އަޖޭގެ ފިލްމު 'ދޭ ދޭ ޕިޔާރު ދޭ 2'ގެ ޓްރެއިލާ މި އޮތީ
އަންނަ މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ އަޖޭގެ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ. މި ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދޭ ދޭ ޕިޔާރު ދޭ"ގެ ސީކުއަލްއެކެވެ. ދެވަނަ ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ވެސް 2019އިގެ ފިލްމުގެ ވާހަކަ ނިންމާލި ހިސާބުން ކަމަށާއި ފިލްމުގެ ފޯރި އިހުނަށްވުރެ އެތައް ގުނައެއް ގަދަވާނެކަމުގެ ޔަގީންކަން ލިބިއްޖެ ކަމަށް ފިލްމުގެ ޓްރެއިލާ ބެލި ގިނަ ބަޔަކު ވަނީ ބުނެފައެވެ. ހެއްވާ މަޖާ ގިނަ ހާދިސާތަކެއް ހިމެނޭ ފިލްމު "ދޭ ދޭ ޕިޔާރު ދޭ"އަކީ ކުރިން ކައިވެންޏެއްކޮށް ބޮޑެތި ކުދިންތަކެއް ވެސް ތިބި އުމުރުގެ 50ގެ އަހަރުތައް ގުނަމުންދާ ފިރިހެނަކާއި ޒުވާން އަންހެން ކުއްޖަކާ ދެމެދު ލޯބީގެ ގުޅުން އުފެދި އެ ގުޅުމަށް ދެ އާއިލާގެ ފަރާތުން ކުރިމަތިވާ ގޮންޖެހުންތައް ދައްކުވައިދޭނެ ފިލްމެކެވެ. އަޖޭއާއި ތައްބޫ އަދި ރަކުލް ޕްރީތު ސިންގް މުހިއްމު ރޯލުން ފެނުނު އެ ފިލްމަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2" އަންނަ މަހުގެ 14 ވަނަ ދުވަހު ސިނަމާތަކަށް ގެންނައިރު މި ފަހަރުގެ ފިލްމުގައި ތައްބޫ ނުފެންނާނެއެވެ. ނަމަވެސް، އަޖޭއާ އެކު ބަތަލާގެ ރޯލްއިން ރަކުލް ޕްރީތު ފެންނާނެއެވެ. އިނގިރޭސިވިލާތުގެ ލަންޑަން އަދި އިންޑިއާގެ ޕަންޖާބްގައި ޝޫޓްކޮށްފައިވާ ފިލްމުގެ ކާސްޓަށް މި ފަހަރު އިތުރުވި ތަރިންގެ ތެރޭގައި އާރް މާދްވަން އާއި ޖާވިދު ޖެފްރީ އާއި އޭނަގެ ދަރިފުޅު މީޒާން ޖެފްރީގެ އިތުރުން އިޝިތާ ދައްތާ އަދި ގޯތަމީ ކަޕޫރް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ