މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ކަނޑުމަތީގެ މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދޯނިތައް ދޫކޮށްލައިފިއެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރަމުން އައި އިހުތިޖާޖު ފުލުހުން ބައެއް ދޯނިތަކަށް އަރައި އިއްޔެ ރޫޅާލައި ބައެއް މީހުން ހައްޔަރުކުރި އެވެ. ބަންދުކުރި 3 މީހުން މިއަދު ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައެވެ.
އެ މައްސަލައާއި ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 3 ދޯނި ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.
އެ މައްސަލައާއި ގުޅިގެން ބޮޑު ކަންނެލި ޔޫނިއަންގެ ކޯ-ފައުންޑަރު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރާއި އެ އިހުތިޖާޖުގައި ބައިވެރިވި ދޯންޏެއްގެ ކެޔޮޅުން ހިމެނެއެވެ. މައުރޫފްގެ ދިފާއުގައި މިއަދު އެމްޑީޕީން ވަނީ ކްރިމިނަލް ކޯޓު ކައިރިއަށް އެއްވެ ހައްޔަރުން ދޫކޮށްލުމަށް ގޮވާލާ އިހުތިޖާޖު ވެސް ކޮށްފައެވެ. އަދި އެ އިޖުތިޖާޖުގައި ބީކޭޔޫ މެންބަރުން ބައިވެރިވެ ހައްޔަރުކުރި ކޮޔުޅުން ދޫކޮށްލުމަށްވެސް ގޮވާލާފައި ވެއެވެ.
މުޒާހަރާގައި ބައިވެރިވި އުޅަނދުތައް ހުޅުމާލެ ބަނދަރުން ނުކުމެގެން އައިސް ބުދަ ދުވަހުގެ ހަވީރުން ފެށިގެން މުޒާހަރާ ކުރަމުންދިޔައީ މާލެ ބޭރުގައެވެ. ނަމަވެސް ފުލުހުންގެ އެންގުންތަކަށް ބޯނުލަނބައި މުޒާހަރާ ކުރި ސަރަހައްދުން ދަތުރު ކުރި އެހެން އުޅަނދުތަކަށް ހުރަސް އަޅާ ކަމަށް ބުނެ ފުލުހުން ވަނީ އެ މުޒާހަރާ ރޫޅާލާފައެވެ.
އެކަމަކު މުޒާހަރާ ހުއްޓާ ނުލާ ކަމަށާއި އެ މީހުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީ ނުވާހާ ހިނދު މުޒާހަރާ ހުއްޓާ ނުލާނެ ކަމަށް ބުނެ ބީކޭޔޫއިން މިހާރުވެސް ދަނީ ހުޅުމާލޭ ފަޅުގައި މުޒާހަރާ ކުރަމުންނެވެ.
މަސްވެރިންގެ މުޒާހަރާގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 3 ދޯނި ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ