ފަހު ވަގުތު ލަންކާއިން ލަނޑު ޖަހާ އެއްވަރުކޮށްފި، އެކަމަކު ސުޕަ ކަޕް ރާއްޖެއަށް

ފަހު ހާފުގެ 67 ވަނަ މިނިޓްގައި ނާއިޒް ހަސަން (ދާދު) ޖެހި ލަނޑާ އެކު ރާއްޖެއިން މޮޅުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގައި ސްރީ ލަންކާއިން ލަނޑެއް ޖަހައި 1-1އިން މިރޭ އެއްވަރުކޮށްފި އެވެ.
ބައިނަލްއަގުވާމީ އެކުވެރިކަމުގެ ދެ މެޗުގެ ގޮތުގައި އެކަމަކު ސައުތު އޭޝިއަން ސުޕަ ކަޕްގެ ނަމުގައި ސްރީ ލަންކާގައި އޮތް މި ވާދަވެރިކަން މިރޭ 1-1އިން ނިމުނަސް ތަށި ލިބުނީ ރާއްޖެއަށެވެ. އެއީ މި މަހު ހަވަނަ ދުވަހު ކުޅުނު މެޗު 3-0އިން ކާމިޔާބުކޮށްފައި ވާތީ 4-1 ލަނޑުން ދެ މެޗުގެ ނަތީޖާ ރާއްޖެ ކޮޅަށް ބުރަވުމުންނެވެ.
މިއީ މިދިއަ ދެ އަހަރު ދުވަހު ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ރާއްޖޭގެ ފުޓްބޯޅަ އަލުން ދިރުވަން އެފްއޭއެމްގެ އާ މެނޭޖްމަންޓުން ފެށި މަސައްކަތަށް ލިބުނު ހިތްވަރެކެވެ. 
މިރޭގެ މެޗުގައި ރާއްޖޭގެ ލަނޑު ނާއިޒްގެ ފަރާތުން އައީ އޭގެ ތިން މިނިޓް ކުރިން ކުޅެން ނުކުތް އަހުމަދު ފާސިރު (ސެންޓޭ) ގޯލު ކުރިމައްޗަށް ނެގި ހުރަހެއްގައި އިބްރާހިމް މަހުދީ ހުސެން (ފޭދޫ އިއްބެ) ބޮލުން ޖެހުމުން މަތީ ދަނޑީގައި ޖެހިފައި ވެއްޓުނު ބޯޅަ ހުހަށް ހުރެ ފޮނުވާލައިގެންނެވެ.
އެކަމަކު ރާއްޖޭގެ ލަނޑަށް ފަހު ލަންކާއިން ދެއްކި ކުޅުމަށް ބަލާއިރު މެޗުން މޮޅުވުން ވެސް އެ ގައުމަށް ހައްގެވެ. ރާއްޖެ އަތުން ލަންކާއަށް 2002ގެ ފަހުން އަދި މޮޅެއް ނުވެވެ އެވެ. އެހެންކަމުން ލަންކާގެ ފުޓްބޯޅައިގެ އިސް ފަރާތްތަކުން ބެލީ މިއީ އެ ތާރީހު ބަދަލުކޮށްލަން އަމިއްލަ ފަސްގަނޑުގައި ލިބޭނެ ރަނގަޅު ފުރުސަތެއްގެ ގޮތުގަ އެވެ.
ރާއްޖޭގައި ރަސްމީ ފުޓްބޯޅަ މުބާރާތެއް ނުބާއްވާތާ ދެ އަހަރު ވަނީ އެވެ. ހުއްޓިފައި އޮތް އެފްއޭއެމް ހިނގައިގަތީ ޖުލައި މަހު އޮތް އާ އިންތިހާބު، ކުރީގެ ގައުމީ ފޯވަޑް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) ކާމިޔާބުކުރައްވައި، އާ އެގްޒެކްޓިވް ކޮމިޓީއަކުން ހަވާލުވުމުންނެވެ.
ލަންކާއާ ދެކޮޅަށް ރާއްޖެއިން މި ދެ މެޗަށް ނުކުތީ ގައުމީ ކޯޗުގެ ޒިންމާއާ ފުރަތަމަ ފަހަރަށް ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން)ގެ ބެލުމުގެ ދަށުންނެވެ. އޭނާއަކީ ލަންކާގައި އިންޑިއާ ބަލިކޮށް 2008ގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ހޯދިއިރު އެސިސްޓެންޓް އެއް ކޯޗެވެ.
ޝިޔާޒް ވަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ޒިންމާ ދިގު މުއްދަތެއްގައި ނަގައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ