުމަށް ނުހާގެ މައިންބަފައިން އަބަދުވެސް އޭނާއަށް ނަސޭހަތްތެރިވެއެވެ. އަދި ކޮންމެ މެއް ހާސިލު ވިޔަސް އެންމެ ފުރަތަމަ މާތްﷲއަށް ޝުކުރު ދެންނެވުމަށް އޭނާއަށް ނަސޭހަތްތެރިވެއެވެ. އެހެންކަމުން މިއަދު މި ހާސިލުކުރެވުނު ކާމިޔާބީއަށްޓަކައި ހެއްދެވި ފަރާތަށް ޝުކުރު އަދާކުރުމަށްފަހު، ނުހާ ވަނީ އޭނާގެ މައިންބަފައިންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.
ނުހާ ރިލްވާނަކީ، ތަޢުލީމާއި ކުޅިވަރުގެ ދާއިރާއިން ދިވެހި ޤައުމަށް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދައިދެމުންދާ ޒުވާން އަންހެންކުއްޖެކެވެ. އޭނާގެ އަޒުމާއި ހިތްވަރުން، ގޮންޖެހުންތަކާ ކުރިމަތިލާ، ކިޔެވުމާއި ކުޅިވަރުގެ މެދުގައި ހަމަޖެހުން ގާއިމުކޮށްފައިވާ މި ޝަޚްޞިއްޔަތަކީ، ކުރިމަގުގެ ޒުވާނުންނަށް މޮޅު ނަމޫނާއެކެވެ. އިސްލާމީ އަގީދާ ވަރުގަދަކޮށްގެން، އާއިލާގެ އެހީތެރިކަމާއެކު، އޭނާ ކުރަމުންދާ މަސައްކަތްތަކުން ދިވެހިރާއްޖޭގެ ނަން ރާއްޖެއާއި ބޭރުގައި ދަނީ ވިދާލަމުންނެވެ. ނުހާ ރިލްވާނަށް އިތުރު ކާމިޔާބީތަކަށް އެދި، މިފަދަ ހީވާގި ޒުވާނުން ގިނަވުމަކީ ދިވެހި ޤައުމަށް ލިބޭނެ ފަޚުރެކެވެ.
ނުހާ ރިލްވާން: ތަޢުލީމީ އަދި ކުޅިވަރުގެ ދުނިޔޭގައި ފިޔަޖަހަމުންދާ ކާމިޔާބު ޝަޚްޞިއްޔަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ