ސިނގިރެޓް ވައްކަން މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
ސިނގިރެޓު ވައްކަން މައްސަލައިގައި ތުހުމަތުކުރެވޭ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މި މީހާ ހައްޔަރުކުރީ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު އެމްޕީއެލް، ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގައިފައިވާ މައްސަލައިގައެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ ނުވަވަނަ ދުވަހެވެ. މި މައްސަލައިގައި ފުލުހުން އެންމެ ފަހުން ހައްޔަރުކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 36 އަހަރުގެ، މުޙައްމަދު އަލަމިން މިއާއެވެ. މި މީހާއަކީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި 10 ވަނަ މީހާއެވެ. ފުލުހުން ބުނީ އެ މުއައްސަސާއިން މި މީހާ ހައްޔަރުކުރީ ބުދަ ދުވަހު ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކުރި ކަމަށް ފުލުހުން މައުލޫމާތުދިނެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެއެވެ. އަދި އެޕޯލޯގެ މުވައްޒަފެއް ކަމަށްވާ ހަސަން އަބްދުއްރަހްމާންވެސް މި މައްސަލައިިގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ކަސްޓަމްސްގައި ކުރިން މަސައްކަތް ކުރި، މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރެއް ކަމަށްވާ މުއާޒު އަލީ އާއި ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލަށް ވެސް މި މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ. މި ދެމީހުން އަމަލީ ގޮތުން ވައްކަން ރާވައި ހިންގިކަމަށް ފުލުހުން ތުހުމަތުކޮށްފައިވެއެވެ. އެ ދެ މީހުން ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ. ފުލުހުން ވަނީ، ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން މިދިޔަ މަހުގެ 19ގައި ހޯދާފައިވާ ކަމަށް ބުނެފައެވެ. އެ ކޮންޓެއިނަރު އުފުލި ކަމަށް ބެލެވޭ ދޯނީގެ ކެޕްޓަން ނ. މިލަދޫ ކެނެރީގޭ، އާދަމް ވަހީދު ވެސް ވަނީ ހަމަ އެމަހުގައި ހައްޔަރުކޮށްފައެވެ. https://sun.mv/213511 އެއަށްފަހު ފުލުހުން ވަނީ އެމްޕީއެލްގެ ތިން މުވައްޒަފަކު ވެސް ހައްޔަރުކޮށްފައެވެ. އެއީ: އަހްމަދު ޝަހީމް / ނޫރަލީގެ، ހދ. ވައިކަރަދޫ (42 އަހަރު)އަހްމަދު ފިރުޝާން / ހ. ރުމޭނިއާ (35 އަހަރު)ހުސައިން ސާމިހު / ޗާންދަނީ، އައްޑޫ ހިތަދޫ (35 އަހަރު)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ