ހުލާސާކޮށް އިއްޔެ: ބޮޑު މުސާރައާއެކު ޑޮލަރުގެ އަގު އުފުލޭނެ ހުލާސާކޮށް އިއްޔެ: ބޮޑު މުސާރައާއެކު ޑޮލަރުގެ އަގު އުފުލޭނެ

ސަރުކާރު މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމުގެ ގޮތުން އަންނަ އަހަރު، މުވައްޒަފުންގެ މުސާރަތައް އެއްފަހަރާ ބޮޑުކޮށްފި ނަމަ، ޑޮލަރުގެ ރަސްމީ ރޭޓު ހިފަހައްޓަން ގޮންޖެހުންތަކެއް ދިމާވެދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު، އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވި އެވެ.
ބަޖެޓު ދިރާސާކުރުމަށް އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މަޖިލީހުގެ ނައިބުރައީސް، އަހުމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މުނައްވަރު ވިދާޅުވީ ބަޖެޓުގައި ހުރި ރިސްކުތަކުގެ ތެރޭގައި އެންމެ މުހިންމު އެއް ކަމަކަށް ފާހަގަކުރާ ކަމަކީ ސަރުކާރު ހިންގުމަށް ކުރާ ހަރަދު އަންނަ އަހަރު ވަރަށް ބޮޑަށް އިތުރުވެގެންދާތީ ކަމަށެވެ.
އަދި އޭގެތެރެއިން އެންމެ ބޮޑުބައެއް އިތުރުވެގެންދަނީ މުސާރަތައް އެއްހަމަ ކުރުމަށް ފަށާފައިވާ މަސައްކަތް އަންނަ އަހަރު ނިންމުމަށްކަން އޭނާ ފާހަގަކުރެއްވި އެވެ.
"ބަޖެޓުގެ އެހާ ބޮޑު އިންސައްތައެއް ގާތްގަނޑަކަށް އަޅުގަނޑު ދަންނަވާނީ ތިންވަރަކަށް ބިލިއަން އިތުރުވެގެންދާއިރު، މުސާރަތައް އިތުރުވެގެންދާއިރު އަޅުގަނޑުމެން އެންމެ މުހިންމު ލަފަޔަކަށް ދީފައި އިންނާނީ އެ ބަހާލައިގެން ކުރިއަށް ގެންދިޔުމަށް، މާނައަކީ އެއްފަހަރާ، ހުރިހާ މުސާރަތަކެއް އެއްފަހަރާ ބޮޑުކުރެވިގެންދާ ކަމުގައިވާނަމަ ހަމަ އޭގެ ޕްރެޝަރު އައުން އެކަށީގެންވޭ އިނގޭތޯ،" މުނައްވަރު ވިދާޅުވި އެވެ.
"ހާއްސަ ގޮތެއްގައި އަޅުގަނޑުމެންގެ ފޮރިން އެކްސްޗޭންޖު މާކެޓުގައި މިހާރު އޮތް ޕްރެޝަރަށް ވުރެ ޕްރެޝަރު އިތުރުވެގެން ހަމަ ގޮސްދާނެ."
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ