ދައުލަތުގެ ހަރަދު ކުޑަކުރަން މި އަހަރުގެ ތެރޭ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އުވާލުމާއި އިތުރު ސިޔާސަތުތަކެއް މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ހިމެނި ނަމަވެސް އެއިން އެއްވެސް ކަމެއް ހާސިލު ނުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ޒިޔާދު ވިދާޅުވީ، ބަޖެޓުގައި ސަރުކާރުން ހިމަނާ ކަންކަން ކުރާނެ ކަމާމެދު އިތުބާރެއް ނެތް ކަމަށެވެ. އެގޮތުން އާމްދަނީ އާއި ހިލޭ އެހީގެ އިތުރުން ހަރަދު ކުޑަކުރަން މި އަހަރުގެ ބަޖެޓުގައި ހިމެނި ކަންކަން ހާސިލްނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ހަރަދު ކުޑަކުރަން 2025 ގެ ބަޖެޓުގަ ޖެހީ ބައެއް ކުންފުނިތައް އުވާލަން، އެއް ކުންފުނި އުވުނީ. ތިން ކުންފުނި އުފައްދައިފި. ގައު އަޅާ ކުންފުންޏެއް އެބަ އޮތް މިހާރު، ކޮންސްޓްރަކްޝަން ކުންފުންޏެއް ބީއެމްއެލް އިން ހަދައިފި. ބޭސް ގެންނަ ކުންފުންޏެއް ހަދައިފި. އައިނު ހަދާ ކުންފުންޏެއް ހަދައިފި. އިއްޒަތްތެރި ރައީސް ހަރަދު ކުޑަކުރަން މީގަ ނެތް އެއްވެސް ކަމެއް ކުރެވިފައެއް،" ޒިޔާދު ވިދާޅުވި އެވެ.
ކުންފުނިތަކުގެ އަދަދު އިތުރުވިއިރު، ބަޖެޓުން ބޮޑު ބައެއް ހޭދަކުރަނީ ކުންފުނިތަކަށް މުވައްޒަފުން ނެގުމަށް ކަމަށާއި ބަޖެޓު ކުރި މިންވަރަށްވުރެ އިތުރަށް އެތައް ބިލިއަނެއް ބަޖެޓުން ކުންފުނިތަކަށް ދޫކޮށްފައިވާކަން ޒިޔާދު ފާހަގަކުރެއްވި އެވެ.
"ކުންފުނިތަކަށް ދޭނަ ކަމަށް ޖަހާފަ މިއޮތީ 2.5 ބިލިއަން. ހަތް ބިލިއަން ދޭ ކަމަށް މިހާރު އެބައޮތް ޖަހާފަ. ދޭން ޖެހޭ ކަމަށް. މިއީ ވަރަށް ބޮޑު ވަރެއް އިއްޒަތްތެރި ރައީސް،" ޒިޔާދު ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓުން އެންމެ ބޮޑު އަދަދެއް ދޫކުރަނީ ޓްރޭޑް ނެޓަށެވެ. އެއީ 612 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ސްޓެލްކޯ އަށް 500 މިލިއަން، ފެނަކައަށް 235 މިލިއަން، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 389 މިލިއަން ރުފިޔާ ބަޖެޓުން ދޭނެ އެވެ.
މި އަހަރުގެ ތެރޭ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދި ކުންފުނިތަކަށް ވެސް ގިނަ އަދަދުތަކުން ފައިސާ ދޫކުރަން ވަނީ ބަޖެޓުކޮށްފަ އެވެ.
އެގޮތުން އަދި ހިދުމަތް ދޭން ނުފަށާ ޑިވެލޮޕްމަންޓު ބޭންކަށް 16 މިލިއަން ރުފިޔާ، އިންފްރާސްޓަކްޗާ ޑިވެލޮޕްމަންޓު ސޮލިއުޝަން ކޮމްޕެނީއަށް 280 މިލިއަން ރުފިޔާ އަދި ބޭސް ގެންނަން އަލަށް އުފެއްދި ކުންފުންޏަށް 107 މިލިއަން ރުފިޔާ ދޫކުރަން ވަނީ ބަޖެޓުކޮށްފަ އެވެ. މީގެ ތެރެއިން ދެ ކުންފުންޏަކީ މި އަހަރުގެ ބަޖެޓު ފާސްކުރިއިރު ހުރި ބަޖެޓުގައި ހިމަނާފައި ކުންފުނިތަކެއް ނޫނެވެ.
ކުންފުނިތައް ރިފޯމް ކުރުމުގެ ޕްލޭނުގެ މައިގަނޑު އަމާޒަކީ ކުންފުނިތަކަށް ލިބޭ އެއްޗަކުން ދެކޮޅު ޖައްސަައިގެން ކުންފުނިތައް ހިންގޭނެ މަގެއް ހޯދުމެވެ. މި މަސައްކަތުގެ ތެރެއިން ސަރުކާރުން ނިންމީ ބައެއް ކުންފުނިތައް އެއްކޮށްލައި، ދެން ހުރި ކުންފުނިތައް އުވާލާށެވެ.
މި އަހަރުގެ ބަޖެޓުގައި ހަރަދުކުޑަކުރަން ހިމެނި އެއްވެސް ކަމެއް ހާސިލެއް ނުވި، ކުންފުނިތައް ވެސް ވީ އިތުރު: ޒިޔާދު މި އަހަރުގެ ބަޖެޓުގައި ހަރަދުކުޑަކުރަން ހިމެނި އެއްވެސް ކަމެއް ހާސިލެއް ނުވި، ކުންފުނިތައް ވެސް ވީ އިތުރު: ޒިޔާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ