ފާހާނާ ތެރޭގައި ސްޓްރޯކް ޖެހެނީ ކީއްވެގެން؟

ފާހާނާގައި އުޅެނިކޮށް ބައެއް ދިވެހިންނަށް ސްޓްރޯކް ޖެހުމުން އެ ވާހަކަ ބައެއް މީހުން ވަރަށް ހައިރާންކަމާ އެކު ދައްކަ އެވެ. ފާހާނާގައި އުޅެނިކޮށް ގިނަ މީހުންނަށް ސްޓްރޯކް ޖެހެނީ ކީއްވެގެން ހެއްޔެވެ؟ މިއީ ވަރަށް ހާސްކަމާ އެކު ބައެއް މީހުން ކުރާ ސުވާލެއް ވެސް މެ އެވެ.
ސްޓްރޯކް ނުވަތަ ހާޓް އެޓޭކެއް ޖެހެން ވަކި ތަނެއް، ވަކި ވަގުތެއް ނޯވެ އެވެ. މި ދެ ހާލަތަށް ވެސް ބޭނުންވަނީ އެ ވަގުތަކު ހަށިގަނޑަށް އަންނަ ކުއްލި ބަދަލެކެވެ.
ފާހާނާގައި އުޅެނިކޮށް ސްޓްރޯކް ޖެހެނީ ހަމައެކަނި ދިވެހިންނަކަށް ނޫނެވެ. ދުނިޔޭގައި ވެސް އެއީ ހިނގަމުން އަންނަ ކަމެކެވެ. އޭގައި ސަބަބުތައް ވެސް އެބަ ހުއްޓެވެ.
ފާހާނާގައި އުޅޭއިރު ހަށިގަނޑަށް އަންނަ ކުއްލި ބަދަލުތަކުގައި، މިސާލަކަށް ބޮޑުކަމުދާން އިނދެފައި ތެދުވާއިރު، ސިކުނޑީގެ ލޭގެ ހިނގުމަށް ވެސް ކުއްލި ބަދަލެއް އާދެ އެވެ. އެ ހަރަކާތްތަކާ އެކު ސިކުނޑީގެ ޕްރެޝަރު ކުއްލިއަކަށް މައްޗަށް ދެ އެވެ. އޭގެ ސަބަބުން ސިކުނޑީގައި ލޭ ދައުރުވުމުގެ އާންމު ތަރުތީބު ގެއްލެ އެވެ.
ބޮޑުކަމުދާ އިރު މާ ބޮޑަށް ބާރުލުމަކީ، ސިއްހީ ބައެއް ކަހަލަ މައްސަލަ ހުންނަ މީހުންނަށް، ނުރައްކާ އޮތް ކަމެކެވެ. މިސާލަކަށް ލޭ މައްޗަށް ދާ މީހުންނާއި ހިތުގެ ބަލިމީހުންނެވެ. އެ ބާރުލުމާ އެކު ސިކުނޑިއަށް އޭގެ ގެއްލުން ލިބެ އެވެ.
ފާހާނާ މަތީގައި ގިނަ އިރު އިނދެފައި ކުއްލިއަކަށް ތެދުވުމުން ސިކުނޑީގެ ޕްރެޝަރު ކުއްލިއަކަށް ދަށަށް ހިނގައިދާނެ އެވެ. އެހެން ވެއްޖެ ނަމަ ސިކުނޑިއަށް އޮކްސިޖަން ލިބުމަށް ހުއްޓުންތަކެއް އާދެ އެވެ.
ފެންވަރާ އިރު ފެން ހޫނުވުމާއި ފެން ފިނިވުމުން ވެސް ސިކުނޑީގެ ނާރުތަކަށް ބަދަލު އާދެ އެވެ. މިސާލަކަށް ހޫނު ފެނުން ފެންވަރާ ނަމަ ސިކުނޑީގެ ނާރުތައް ފުޅާވެ އެވެ. އެއާ އެކު ޕްރެޝަރު ދަށްވެ އެވެ. ފެން ފިނި ނަމަ ވާ ގޮތަކީ ނާރުތައް ފިއްތާލަނީ އެވެ. އެ ހާލަތުގައި ޕްރެޝަރު މަތިވެ ނާރު ފަޅައިގެން ދިއުން އެކަށީގެންވެ އެވެ.
މިހާރު އަޅުގަނޑުމެންގެ ދިރިއުޅުން މި އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ވަރަށް ޒުވާން އުމުރުގައި ލޭ މައްޗަށް ދާން ފަށަ އެވެ. އެހެންކަމުން ރާއްޖޭގައި ލޭ މައްޗަށް ދިއުން އާންމެވެ. ހިތުގެ މައްސަލަތައް ވެސް ގިނަމެ އެވެ. އެހެންކަމުން ފާހާނާ ތެރޭގައި ނުރައްކާ ކުޑަކުރަން ހެދިދާނެ ގޮތްތަކެއް އެބަ ހުއްޓެވެ. އެގޮތުން:
ބަނޑު ހިކުމުން ދުރުވުން: ބަނޑު ހިކުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ފަސޭހައިން ފާހާނާކުރެވޭނެ ގޮތަށް އެކަމުން ސަލާމަތްވާން ފައިބަ ގިނަ އެއްޗެހި ކެއުމުގައި ބޭނުންކުރާށެވެ.
ކުއްލިއަކަށް ނުތެދުވުން: ފާހާނާ ތަށިމަތީ އިނދެފައި ކުއްލިއަކަށް ނުތެދުވާށެވެ. އޭގެ ބަދަލުގައި ލަސްލަހުން ތެދުވާށެވެ.
ފާތަނާ ފެން ބޭނުންކުރުން: ފެންވަރާ އިރު ފެން މާގަނޑުން މާ ހޫނުކޮށް ނުވަތަ މާ ފިނިކޮށް ވެސް ފެން ބޭނުންނުކުރާށެވެ. އޭގެ ބަދަލުގައި ތާފަނާކޮށް ހުންނަ ވަރަށް ފެނުގެ ފިނިހޫނުމިން ބަހައްޓާށެވެ.
އެކަށީގެންވާ ވަރަށް ފެން ބުއިން: ހަގީގަތުގައި ގިނަ ދިވެހިން ފެން ބުއިން މަދެވެ. އެހެންކަމުން ޑީހައިޑްރޭޓްވުން އަވަސްވެ އެވެ. ހޫނު ގައުމަކަށް ވުމާ އެކު ރަނގަޅަށް ފެން ބޯން ޖެހެ އެވެ. ސިއްހީ މާހިރުންގެ އިރުޝާދަކީ ބޮޑު މީހެއް ނަމަ ދުވާލަކު މަދުވެގެން ތިން ލީޓަރުގެ ފެެން ބުއިމެވެ. އެއީ މިނަރަލް ވޯޓާގެ 1.5 ލީޓަރުގެ ދެ ފުޅި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ