މާލޭގެ ހުޅަނގު ފަރާތް ދިވެހި ރުކުން ފެހިކޮށްލަނީ: ''މުޅި މާހައުލު ހިތްފަސޭހަވާނެ''
މާލޭގެ ހުޅަނގު ފަރާތުގައި ދިވެހި ރުއް އިންދައި, އެ ސަރަހައްދު ފެހިކުރަން ސިޓީ ކައުންސިލުން އިއްޔެ ފަށައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަން ކުރެއްވިއިރު މާލެ ފެހިކުރުމަށްޓަކައި ސިޓީ ކައުންސިލުން އިންދީ ކަދުރު ރުށްތަކެވެ. އަދި މި ސަރުކާރުން އެންމެ ފަހުން ކުރިއަށް ގެންދިޔަ 'އެއް ލައްކަ ގަސް' މަޝްރޫއުގެ ދަށުން މާލޭގެ އެކި ސަރަހައްދުތަކުގައި ވެސް އިންދީ ކަދުރު ރުއްތަކެވެ. އެގޮތުން, ބައެއް ޕާކުތަކާއި ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ކުރިމަތީ ވެސް އިންދީ ކަދުރު ރުއްތަކެވެ. އެކަމަކު, މާލޭގެ ބޮޑުތަކުރުފާނު މަގުގެ ދެކުނުކޮޅުގައި އިންދާފައި ހުރި ރުއްތައް މޯޅިވެ، ބައެއް ރުއްތައް ވަނީ މަރުވާން ކައިރިވެފައެވެ. މާލޭގެ ހުޅަނގުގައި އޮންނަ ރަސްފަންނު ސަރަހައްދާ ދިމާލުގައި ކައުންސިލުން ދިވެހި ރުއް އިންދަން ފެށުމާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން މާލޭގެ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، ކައުންސިލުން ދިވެހި ރުއް އިންދަނީ ހުސްކޮށް ހުރި ސަރަހައްދުތަކުގައި ކަމަށާއި، ދިވެހި ރުކުގެ ސަބަބުން އެ ސަރަހައްދު ހިތްފަސޭހަ ސަރަހައްދަކަށް ބަދަލުވާނެ ކަމަށެވެ. https://x.com/adamazim/status/1982147605078716668 ކައުންސިލުން ރުއްތައް ބަލަހައްޓާނެކަމުގެ ޔަގީންކަން އާޒިމް ދެއްވިއެވެ. ކަދުރު ރުއްތަކާ ބެހޭގޮތުން ސުވާލުކުރުމުން އާޒިމް ވިދާޅުވީ، ކަދުރު ރުއްތައް ނެގުމުގެ ވިސްނުމެއް ކައުންސިލްގައި އަދި ނެތް ކަމަށާއި، ސަބަބަކީ ކަދުރު ރުއް އިންދުމަށް ވެސް ކައުންސިލުން މީގެ ކުރިން ޚަރަދުތައް ކޮށްފައިވާތީ ކަމަށެވެ. "ދެން އެކޮޅުގައި ގަސްތައް މަރުވާ ވަރަކުން އަޅުގަނޑުމެން ބަލާނީ، މަރުވެ ކަންތައްތައް ވަންޏާ ކައުންސިލުން މަޝްވަރާކޮށްފައި ބަލާނީ ކިހިނެއްތޯ ހަދާނީ،" އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި އިންދަންވާނީ ދިވެހި މާހައުލާ ގުޅޭ ގަސްތަކެއް ކަމަށް އާޒިމް ގަބޫލުކުރައްވައެވެ. "މާލޭ ރައްޔިތުން ވެސް ގިނަ ދިވެހީން ވެސް އެދެނީ ދިވެހި ރުއް ޖަހަން، އެހެންވީމާ އެގޮތަށް ބަލާފައި ރައްޔިތުންގެ ރޫހު ހުރިގޮތަށް އަޅުގަނޑު ކުރިއަށް ގެންދާނީ، ރައްޔިތުން އެދެނީ ދިވެހި ރުއް ޖަހަން،" ނަމަވެސް މި މަސައްކަތުގެ ދަށުން އިންދަނީ ކިތައް ރުއްކަން ސާފެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ