48 ޕަސެންޓް ދިވެހި އަންހެނުން ވަޒީފާއަށް ނުދޭ، ސަބަބަކީ އާއިލީ ޒިންމާ

މާލޭ ސަރަހައްދުގެ ވަޒީފާ އަދާކުރެވޭ އާބާދީގައި ހިމެނޭ އަންހެނުންގެ ތެރެއިން، ރަސްމީ ވަޒީފާތަކުގައި ތިބީ 51.6 ޕަސެންޓު އަންހެނުން ކަމަށާއި އެފަދަ ވަޒީފާއަކަށް ނުދާ ގިނަ މީހުންނަކީ އާއިލާ ޒިންމާތައް ނުވަތަ ގޭތެރޭގެ މަސައްކަތުގައި ބޮޑަށް ޝާމިލުވާ މީހުން ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން މިއަދު ވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކަށް ޒިޔާރަތްކޮށް، މިދިޔަ އަހަރުގެ އޮކްޓޫބަރުން ފަށައިގެން ކުރިއަށްގެންދިޔަ ލޭބާ ފޯސް ސާވޭގެ ނަތީޖާ އާންމުކޮށްފައެވެ. އެ ސާވޭގައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުން ޑިސެންބަރަށް އެއްކޮށްފައިވާ ތަފާސްހިސާބާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ، ޖެނުއަރީން މާރިޗު މަހަށް އެއްކޮށްފައިވާ ތަފާސްހިސާބުން ފެންނަ ބަދަލުތައް ފާހަގަކޮށްފައެވެ. އެ ތަފާސްހިސާބުގައިވާ ގޮތުން، މާލޭ ސަރަހައްދުގައި ވަޒީފާ އަދާކުރެވޭ އުމުރު ކަމަށްވާ، 15 އަހަރުންގެ މަތީގެ މީހުންގެ އާބާދީ 187،390އަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ 127،696 (68.4 ޕަސެންޓް) ދިވެހީންނާއި 59،694 ބިދޭސީންނެވެ. ތަފާސްހިސާބުގައިވާ ގޮތުން، އޭގެ ތެރެއިން 140،255 މީހުންނަކީ ވަޒީފާ އަދާ ކުރަމުންދާ މީހުންނެވެ. އަދި 2،176 މީހުންނަކީ ވަޒީފާ އަދާނުކުރާ ނަމަވެސް، ވަޒީފާއެއް ހޯދަމުންދާ މީހުންނެވެ. ބާކީ 44،959 މީހުންނަކީ އެކި ސަބަބުތަކާ ހެދި ވަޒީފާއެއް ނުހޯދާ އަދި ވަޒީފާ އަދާކުރެވެން ނެތް ކަމަށް ބުނި މީހުންނެވެ. ސާވޭއިން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކެޓަގަރީއަށް ވަނީ 1،861 މީހުން އިތުރުވެފައެވެ. އިމިގްރޭޝަނުން ވަޒީފާތަކަށް ހުޅުވާލުމުން ކިއު ހަދައިފައި: ވަޒީފާ ހޯދާ ނަމަވެސް، ވަޒީފާ އަދާ ނުކުރާ މީހުންގެ ނިސްބަތް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ ދަށްވެފައި --- ފޮޓޯ/ އިމިގްރޭޝަން އެ 44،959 މީހުންގެ ތެރެއިން 7،622 (17 ޕަސެންޓު) މީހުންނަކީ ވަޒީފާ އަދާކުރުމުގެ ގާބިލުކަން ލިބިފައިވާ މީހުންކަން ސާވޭގައި ފާހަގަކޮށްފައިވެއެވެ. ބާކީ 37،337 މީހުންނަކީ ދަރިވަރުންނާއި، އާއިލީ ޒިންމާތަކާއި އެފަދަ ގޭތެރޭގެ މަސައްކަތްތައް ކުރާ މީހުންނާއި ބަލި މީހުންނެވެ. މީގެ އިތުރުން ވެސް، އެހެން ސަބަބުތަކާ ހެދި ވަޒީފާއެއް އަދާނުކުރާ މީހުން އޭގެ ތެރޭގައި ހިމެނެއެވެ. އެ 37،337 މީހުންގެ ތެރޭގައި 27،464 އަންހެނުންނާއި 9،873 ފިރިހެނުން ހިމެނެއެވެ. ވަޒީފާ އަދާނުކުރާ އަދި ވަޒީފާއެއް ނުހޯދާ ކަމަށް ބުނި އަންހެނުންގެ ތެރެއިން، 51 ޕަސެންޓް މީހުންނަކީ އާއިލީ ޒިންމާތަކާއި ގޭގެ މަސައްކަތްތަކަށް ހުސްވެފައިވާ މީހުންނެވެ. އަދި 26 ޕަސެންޓަކީ ދަރިވަރުން ނުވަތަ ތަމްރީނުތައް ހަދާ މީހުން ކަމަށްވާއިރު، 14 ޕަސެންޓަކީ ދިގު މުއްދަތަށް ފަރުވާ ކުރާ ނުވަތަ ނުކުޅެދުންތެރިކަމެއް ހުންނަ މީހުންނެވެ. އަދި އާއިލާއިން ކެއުމަށް ދަނޑުވެރިކަން ނުވަތަ މަސްވެރިކަން ކުރާ ކަމަށް ފަސް ޕަސެންޓް މީހުން ބުނެފައިވާއިރު، ހަތަރު ޕަސެންޓަަކީ ޕެންޝަން ލިބޭ އުމުރުގެ މީހުންނެވެ. ވަޒީފާ އަދާނުކުރާ އަދި ވަޒީފާ ނުހޯދާ ފިރިހެނުންގެ ތެރެއިން އެންމެ ގިނައީ ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ތަމްރީނެއް ފުރިހަމަ ކުރަމުންދާ މީހުންނެވެ. އެއީ 53 ޕަސެންޓް މީހުން ކަމަށްވާއިރު، 26 ޕަސެންޓް މީހުންނަކީ ދިގު މުއްދަތަށް ފަރުވާ ކުރަން ޖެހޭ ބައްޔެއް ނުވަތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އަދި 14 ޕަސެންޓަކީ ރިޓަޔާކޮށްފައިވާ ނުވަތަ ޕެންޝަން ލިބޭ އުމުރުގެ މީހުން ކަމަށްވާއިރު، އާއިލާއަށް ނުވަތަ ގޭގެ މަސައްކަތަށް ހުސްވެފައިވަނީ ހަތަރު ޕަސެންޓް ފިރިހެނުންނެވެ. ބާކީ ތިން ޕަސެންޓް މީހުން ވަނީ އާއިލާއިން ބޭނުންކުރުމަށް ދަނޑުވެރިކަން ނުވަތަ މަސްވެރިކަން ކުރާ ކަމަށް ބުނެފައެވެ. އެ ސާވޭއިން، އާއިލާއަށް އަޅާލުމުގެ ޒިންމާތައް އާންމުކޮށް އަދާކުރަނީ އަންހެނުން ކަމާއި އެއީ އަންހެނުންނަށް ޚާއްސަވެފައިވާ ކަމެއް ކަމަށް އަދިވެސް ގަބޫލުކުރެވޭކަން ފާހަގަވާ ކަމަށް ރިޕޯޓުގައިވެއެވެ. ޖުލްމަކޮށް، ވަޒީފާ އަދާކުރެވޭ އުމުރުގެ މީހުންގެ ތެރެއިން 77.5 ޕަސެންޓް ފިރިހެން ވަޒީފާ އަދާކުރާއިރު، އަންހެނުންގެ އަދަދަކީ 51.6 ޕަސެންޓެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އަންހެނުން ވަޒީފާ އަދާކުރާ މިންވަރު މަދުވި ނަމަވެސް، މަތީ ތައުލީމު ހާސިލުކޮށްފައިވާ ނިސްބަތް އިތުރީ އަންހެނުން ކަމަށް ބޯހިމެނުމުން ދައްކައެވެ. އެގޮތުން 2022ގައި ކުރިއަށްގެންދިޔަ ބޯހިމެނުމުން ދައްކާ ގޮތުގައި ޑިގްރީ ފެންވަރުން މަތީ ފެންވަރަށް ކިޔަވައިފައިވާ އަންހެނުންގެ އަދަދު، ފިރިހެނުންނަށް ވުރެ އިތުރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ