މެސީއާ ބައްދަލުކުރަން ޗެތުރީ ބޭނުމެއް ނުވި: ރިޕޯޓް މެސީއާ ބައްދަލުކުރަން ޗެތުރީ ބޭނުމެއް ނުވި: ރިޕޯޓް

ނިއު ދިއްލީ، އިންޑިއާ (ޑިސެމްބަަރު 12) - މި ވަގުތު އިންޑިއާގެ ފުޓްބޯޅައިގެ ހާލަތު އޮތްގޮތުން، އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، އިންޑިއާ އަށް ކުރާ ދަތުރުގައި، އޭނާއާ ބައްދަލުކުރަން ދީފައިވާ ދައުވަތު ގަބޫލުނުކުރަން އިންޑިއާގެ ފުޓްބޯޅަ ތަރި ސުނިލް ޗެތުރީ ނިންމާފައިވާ ކަމަށް ބުނެފި އެވެ.
އިންޑިއާގެ ސަރުކާރުންނާއި ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ހޭދަތަކެއް ކޮށްގެން މެސީ، އިންޑިއާ އަށް ގެނެސްގެން ކުރާ މި އިވެންޓްތައް އޮތީ ޑިސެމްބަރު 13-15 އަށް 72 ގަޑިއިރަށް ވަރަށް ބާރު ބޮޑު ޝެޑިއުލަަކަށް ފައްތައިފަ އެވެ. އެ ގޮތުން، މެސީގެ މި ދަތުރުގައި، އިންޑިއާގެ ކަލްކަތާ، ހައިދަރުއާބާދު، މުމްބައި އަދި ދިއްލީ އަށް ދަތުރުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި، މެސީ، ތިން ސިޓީއެއްގެ ޗީފް މިނިސްޓަރުންނާއި އެކި ފަންނާނުންނާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި، މަޝްހޫރު ފިލްމީތަރި، ޝާރުކްހާންއާ އެކު ވެސް މެސީގެ ބައްދަލުވުމެއް ވަނީ ތާވަލުކޮށްފަ އެވެ.
އެ ގޮތުން، މެސީ، މުމްބާއި އަށް ދަތުރުކުރާއިރު، އިންޑިއާގެ ގައުމީ ޓީމުގެ ކެޕްޓަން، ޗެތުރީއާ އެކު ބައްދަލުވުމެއް ބާއްވަން، މި އިވެންޓްގެ އޮގަނައިޒަރުން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އިންޑިއާގެ ގިނަ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، ޗެތުރީ ވަނީ މެސީއާ ބައްދަލުކުރަން މި ހުށަހެޅި ދައުވަތު ގަބޫލުކުރަން ބޭނުންނުވާ ކަމަށް އަންގައިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެތުރީ މި ދައުވަތަށް އިންކާރުކުރި އެންމެ ބޮޑު ސަބަބަކީ މި ވަގުތު އިންޑިއާ ފުޓްބޯޅަައިގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވަނިކޮށް، މެސީ ފަދަ ކުޅުންތެރިއަކު ގެނެސްގެން، ފުޓްބޯޅައިގެ ހަރަކާތް މަދުކޮށް ހިންގާ ކަންތައްތަކެއްގައި ބައިވެރިވާން ބޭނުންނުވާތީ އެވެ. މީގެ ކުރިން، މެސީގެ މި ދަތުުރުގައި މެޗުތަކެއް ކުޅޭ ގޮތަށް އޮތް ބައި މިހާރު ވަނީ ޝެޑިއުލުން އުނިކޮށްފަ އެވެ.
އަސާސީ ގަވާއިދާއި އެކި އެކި ހިޔާލީ ތަފާތުވުންތަކާ ހެދި އިންޑިއާގެ މައި ފުޓްބޯޅަ ލީގު، ސުޕަ ލީގު އޮތީ ހުއްޓިފަ އެެވެ. ފަށާނެ ދުވަހެއް ވެސް ނޭނގޭއިރު، ކްލަބްތަކާއި ކުޅުންތެރިން ތިބީ ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. އިންޑިއާ ފުޓްބޯޅައިގެ ގަވާއިދުތަކާ ބެހޭ މައްސަލައެއް ސުޕްރީމު ކޯޓުގައިވެސް އެބަހިނގަ އެވެ. އަދި، އިންޑިއާގެ ފުޓްބޯޅަ ޓީމުގެ ނަތީޖާތައް ފާއިތުވި 10 އަހަަރު ތެރޭ އެންމެ ދަށް ދުވަސްވަރާ ކުރިމަތިލާން ޖެހިފައިވާއިރު، ރޭންކިންގައި ވެސް ވަނީ ފަހަަތައް ސޮއްސާލައިފަ އެވެ.
މެސީއާ އެކު، މި ޓުއާގައި، އޭނާއާ އެކު، އިންޓަ މިއާމީ އަށް ކުޅެމުން އަންނަ އުުރުގުއޭގެ ފޯވާޑް، ލުއިސް ސުއަރޭޒް އާއި އާޖެންޓީނާގެ މިޑްފީލްޑަރު، ރޮޑްރީގޯ ޑެ ޕޯލް ބައިވެރިވެ އެވެ. މި ދަތުރުގައި، ކޮލްކަތާގައި ހަދާފައިވާ 70 ފޫޓުގެ ސްޓެޗޫއެއް، މެސީ ލައްވައި، ވާޗުއަލްކޮށް ރަސްމީކޮށް ތައާރަފްކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ