އާރްޓީއެލް ފެރީތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް އިކޮނޮމިކް އެންޑް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު ސައީދު ޖަވާބު ނުދެއްވައި ދޫކޮށްލައިފި އެވެ.
ފަހަކަށް އައިސް އާރްޓީއެލް ފެރީތަކަށް ދިމާވާ ޓެކްނިކަލް މައްސަލަތަކާ ހެދި ބައެއް ފެރީތައް ގްރައުންޑް ކުރުމާއި ގިނަ ފެރީތައް ކެންސަލްވާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.
އެކަމާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައީދާ ސުވާލު ކުރެއްވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އެވެ.
"އާރްޓީއެލް އަށް ދިމާވާ ޓެކްނިކަލް މައްސަލަ ހައްލުވެ ކުރިއެކޭ އެއްގޮތަށް އާރްޓީއެލް ހިދުމަތް ފަށާނީ ކޮން އިރަކުތޯ؟" އަމީން ވިދާޅުވި އެވެ.
މައްސަލަތަކާ ބެހޭ ސުވާލަށް ޖަވާބު ނުދެއްވައި ސައީދު ދެއްކެވީ އާރްޓީއެލް ހިދުމަތް ފުޅާ ކުރުމާ ގުޅޭ ގޮތުން މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ވާހަކަތަކެވެ. އެގޮތުން އެ ހިދުމަތް މިހާތަނަށް ނުދެވި އޮތް ފަސް އަތޮޅެއްގައި ހިދުމަތް ފަށައި އަންނަ އަހަރު ޖެނުއަރީގައި މުޅި ރާއްޖޭގައި އާރްޓީއެލް ހިދުމަތް ދެވޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.
އެ ސުވާލު ސައީދު ޖަވާބު ނުދެއްވުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ވަނީ އަނެއްކާވެސް ސުވާލު ތަކުރާރު ކުރައްވައިފަ އެވެ.
"ސުވާލަކީ ފެރީތައް ކެންސަލްވާ ކެންސަލްވުމަށް އޮތް ހައްލަކީ ކޮބާތޯ. އެހެންވެ އެ ސުވާލު އަޅުގަނޑޫ ތަކުރާރު ކޮށްލީ ދެވަނަ ފަހަރަށް." ޒިޔާދު ވިދާޅުވި އެވެ.
ޒިޔާދު ސުވާލު ތަކުރާރު ކުރެއްވުމުން ވެސް މިނިސްޓަރު އަޅައި ނުލެއްވި އެވެ. ސައީދު ދެން ވެސް ދެއްކެވީ އެ ހިދުމަތް މުޅި ރާއްޖެ އަށް ފުޅާ ކުރާ ވާހަކަ އެވެ.
"އާރްޓީއެލްގެ ޖަވާބު މިދިނީ، އާރްޓީއެލްގެ ހިދުމަތް 2027 ޖެނުއަރީ މަސް ނިމުމުގެ ކުރިން ބާކީ އޮތް ފަސް އަތޮޅާ އެއްކޮށް މި ހިދުމަތް ފެށުން މިއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.
އާރްޓީއެލް ފެރީ އަށް ދިމާވާ މައްސަލަތަކާ ގުޅޭ ސުވާލަށް ސައީދުގެ ޖަވާބެއް ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ