ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކުރި އާ ޓާމިނަލް ބޭނުންކުރަން ފަށައިފި

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގައި ތަރައްގީކުރި އާ ޓާމިނަލް ބޭނުންކުރަން ފަށައިފި އެވެ. އިންޑިއާގެ ލޯނުގެ އެހީގައި ވކުރީގެ ސަރުކާރުން ތަރައްގީކުރަން ފެށި މި އެއާޕޯޓް ނިންމާ އަންނަމަހު ހުޅުވަން އަންނަނީ ތައްޔާރުވަމުންނެވެ.
އެމްއޭސީއެލް އިން ބުނީ، ޓާމިނަލްގެ މަސައްކަތް ބަދަލުކޮށްފައިވަނީ ސިވިލް އެވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް، ކޯޑް ސީގެ މަތިންދާ ބޯޓުތައް ޖެއްސުމަށްޓަކާ ރަންވޭއާއި އިންވެގެން ހުރި ކުރީގެ ޓާމިނަލް އިމާރާތާއި އެސަރަހައްދުގައި ހުރި އުސްތަންތަން ހުސްކުރަންޖެހޭކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމަށްޓަކާ، ޓާމިނަލްގެ ޚިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އާ ޓާމިނަލްގެ ހިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި ބައިނަލްއަގުވާމީ އަދި ސިވިލް އެވިއޭޝަންގެ މިންގަނޑުތަކަށް އެއާޕޯޓުގެ އޮޕަރޭޝަންސްތައް ފެއްތުމަށްވެސް އެމްއޭސީއެލްއިން އަންނަނީ މަސައްކަތްކުރަމުންނެވެ.
އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއި ކުރެވުނު ކްރެޑިޓް ލައިންގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތްކުރި އެވެ.
މި މަޝްރޫއުގެ ދަށުން ބޮޑު މިނުގައި 42،000 އަކަފޫޓު ހުންނަ އޭޕްރަނަކާއި، 2،400 މީޓަރުގެ ރަންވޭއަކާއި 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލެއް ތަރައްގީ ކުރުމަށް އޮތީ ނިންމައިފައެވެ. އަދި 3،800 އަކަމީޓަރުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އާމް އަދި ފިއުލް ޖެޓީގެ މަސައްކަތްތަކެއް ވެސް ކުރަން ވަނީ ނިންމައިފައެވެ.
މިމަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓް ފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެންދާނެކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ