ޖޯޖިއާ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕާ ގާތަށް ޖޯޖިއާ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕާ ގާތަށް

ޓިބިލިސީ، ޖޯޖިއާ (ނޮވެމްބަރު 16) - ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ކުޅުނު މެޗުން ޖޯޖިއާ 4-0 އިން ބަލިކޮށް އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ހޯދުމާ ގާތަށް ސްޕެއިނުން ޖެހިލައިފި އެވެ.
ޔޫރަޕްގެ ކޮލިފައިން ގްރޫޕް އީގެ އެއް ވަނައިގައި ސްޕެއިނުން އޮތީ ކުުޅުނު ފަސް މެޗުން ވެސް މޮޅުވެގެން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ތުރުކީ އަށް ފަސް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ދެން ކޮލިފައިންގައި މި ދެ ޓީމަށް ވެސް ބާކީ އޮތީ ސްޕެއިނުގެ ސެވިލްގައި އަންގާރަ ދުވަހުގެރޭ، ސްޕެއިނާއި ތުރުކީން ބައްދަލުކުރާ މެޗެވެ.
ޑިނަމޯ އެރީނާގައި ރޭ ކުޅުނު މެޗުގައި ސްޕެއިނުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހައިފަ އެވެ. ސްޕެއިނުން ލީޑުނެގީ 11 ވަނަ މިނިޓްގައި މިކޭލް އޮޔާޒަބާލް ޖެހި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ޖޯޖިއާގެ ގޮޗޮލެއިޝްވިލީ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ 11 މިނިޓް ފަހުން މާޓިން ޒުބިމެންޑީ ވަނީ ލަނޑު ޖަހައި، ސްޕެއިނުގެ ލީޑުފުޅާކޮށްދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނުން ތިން ވަނަ ލަނޑު ޖެހިއިރު، މިއީ، 34 ވަނަ މިނިޓްގައި އޮޔާޒަބާލް ދިން ބޯޅައަކުން ފެރަން ޓޮރޭޒް ޖެހި ލަނޑެކެވެ. ދެ ވަަނަ ހާފުގައި، މެޗުގެ 63 ވަނަ މިނިޓްގައި، އޮޔާޒަބާލް، ސްޕެއިނުގެ ހަތަރު ވަނަ ގޯލު އަދި އޭނާގެ ދެ ވަނަ ލަނޑު ޖެހީ ފެރަން ދިން ބޯޅައަކުންނެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕުން ޖާގަ ހޯދި ޔޫރަޕްގެ ޓީމުތަކަކީ އިންގްލެންޑާއި ފްރާންސް އަދި ކްރޮއޭޝިއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ