ރާއްޖޭގެ ފުޓްބޯޅަ އަށް ފާއިތުވި އަހަރުތަކަކީ ގޮންޖެހުން ބޮޑު ދުވަސްތަކެއް ކަމަށާއި މިހާރު ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމުން ކަންކަން ރަނގަޅުކޮށް، ފުޓްބޯޅަ ކުރިއަރުވަން ކުރާ މަސައްކަތާ މެދު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހިތްހަަމަޖެހޭ ވިދާޅުވެއްޖެ އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ އަށް ކުރައްވާ އެއް ދުވަހުގެ ދަތުރުފުޅުގެ ތެރޭގައި، މިއަދު މެންދުރު ފަހު ވަނީ ރައީސް އޮފީހުގައި، ރާއްޖޭގެ ރައީސުލްޖްމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު، ބައްދަލުވުމެއް ބާއްވައިފަ އެވެ. ރައީސް މުއިއްޒު ވަނީ، ވަގުތު ހުސްކުރައްވައިގެން ރާއްޖެ އަށް، އިންފަންޓީނޯ ވަޑައިގެންނެވުމުން އެ ކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އެ ގޮތުން، އިންފަންޓީނޯ ވިދާޅުވީ، މިވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ފުޓްބޯޅަ އަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު، އެފްއޭއެމްގެ އާ ލީޑަޝިޕާ އެކު، އަންނަމުންދާ ކުރިއެރުންތަކާ މެދު ހިތްހަމަޖެހޭ ކަމަށް އޭނާ ވިދާޅުވެފައިވެ އެެވެ.
އޭގެ އިތުރުން، އެފްއޭއެމްގެ މިހާރުގެ އިސްވެރިންގެ މަސައްކަތަށް އިންފަންޓީނޯ ތައުރީފުކުރެއްވިއިރު، އޭނާ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމަށް، ފީފާއިން ދެމުންދާ އެއްބާރުލުން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އަދި، ރާއްޖޭގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު ތަރައްގީ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އިންފަންޓީނޯ ވިދާޅުވީ، މުޅި ދުނިޔެ އަށް، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އެއްވަރަށް ފުޓްބޯޅައިގައި ހޯދާ ކާމިޔާބީ ވެސް ވިދާލާނެ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް ހާއްސަ އަހައްމިއްޔަތެއް ދޭ ކަމަށާއި، ފުޓްބޯޅަ އަކީ ދިވެހިންގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށެވެ. އަދި، ދިވެހި ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަން އާލާކުރުމުގައި ފުޓްބޯޅަ އަކީ މުހިންމު ބާރެއްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން، މި ސަރުކާރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި އަހަރާއި އަންނަ އަހަރު، ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރާ އުމުރާނީ މަސައްކަތްތަކާއި އެހެނިހެން ކަންކަމުގެ މަޢުލޫމާތު ރައީސް މުއިއްޒު ވަނީ ފީފާގެ ވަފުދަަށް ހިއްސާކުރައްވައިފަ އެވެ.
ފުޓްބޯޅައިގެ ކުރިމަގަށް ކުރާ މަސައްކަތުގައި އެފްއޭއެމް އިން ކުރާ ކަންކަމަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ރައީސް މުއިއްޒު ވަނީ ފީފާ އަށް ޔަގީންކަން ދެއްވައިފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމިއްޔާގެ ރައީސަކު، ރާއްޖެ އަށް މި ވަޑައިގަންނެވީ 19 އަހަރަށް ފަހު އެވެ. އެންމެ ފަހުން ފީފާގެ ރައީސަކު ރާއްޖެ އަށް ވަޑައިގެންނެވީ 2006 ވަނަ އަހަރު، އޭރުގެ ރައީސް ސެޕް ބްލެޓާ އެވެ.
އިންފަންޓީނޯ އާއި ރައީސް މުއިއްޒު ވަނީ، މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުރިއަށްދިޔަ ފުޓްބޯޅަ ފެސްޓިވަލްގެ ތެރެއިން ކުޅުނު ހާއްސަ މެޗުގައި ކުޅުއްވައިފަ އެވެ. ރައީސް މުއިއްޒުގެ ޓީމަކާއި ފީފާގެ ޓީމެއްގެ ދެ މެޗުގައި ކުޅެވުނު މި މެޗުން މޮޅުވީ ފީފާގެ ޓީމެވެ.
މިއަދު ކުރިއަށްދިޔަ މި ފެސްޓިވަލްގެ ތެރެއިން، ރައީސް މުއިއްޒު އާއި ފީފާގެ ރައީސް އިންފަންޓީނޯ ވަނީ ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކުލަވާލި، ޑައިމަންޑް ޖޫބިލީގެ އިވެންޓްގެ ލޯގޯ އިފްތިތާހުކޮށްފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ފީފާގެ ރައީސް އިންފަންޓީނޯގެ ތައުރީފު ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތަށް ފީފާގެ ރައީސް އިންފަންޓީނޯގެ ތައުރީފު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ