ޝާހުގެ ނަމުގައި ދުބާއީގައި ކޮމާޝަލް ޓަވަރެއް ބިނާކުރަނީ
ބޮލީވުޑްގެ ކިންގް ޚާންގެ ލަގަބު ހޯދާފައިވާ ކުޅަދާނަ އެކްޓަރު ޝާހްރުކް ޚާންގެ ނަމުގައި ދުބާއީގައި ކޮމާޝަލް ޓަވަރެއް ބިނާކުރަން ނިންމައި އެކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ. "ޝާހްރުކްސް ޓަވަ"ގެ ނަމުން ނަންދީފައިވާ މި ކޮމާޝަލް ޓަވަރަކީ ދުބާއީގެ ރިއަލް އެސްޓޭޓް ކުންފުނި 'ދަނޫބެ ޕްރޮޕަޓީސް'އިން އޮފީސް އިމާރާތެއްގެ ގޮތުގައި ބިނާކުރަން ނިންމާފައިވާ ޓަވަރެކެވެ. މި ޓަވަރުތައް ގަތުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާއިރު އޭގެ ކޮމާޝަލް ޔުނިޓުތައް ފެށޭ އަގަކީ ހަތަރު ކްރޯޑު ރުޕީސް (451،000 އެމެރިކާ ޑޮލަރެ)ވެ. އިންޑިއާއަށް ނިސްބަތްވާ ދުބާއީގެ މަޝްހޫރު ވިޔަފާރިވެރިޔާ 'ދަނޫބެ ޕްރޮޕަޓީސް'ގެ ދެ ބިލިއަން ޑޮލަރުގެ ހާއްސަ މަޝްރޫއެއްގެ ދަށުން ބިނާކުރަން ނިންމާފައިވާ މި ކޮމާޝަލް ޓަވަރަކީ 55 ފަންގިފިލާއަށް އިމާރާތްކުރާ ޓަވަރެކެވެ. ދުބާއީގެ ޝައިހް ޒައިދު މަގުގައި ބިނާކުރާނެކަން އިއުލާނުކޮށްފައިވާ މި ޓަވަރަކީ ފިލްމީ ތަރިއެއްގެ ނަމުގައި ދުނިޔޭގައި މިގޮތަށް ބިނާކުރެވޭ ފުރަތަމަ އިމާރާތެވެ. ޝާހްރުކް ޚާންގެ ނަމުގައި ދުބާއީގައި ބިނާކުރާ ކޮމާޝަލް ޓަވަރުތައް އިއުލާނުކުރި ޕްރޮޖެކްޓް ރަސްމީކޮށް އިފުތިތާހުކުރި ހަފްލާގައި ވިޔަފާރިވެރިޔާ ރިޒްވާން ސަޖަން ޝާހު އަދި ފަރާ ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ ޝާހުގެ ސިގްނޭޗަ ސްޓެޕް ވެސް ފެންނަ މަންޒަރު ދައްކުވައިދޭ ސްޓޭޗޫއަކާ އެކު ޑިޒައިންކޮށްފައިވާ މި ޓަވަރު ހަދަން ނިންމާފައި ވަނީ އަންނަ އަހަރު ދުބާއީއަށް ރަސްމީކޮށް ތައާރަފްކުރާ އެއާ ޓެކްސީތައް ވެސް ލޭންޑްކުރެވޭ ގޮތަށް ކަމަށް ދަނޫބެ ޕްރޮޕަޓީސްގެ މެނޭޖިންގް ޑިރެކްޓަރު އަދީލް ސަޖަން ވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު އެ ކުންފުނީގެ ސިގްނޭޗަ ޕެއިމެންޓް ޕްލޭންގެ ދަށުން ޓަވަރުގެ ޔުނިޓުތައް ގަންނަ ފަރާތްތަކަށް ދިހަ އަހަރުގެ ގޯލްޑަން ވިސާ ވެސް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އަދީލް ވަނީ ވިދާޅުވެފައެވެ. އެ ކުންފުނީގެ ފައުންޑަ އަދި ޗެއާމަން ރިޒްވާން ސަޖަން ވިދާޅުވިގޮތުގައި "ޝާހްރުކްސް ޓަވާ"އަކީ ޚުދު ޝާހްރުކް ޚާންގެ އަމިއްލަ ތަސައްވުރެއް ކަމަށާއި އެ ޓަވަރުގެ ޔުނިޓުތައް ވިއްކުމުގައި އިންޑިއާގެ ރައްޔިތުންނަށް އިސްކަން ދެއްވާނެ ކަމަށެވެ. މި ޕްރޮޖެކްޓް ރަސްމީކޮށް އިއުލާނުކުރި ހަފްލާގައި ވާހަކަ ދައްކަމުން ޝާހްރުކް ޚާން ބުނީ، ދުބާއީގައި އެކްޓަރުގެ ނަން ލޭންޑްމާކެއްގެ ގޮތުގައި ބޭނުންކުރުމަކީ ހިތުގެ އަޑިން އެކަމަށް ޝުކުރު އަދާކުރާ ކަމެއް ކަމަށެވެ. ހަމައެއާއެކު ދުބާއީއަކީ އަބަދުވެސް ޝާހު އާއި އާއިލާއަށް ނުހަނު ލޯތްބާއި އިހުތިރާމް ދެމުން އަންނަ ޤައުމެއް ކަމަށާއި އެއީ އަބަދުވެސް އެކްޓަރަށް ވަރަށް ޚާއްސަ ޤައުމެއް ކަމަށް ޝާހު ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ