ހުލާސާކޮށް އިއްޔެ: ހިންޏަށް ހަކުރު އޮޅުވާލުން ހުލާސާކޮށް އިއްޔެ: ހިންޏަށް ހަކުރު އޮޅުވާލުން

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅުމަކީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުން ކަހަލަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސެއިން އިއްޔެ ވިދާޅުވި އެވެ.
ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.
އެއީ ފައިސާ ޗާޕު ކުރުން ނޫން ކަމަށް ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކުން ބުނަމުންދަނިކޮށް އެ މައްސަލައިގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަނީ ހިންޏަށް ހަކުރު އޮޅުވާލަން އުޅޭ ކަހަލަ ގޮތަކަށް ކަމަށެވެ.
"ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕުކުރުމަކީ ހިންޏަށް ހަކުރު އޮޅުވާލަން އުޅުންކަހަލަ ކަމެއް. ވެރިކަމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރު ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނެ،" އޭނާ ވިދާޅުވި އެވެ.
ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ޕެންޝަން ބޯޑަށް މުހައްމަދު މުއިއްޒުގެ ސަރުކާރުން އައްޔަން ކުރި ސަރުވަޝް އާދަމް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ފައިސާ ޗާޕު ކުރަން އުޅެނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭގެ ނުރައްކާ އިގްތިސާދަށް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި މުއާމަލާތަށް މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ، އަޅުގަނޑުގެ ނަޒަރުގައި އޭގެ ޤާނޫނީ ސައްޙަކަމާމެދު ސުވާލު އުފެދޭ، ރާއްޖޭގެ އިޤްތިސާދަށް ނުރައްކާ ބޮޑު، އަދި ބޯޑުގެ ފައިޑިއުޝަރީ ޒިންމާއާ ފުށުއަރާ މުއާމަލާތެއް،" ސަރުވަޝްގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ