ނިޒާރު ސަރުކާރަށް ؛ ވޯޓަށް ކުރާ ހަރަދު ނުކޮށް އައްޑޫ ފެނަކައަށް ހޯދަންވީ އިންޖީނެއް!
އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމުގެ ބަދަލުގައި ވަކިވަކި ރަށްރަށުގައި ކައުންސިލްތައް ގާއިމު ކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ވޯޓެއް ނެގުމުގެ ބަދަލުގައި މި ވޯޓަށް ކުރާ ހަރަދު ނުކޮށް އައްޑޫ ފެނަކައަށް އިންޖީނެއް ހޯދަންވީ ނޫންތޯ ވިދާޅުވެ، އައްޑޫގެ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.މިހާރު އައްޑޫގެ ކައުންސިލް އެކުލެވިފައިވާ ގޮތާ މެދު އެ ސިޓީގެ ފޭދުއާއި ހުޅުދުއާއި މީދޫގައި މި މަހުގެ ފަހުކޮޅު ހިޔާލު ހޯދުމުގެ ވޯޓު ނަގަން ވަޒީރުންގެ މަޖިލީހުން މިފަހުން ވަނީ ނިންމާފަ އެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ މި މަހުގެ 25ވަނަ ދުވަހު އެ ތިން އަވަށުގައި ހިޔާލު ހޯދުމުގެ ވޯޓު ނަގާނެކަން އިއުލާނުކޮށްފަ އެވެ.އައްޑޫ ކައުންސިލްގެ ރަސްމީ ޖަލްސާގައި އިއްޔެ ވާހަކަދައްކަމުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީއެއްގެ ގޮތުގައި އޮވެގެން މައްސަލަތަކެއް ހުރިނަމަ، އެ މައްސަލަ ހައްލުކޮށްދޭން ޖެހެނީ ބައިބައިކޮށްގެން ނޫން ކަމަށާއި މިހާރު ކުރަން އުޅޭ ކަމަކީ ނުބައި އެޖެންޑާއެއްގެ ދަށުން ކުރާ ކަމެއް ކަމަށެވެ. އަދި މިއީ ސަރުކާރުން ބޭނުންވާ ކަންކަން ނުކުރެވުމުން ކުރާ ކަންތައްތަކެއް ކަމަށާއި މި އަނދަވަޅުގައި ރައްޔިތުން ނުޖެހުމަށް ނިޒާރު ގޮވާލެއްވި އެވެ."މި ވޯޓަށް ކުރާ ހަރަދު ނުކޮށް ފެނަކަ އިންޖީނެއް ހޯދަންވީ ނޫންތޯ؟ އައްޑޫ ރޫޅާލަން، މި ބޮޑު ބޭކާރު ހަރަދުނުކޮށް އައްޑޫއަށް އިންޖީނެއް ހޯދައިދިނީއްޔާ މާ ރަނގަޅު ރައީސުލްޖުމްހޫރިއްޔާ،" ނިޒާރު ވިދާޅުވި އެވެ.އައްޑު އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގުމުގެ ބަދަލުގައި ވަކިވަކި ކައުންސިލްތައް ހަދައިގެން "އައްޑޫ ރުޅާލަން" ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ އައްޑޫއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭނެކަން ޔަގީންވުމުން ކަމަށް ވެސް އައްޑޫގެ މޭޔަރު ނިޒާރު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ."އައްޑޫ ފެނަކައަށް ހޯދަންވީ އިންޖީނެއް!" ކަމަށް ނިޒާރު ވިދާޅުވިއިރު ފެނަކައިގެ ކެޕޭސިޓީ ނެތިގެން އައްޑޫގެ އަވަށްތަކުން ކަރަންޓް ކެޑުން ވަނީ ވަރަށް އާންމު ކަމެކެވެ. އެކަމާއި އައްޑޫ ރައްޔިތުން ތިބީ ރުޅިގަދަ ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ