ވަލީދުގެ ރިސޯޓް ލައިފްއަށް 19: ތެދުވެރި ހިތްވަރު

އޭނާ މަސައްކަތަށް ނުކުންނަން މަޖުބޫރުވީ އުމުރުން 12 އަހަރުގަ އެވެ. ނިކަމެތި އާއިލާއަކުން އައުމުން ބަޑު ފުރާނަ މުއްތިކޮށް އާމްދަނީއެއް ހޯދުން ނޫން ގޮތެއް އޭނާއަކަށް އެ އުމުރުގައި ނެތެވެ. ކިޔަވަން ފުރުސަތެއް ނުލިބުނެވެ. ރަނގަޅު ވަޒީފާއެއް ލިބޭނޭ ގޮތެއް ވެސް ނުވި އެވެ. ދެން ނުކުތީ އެއާޕޯޓަށް ދަމާކަނޑާށެވެ. 
"ރިސޯޓްތަކުގެ ފޮޓޯތަކެއް ޕްރިންޓްކޮށްގެން ފައިލަކަށް އަޅައިގެން ވަން ޑޮލާ، ވަން ޑޮލާ، މިހެން ކިޔަމުން އެއާޕޯޓަށް ގޮސް، ބުކިން ނުހައްދާ ރާއްޖެ އަންނަ ޓޫރިސްޓުންނަށް ރިސޯޓްތައް ހޯދައިގެން އެ މީހުން ދޭ ލާރިން އެ ތަންތަނަށް ފައިސާ ދައްކައިގެން އެ މީހުން ފޮނުވަނީ ރިސޯޓްތަކަށް،" ރިސޯޓް ލައިފްގެ ވެރިޔާ މުހައްމަދު ޝާޒް ވަލީދު ވާހަކަ ފެއްޓެވި އެވެ. 
"ދެން އެހެން އުޅެމުން ގޮސް 250 ޑޮލަރު ހަމަކޮށްގެން ކުންފުންޏެއް ހެދީ." 
ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ދައުރެއް މިހާރު އަދާކުރާ ޓްރެވަލް އެޖެންސީތަކުގެ ތެރޭ ހިމެނޭ ރިސޯޓް ލައިފްއަކީ ވަލީދު 250 ޑޮލަރުން މީގެ 19 އަހަރު ކުރިން 2006ގައި އުފެއްދެވި ކުންފުންޏެވެ. މިއަދު އެ ކުންފުނީގެ އޮފީސްތައް ދުނިޔޭގެ ދެ ގައުމެއްގައި ހުރިއިރު، 50އަށް ވުރެ ގިނަ މުވައްޒަފުން އެ ކުންފުނީގައި މަސައްކަތް ކުރެ އެވެ.
"ތެދުވެރިކަމާ އެކު، ގަދަ ހިތްވަރާ އެކު ބުރަކޮށް މަސައްކަތްކުރުން. މީހެއްގެ އަތުން ފަންޑެއް، ކަޅު ފައިސާއެއް ނުހޯދަން. ތެދުވެރިކަމާ އެކު ވެސް ވިޔަފާރިކުރެވޭނެކަން މި ބުނެދެވެނީ،" އެ ކުންފުނީގެ 19 އަހަރުގެ ކާމިޔާބީގެ ސިއްރަކީ ކޮބައިތޯ ސުވާލުކުރުމުން ވަލީދު ޖަވާބު ދެއްވި އެވެ.
އެ ކުންފުނީގެ 19 އަހަރުގެ ދަތުރުގައި ވަލީދު ވިދާޅުވީ މިއީ އެ ކުންފުނި ފުރާވަރުން ނުކުމެވި، ހަމަ އިސްކޮޅަށް ތެދުވުން ކަމަށެވެ. ވަލީދު ވިދާޅުވީ މިއީ ޒުވާނުން އެ ކުންފުނީގެ ހިންގުމުގައި ބައިވެރިކުރުވުމުގެ ވަގުތު ކަމަށެވެ. އެ މީހުންގެ ވިސްނުމާ އެކު ކުންފުނި ކުރިއަށް ގެންދިޔުމަށް އޭނާ ހުރީ އަތުކުރި އޮޅާލައިގެންނެވެ. 
"މި ތަނުގައި އިސްކޮށް ތިއްބެވި ޒުވާން ބޭފުޅުން ވިދާޅުވަނީ މުވައްޒަފުންގެ ސިއްހަތު ރަނގަޅުކުރަން އިސްކަން ދިނީމާ ޕްރޮޑަކްޓިވިޓީ ރަނގަޅު ކުރެވޭނޭ. އެހެންވެ، ދުވާލަކު ތިން އާފަލު އަޅުގަނޑުމެން މިއަދުން ފެށިގެން ދޭން ފަށާނަން. އަދި އޮފީސް ގްރީން ކުރުމާ މި ކަހަލަ ކަންކަމަށް މި ސަމާލުކަން ދެނީ،" ވަލީދު ވިދާޅުވި އެވެ.
"ޓީނޭޖް ނިމި ފުރާ ފުރިހަމަވެފައިވާ ކުންފުންޏަކަށް ވާން ދެން މަސައްކަތް އޮތީ." 
ވަލީދު ވިދާޅުވެ ދެއްވި ތަފާސްހިސާބުތަކުން ރިސޯޓް ލައިފްގެ ހިއްސާ ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގައި ބޮޑެވެ. އޭނާ ވިދާޅުވި ގޮތުގައި، އަހަރެއްގެ ތެރޭ އެ ކުންފުނިން ގެނައި ޓޫރިސްޓުން 360،000 ބެޑް ނައިޓްސް ރާއްޖޭގައި ހޭދަކުރި އެވެ. އަދި އެ ކުންފުނީގެ އާމްދަނީއަކީ އަހަރަކު 80 މިލިއަނެއްހާ ޑޮލަރެވެ. 
"އަޅުގަނޑުމެންގެ ކުންފުނިން އިގްތިސާދަށް އަހަރަކު އެބަ 11 މިލިއަނެއްހާ ޑޮލަރު ޓެކްސް ހިމެނޭހެން އެބަ ކޮންޓުރިބިއުޓްކުރަން. އަނެއްކާ މިތާ ގިނަވާނީ ވެސް ދިވެހި މުވައްޒަފުން،" ވަލީދު އެވެ.
އޭނާ ނިންމާލައްވަމުން ޒުވާނުންނަށް ދެއްވީ މެސެޖެކެވެ. ހިތްވަރާއި ތެދުވެރިކަމާ އެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބު ވާނެ އެވެ. ވަލީދު ވިދާޅުވީ މި ޒަމާނުގައި ފުރުސަތުތައް ތަނަވަސްވާން ހުރި ފުރުސަތުތައް ބޮޑެވެ. ބޭނުމީ ހިތްވަރާ އެކު ގަދައަޅާ މަސައްކަތްކުރުމެވެ. 
"އަހަރެމެން ނުކުމެ އުޅުނީ ސަވައިވަލް ކިޓެއް އަޅައިގެން އޭރު. އެކަމަކު މިހާރު ތަފާތު އެ ޒަމާނާ. މީގައި ޒުވާނަކު ކުރަން ބޭނުންވާ ރަނގަޅު ކަމަކަށް ވިޔަފާރިއަކަށް ކެރިންގެ ނިކުތުން. ގަދަ އަޅައި އަތުންފައިން މަސައްކަތް ކުރުން އޮންނާނީ،" ވަލީދު ވިދާޅުވި އެވެ.
"ތެދުވެރިކަމާ އެކު ކުރިއަށް ދާން ޖެހޭނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ