އަތޮޅު މުބާރާތްތަކަށް ފީފާއިން 4.1 މިލިއަން ރުފިޔާގެ އެހީއެއް ދެނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމުން ފެށުމަށް ތައްޔާރުވަމުންދާ އަތޮޅުތެރޭގެ މުބާރާތައް ފީފާއިން 266000 ޑޮލަރު ދިނުމަށް ނިންމައިފިއެވެ.
މިކަން ފީފާއިން ހާމަކޮށްފައިވަނީ އެ އިދާރާގެ ވެބްސައިޓްގައި ޕޯސްޓްކުރި ބަޔާނެއްގައެވެ. މި ބަޔާނުގައި ފީފާއިން ބުނެފައިވަނީ، އަތޮޅު މުބާރާތުގެ އެހީގެ ގޮތުގައި އެ އިދާރާއިން 266000 ޑޮލަރު ނުވަތަ 4.1 މިލިއަން ރުފިޔާގެ އެހީގެ އިތުރުން އަންހެނުންގެ ފުޓްބޯޅަ ކުރިއެރުވުމަށްވެސް އެހީތެރިކަން ދިނުމަށް ނިންމާފައިވާކަމަށެވެ.
މި އެހީ ދޭން ނިންމިކަން އިއުލާނުކޮށްފައިމިވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާފައިވަނިކޮށެވެ. މިދިޔަ ހުކުރުދުވަހު އިންފަންޓީނޯ ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަށްގެންދިއުމަށް އެފްއޭއެމުން ކުރުމަށް ރާވާފައިވާ ކަންކަން ފާހަގަކުރައްވައި އެކަމަށް ފީފާގެ ފަރާތުން އެއްބާރުލުން ދޭނޭކަމަށް ވިދާޅުވެފައވެެ.
އެފްއޭއެމުން ފެށުމަށް ހަމަޖެހިފައިވާ އަތޮޅުތެރޭގެ މުބާރާތުގައި 49 ޖަމިއްޔާއަކުން ވާދަކުރާއިރު އަންނަ މަހުގެ ތެރޭގައި ސެންޓްރަލް ރީޖަންގެ މުބާރާތްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ