މަސްވެރިންގެ މުޒާހަރާއިން 4 ބިދޭސީން އިމިގްރޭޝަނާ ހަވާލުކޮށްފި

ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. މިރޭ ފުލުހުން ބުނީ އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތިން ދޯނި ރޭގެ ވަގުތެއްގައި ދޫކޮށްލައިފައިވާ ކަމަށެވެ. އަދި ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވަނީ އެ ދޯނިތަކުގައި ތިބި ފަރާތްތަކާ ދޯނި ހަވާލުކުރުމަށްފަހުކަމަށް ބުންޏެވެ. މީގެ އިތުރުން މި އިހުތިޖާޖާ ގުޅިގެން ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރިކަމަށް ފުލުހުން ބުންޏެވެ. "ސަން"އަށް މައުލޫމާތު ދެމުން ފުލުހުން ބުނި ގޮތުގައި އިހުތިޖާޖުގައި ހައްޔަރުކުރި އެންމެންގެ ބަންދަށް މިއަދު ހަވީރު ވަނީ ފަސް ދުވަސް ވެސް ޖަހައިފައެވެ. ފުލުހުން ބުނި ގޮތުގައި ބަންދު މުއްދަތުޖަހަން ގެންދިޔައީ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން ތިން މީހުންނެވެ. މަސްވެރިންގެ ދުވަހާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ފެށީ، މިދިޔަ ބުދަ ދުވަހުގެ ހެނދުނު 09:00 ޖަހާއިރެވެ. އެ ޔޫނިއަނުން އަންނަނީ, ކަންނެލި ގަނެ، މާކެޓު ކޮށްގެން ފައިސާ ހޯދައިދިނުމަށް ސަރުކާރުން ވީ ވައުދު ނުފުއްދާ ކަމަށާއި ސަރުކާރުގެ ވާހަކައާ އަމަލާ ދިމާނުވާ ކަމަށް ބުނެ ނުރުހުން ފާޅުކުރަމުންނެވެ. އެ އިހުތިޖާޖުގެ ތެރެއިން މެންބަރު މައުރޫފާއި އިތުރު ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ