ކޮންމެހެން ކުރަންޖެހިގެން ނޫނީ ކަނޑުދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފި
ކޮންމެހެން ކުރަންޖެހޭ ކަނޑުދަތުރުތައް ނޫން އެހެން ދަތުރުތައް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ މީހުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭނެ ކަމަށެވެ. ފުލުހުންނާއި އެމްއެންޑީއެފްއިން ވަނީ ދަތުރުކުރާނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށް ފަހުގައި ނޫނީ ދަތުރު ނުކުރުމަށާއި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކްކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރުމަށް ވެސް އިލްތިމާސްކުރެއެވެ. ހަމަ އެގޮތަށް، ރޭގަނޑު ދަތުރުނުކުރުމަށާއި، މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ. ފުލުހުންނާއި އެމްއެންޑީއެފްއިން މިގޮތަށް އިލްތިމާސްކުރަމުންދާއިރު ރެއާއި މިއަދު ވެސް މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން، މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ދެ މީހަކު މަރުވެ، އިތުރު މީހަކު ވަނީ ގެއްލިފައެވެ. މީގެ އިތުރުން މިއަދު މާލެއިން ޅ. ނައިފަރަށް ދަތުރުކުރި ބޯޓެއް ދިޔަވުމުން، އެމްއެންޑީއެފް ކޯސްޓްގާޑުން އެހީފޯރުކޮށްދިނެވެ. އެމްއެންޑީއެފުން ވަނީ އެ ބޯޓުގައި ދަތުރުކުރި ހުރިހާ ފަޅުވެރިން ސަލާމަތްކޮށްފައެވެ. https://sun.mv/212749 މިދިޔަ ހަފުތާއިން ފެށިގެން މުޅި ރާއްޖެއަށް ވިއްސާރަކުރަމުން އަންނައިރު، ކަނޑުތައް ވެސް ވަނީ ގަދަވެފައެވެ. މެޓް އޮފީހުން މިއަދު ބުނީ، މިހާރު ރާއްޖެއަށް ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އެ އޮފީހުން ވަނީ ކުރިއަށް އޮތް ތިން ދުވަހު ވައިބާރުވުމާ އެކު ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި މުއްދަތުގައި ވައިބާރުވެ، ވިލާގަނޑުގައި އިތުރަށް ވައިގަދަވުން އެކަށީގެންވެއެވެ. އަދި، ޢާންމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ