ރައީސުލްޖުމްހޫރިއްޔާ، މާލެއަތޮޅު ތުލުސްދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެއަތޮޅު ތުލުސްދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ތުލުސްދޫ ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކެޑަމީގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ ރަށުގެ މަގުހެދުމުގެ މަޝްރޫޢާއި ބަނދަރުގެ މަސައްކަތުގެ އިތުރުން ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްސީލް ދެއްވުމަށް އެދިވަޑައިގެންފައެވެ. ރަށުގެ ތަރައްޤީއާގުޅުންހުރި ގިނަ މަސައްކަތްތައް މިއަދު ފެއްޓެވުމާއި ގުޅިގެން، އެކަމަށްޓަކައި މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި، ރަށުގެ މަގުތައް ތާރުއަޅައިގެން ތަރައްޤީކުރުމަށާއި ރަށުގައި ޒަމާނީ ފެންވަރުގެ ކުނިކޮއްޓެއް ގާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގެ ހުޅަނގުފަރާތު ބަނދަރު ތަރައްޤީކޮށްދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގައި ބީ.އެމް.އެލް.ގެ ބްރާންޗެއް ގާއިމުކޮށްދިނުމަށާއި ފުޓްބޯޅަ ދަނޑުގައި ޓަރފް އަޅައިދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. އަދި މަތީ ސާނަވީ ތަޢުލީމަށް ރަށުން ކިޔަވައިދެވޭނެ އިންތިޒާމު ވީހާވެސް އަވަހަށް ހަމަޖައްސަވައިދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ