ކުދި އެހެން ވޯޓުތަކުގައި ނުކުރާ ވަރަށް އައްޑޫ ވޯޓުގައި މަސައްކަތްކުރިން: އީސީ
ކުރު މުއްދަތެއްގެ ތެރޭ އައްޑޫގެ ހުޅުދުއާއި މީދުއާއި ފޭދޫގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި އެހެން ކުދި ވޯޓުތަކުގައި ނުކުރާ ވަރަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްފައިވާނެ ކަމަށް، އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ. އިއްޔެގެ އިންތިޚާބާ ގުޅޭގޮތުން 'ސަން'އިން ސުވާލުކުރުމުން ސަލާހު ވިދާޅުވީ، އިންތިޚާބެއްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިލެކްޝަންސް ކޮމިޝަނުން ކުރި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން، އައްޑޫގެ ހުޅުދުއާއި މީދުއާއި ފޭދޫގައި ދޮރުން ދޮރަށް ހިނގައި، އިންތިޚާބާ ގުޅޭ މައުލޫމާތު ކަރުދާސް ބަހާފައިވާނެ ކަމަށާއި، މާލެއާއި އައްޑޫގައި މައުލޫމާތު ދިނުމުގެ ސެޝަންތައް ކޮމިޝަނުން ބޭއްވި ކަމަށެވެ. "އަޅުގަނޑުމެން އިލެކްޝަނެއްގައި ކުރާ މަސައްކަތް އަޅުގަނޑުމެން ކުރިން، ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް ކުރެވުނު ކަމަށް ގަބޫލުކުރަން، އެއީ ޑޯޓުޑޯ ވެސް އައްޑޫގައި ކުރިއަށް ގެންދިޔައިން، ފްލަޔާސް ބެހުމުގެ ކަންކަން ކުރިއަށް ގެންދިޔައިން މި އިންތިޚާބާ ގުޅިގެން، އިންފޮމޭޝަން ސެޝަން ވެސް މާލޭގައި ވެސް، އައްޑޫގައި ކޮންމެ އަވަށެއްގައި ވެސް ކުރިއަށް ގެންދިޔައިން،" އިންތިޚާބުތަކުގައި ޑިޖިޓަލް އައިޑީ ނުވަތަ އީފާސް ބޭނުންކުރުމާ ގުޅޭގޮތުން ސުވާލުކުރުމުން ސަލާހު ވިދާޅުވީ، ވޯޓުލާ މީހުން ދެނެގަތުމަށްޓަކައި އީފާސް ބޭނުންކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ. ސަބަބަކީ އޭނާ ވިދާޅުވި ގޮތުގައި ވޯޓުލެވޭ އާބާދީގެ ބައެއް މީހުންނަށް އީފާސް ބޭނުންކުރަން ދަތިތައް ހުންނާނެތީއެވެ. ހަމަ އެއާއެކު، އީފާސް ބޭނުންކުރެވޭނީ ގާނޫނާއި ގަވާއިދު އިސްލާހުކޮށްގެން ކަމާއި، އިންތިޚާބީ މަރުކަޒަށް ފޯނާއި ޓެބްލެޓް ފަދަ ތަކެތި ވެއްދުން މަނާކަން ސަލާހު ފާހަގަކުރެއްވިއެވެ. "ކޮމިޝަނުގެ ވިސްނުމުގައި ނެތް ޑިޖިޓަލްކޮށް ވޯޓުލުމެއް ވެސް ޑިޖިޓަލް ކާޑެއް ބޭނުންކުރާކަށް ވެސް، އެއް ބަޔަކަށް ޚިދުމަތްލިބޭ އެންމެންނަށް ބޭނުންނުކުރެވޭ ސާވިސްއެއް އެއީ، އެންމެންނަށް ވެސް ޔޫޒްކުރެވޭ ކަހަލަ ޚިދުމަތެއް ބޭނުންކޮށް ވޯޓުދިނުމުގެ ފުރުސަތު ދިނުމުގެ ވިސްނުމެއް އަދި އޮތީ،" އޭނާ ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި އައްޑޫ ސިޓީ ކައުންސިލުގައި އޮތުމާ މެދު ހުޅުދުއާއި މީދުއާއި ފޭދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ހުޅުދުއާއި މީދޫން ނިންމީ ސިޓީ ކައުންސިލުން ވަކިވެ، ވަކި ކައުންސިލު އިދާރާތަކެއް ގާއިމުކޮށް ހިންގުމަށެވެ. އެހެންކަމުން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ހުޅުދުއާއި މީދޫގައި ދެން އޮންނާނީ ވަކި ކައުންސިލްތަކެކެވެ. އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާއިން ދައްކާ ގޮތުގައި، ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ފޭދޫން 616 މީހަކު ވޯޓުދިންއިރު، ނުފެންނަ ކަމަށް 1،784 މީހަކު ވޯޓުދިނެވެ. ހަމަ އެހެންމެ މީދޫން 847 މީހަކު ވަކި ކައުންސިލެއް ހަދަން ފެންނަ ކަމަށް ވޯޓުދިންއިރު ނުފެންނަ ކަމަށް 144 މީހަކު ވޯޓުދިނެވެ. އަދި ހުޅުދޫގައި ވަކި ކައުންސިލެއް ހަދަން 723 މީހަކު ވޯޓުދިންއިރު ނުފެންނަ ކަމަށް ވޯޓުދިނީ 329 މީހުންނެވެ. ނަމަވެސް، އިއްޔެގެ އިންތިޚާބުގައި ވޯޓުލެވޭ ޖުމްލަ އާބާދީގެ 50 ޕަސެންޓު ވެސް ބައިވެރިނުވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. އެގޮތުން އިއްޔެގެ އިންތިޚާބުގައި 9،576 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވީ ނަމަވެސް، އިންތިޚާބުގައި ވޯޓުލީ ޖުމްލަ 4493 މީހުންނެވެ. އެއީ، ވޯޓުލެވޭ އާބާދީގެ 47 ޕަސެންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ