ހަރްޝްގެ ފިލްމު 'ދިވާނިއްޔަތު' ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދައިފި
ފިލްމު "ސަނަމް ތޭރީ ކަސަމް"އިން ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނު އިންޑިއާގެ އެކްޓަރު ހަރްޝްވަރުދަން ރާނޭގެ އާ ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"އަށް ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ލިބިއްޖެއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 21ގައި ސިނަމާތަކުގައި އެޅުވި މި ފިލްމަކީ މިލަޕް ޒަވޭރީގެ އަމިއްލަ ވާހަކައަކަށް ބިނާކޮށް މިލަޕް ޑައިރެކްޓްކޮށް ގެނެސްދިން ފިލްމެކެވެ. ވަރަށް ތަފާތު ލޯބީގެ ވާހަކައަކަށް ބިނާކޮށް އުފެއްދި މި ފިލްމުގައި ހަރްޝްއާ އެކު ބަތަލާގެ ރޯލްއިން ފެނުނީ މިފަހުން ބޮލީވުޑްއިން ގިނަ ފުރުސަތުތަކެއް ހޯދަމުން އަންނަ ޕަންޖާބަށް ނިސްބަތްވާ ބަތަލާ ސޯނަމް ބާޖްވާއެވެ. މި ފިލްމު ރިލީޒްކުރުމަށްފަހު ފިލްމުގެ ވިޔަފާރި ދަށްވާނެ ކަމަށް އުއްމީދުކުރި ނަމަވެސް ދެވަނަ ހަފްތާގައި ވެސް ފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބުނު ތަރުހީބު ދިޔައީ އިތުރުވަމުންނެވެ. ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު"ގެ މަންޒަރެއްގައި ހަރްޝްވަރުދަން އާއި ސޯނަމް--ފޮޓޯ/ހިންދުންސްތާންޓައިމްސް ފިލްމު 100 ކްރޯޑު ކްލަބުން ޖާގަ ހޯދި ރިލީޒްކުރިތާ އެންމެ 12 ދުވަސް ތެރޭގައި ކަމަށް ހިންދުންސްތާން ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ. އެހެންކަމުން ހަރްޝްގެ ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު" ވެފައި ވަނީ މި އަހަރު މިހާތަނަށް ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކުގެ ލިސްޓުގައެވެ. ފިލްމު "އޭކް ދިވާނޭ ކީ ދިވާނިއްޔަތު" އަކީ އެންމެ 25 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. ވަރަށް ކުޑަ ބަޖެޓަކުން މާބޮޑު ކާސްޓެއް ނެތި އުފެއްދި މި ފިލްމުގެ މަސައްކަތް ނިންމާލީ ފިލްމު އިއުލާނުކުރިތާ ގާތްގަނޑަކަށް ހަ މަސް ދުވަހުގެތެރޭގައެވެ. ފިލްމަށް ލިބެމުން އަންނަ ތަރުހީބާ އެކު ހަރްޝް ވަނީ ބެލުންތެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. ހަރްޝްގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ސިލާ" އަދި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް ފިލްމު "ކުން ފަޔަ ކުން"ގެ އިތުރުން ދާދިފަހުން ޖޯން އަބްރަހަމްއާ އެކު މަސައްކަތްކުރާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާ ފިލްމު "ފޯސް 3" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ