ވިޔަފާރި ބަނދަރު ތިލަފުއްޓަށް: ބައިނަލްއަޤްވާމީ ބޯޓުފަހަރަށް އެއް ކިލޯމީޓަރުގެ ކީވޯލެއް!

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީއާއި ދެމެދު ސޮއިކުރީ މިދިޔަ ހޯމަ ދުވަހުއެވެ. މިއީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ މަރުހަލާތަކުގެ ތެރެއިން ހަވާލުކުރެވުނު އެންމެ މުހިންމު އެއް މަސައްކަތެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށް ޓަކައި އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެމް.ޕީ.އެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން ހުސައިން ޝަފީޤުއެވެ. އަދި ސީ.އެޗް.އީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯއެވެ.
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަ، 14.6 މީޓަރު ފުން މިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ހެދުމާއި، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ މުދާ އުފުލާ އުޅަނދުފަހަރަށް ޚާއްސަ 5 މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުން ހިމެނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ، ޒަމާންވީ މުހިއްމު އެތައް މައްސަލައަކަށް ހައްލު ހޯދައި ދިނުމާއި، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސްގެ ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަޞީލަތްތައް ފުޅާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ. މި އެއްބަސްވުމުގެ ދަށުން ތިލަފުށީ ބަނދަރުގެ އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު މިހާރަށްވުރެ ހަލުވި އަދި ފަސޭހަނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.
ދުނިޔޭގެ ފެންވަރުގައި ބަނދަރު ހެދުމުގެ ޤާބިލުކަން ހުރި ކުންފުންޏެއްކަމަށްވާ، ސީ.އެޗް.އީ.ސީ އާއެކު ވެވުނު މި އެއްބަސްވުމަކީ ޒަމާނުއްސުރެ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ޓަކައި 11 ނޮވެމްބަރ 2027ގެ ނިޔަލަށް، ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވޭ މުހިއްމު މަސައްކަތެެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ބައެއް މަސައްކަތްތައް 01 ޖޫން 2026 ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއި ހަވާލުކުރެވިފައެވެ. އެގޮތުން 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި، 3 ހެކްޓަރުގެ ސަރަހައްދެއް ޕޭވްކުރުން ހިމެނޭއިރު މި މަޝްރޫޢު އެއްކޮށް ނިމޭއިރު ތިލަފުށީ ބަނދަރުގައި 1،000 މީޓަރަށްވުރެ ދިގު ބައިނަލްއަޤްވާމީ ކީ-ވޯލްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ޚާއްސަކޮށްގެން 2،000 މީޓަރަށް ވުރެން ދިގު ކީ-ވޯލް ހިމެނޭގޮތަށް ޑޮމެސްޓިކް ޓަރމިނަލްއެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައިވެއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ހިންގުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމަށްވާއިރު ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަކީ، މާލޭ ވިޔަފާރި ބަނދަރުގެ ބިމުގެ ޖާގައަށްވުރެ، 10 ގުނަ ބޮޑު ސަރަހައްދެކެވެ. އެހެންކަމުން، ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ބަނދަރުގެ ޖާގައިގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
މާލޭ ބަނދަރަށް އަންނަ ބައެއް ކޮންޓޭނަރު އުފުލާ އުޅަނދުތަކަކީ މަގަތު ފާލަމަށް ކައިރި ކުރެވޭޭވަރަށްވުރެ ބޮޑެތި އުޅަނދުތަކެވެ. މިފަދަ އުޅަނދުތަކުން މުދާ ބޭލުމާއި ބަރުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ އައުޓަރ އެންކަރޭޖްގައި ބާއްވައިގެންނެވެ. ތިލަފުށީގައި ތަރައްޤީކުރާ ބަނދަރުގައި، މާލޭ ވިޔަފާރި ބަނދަރުގެ ކީ-ވޯލްއަށް ވުރެ 3 ގުނަ ދިގު އިންޓަރނޭޝަނަލް ކީ-ވޯލްއެއް 2027ގެ އޮކްޓޯބަރ މަހުގެ ނިޔަލަށް ތަރައްޤީކުރެވޭއިރު މިހާރު މާލޭ ބަނދަރުގައި ކުރިއަށް ގެންދާ ކޮންޓޭނަރ ބޯޓުފަހަރުގެ އައުޓަރ އެންކަަރޭޖް އޮޕަރޭޝަންތައް ހުއްޓާލެވޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ.
ކޮންޓޭނަރު އުފުލާ ބޯޓުފަހަރުތައް މުދާ ބާލާނީ، އެ އުޅަނދެއްގައި ހުންނަ ކެރޭން ބޭނުންކޮށްގެންނެވެ. މިގޮތަށް މި މަސައްކަތް ކުރާ އިރު ބޯޓުގެ ކެރޭނަށް މައްސަލައެއް ދިމާވެއްޖެ ހާލަތެއްގައި މުދާ ބޭލުމުގެ މަސައްކަތް ހުއްޓި، އޮޕަރޭޝަނަށް ބުރޫ އަރައެވެ. އެހެންނަމަވެސް ތިލަފުށީގައި ތަރައްޤީކުރާ ބަނދަރަށް ގެންޓްރީ ކެރޭނާއި މޯބައިލް ހާބަރ ކެރޭން ފަދަ ކޮންޓޭނަރ ބޭލުމަށް ޚާއްސަ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު މިއީ މުދާ ބޭލުމުގައި މިހާރު ހޭދަވާ ވަގުތު ކުޑަކޮށް ޚިދުމަތުގެ ފެންވަރު އެތައް ގުނައެއް މަތި ކުރެވޭނެ ބަދަލުތަކެެއްގެ ގޮތުގައި އެ ކުންފުނިން ސިފަކުރެއެވެ.
މިހާރު މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކާގޯ ބޯޓުފަހަރަށް މުދާ އެރުވުމާއި ބޭލުމަށް ގާތްގަނޑަކަށް 7 ދުވަހުގެ މުއްދަތެއް ބަނދަރުގައި ހޭދަކުރި ނަމަވެސް، އައު ބަނދަރުގެ ޚިދުމަތް ފެށުމުން މިވަގުތު ގާތްގަނޑަކަށް 2 ދުވަހުގެ މުއްދަތަށް ކުޑަވެގެންދާނެއެވެ. މިއީ މުދާ އެތެރެކުރާ ފަރާތްތަކާއި ޝިޕިންގ ލައިންތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. އަދި މީގެ އިތުރުން ބަނދަރުގެ ސަރަހައްދުން ޒަމާނީ ވެއަރހައުސްގެ ޚިދުމަތް ލިބި، ކޮންޓެއިނަރ ކްލިއަރަކުރުމުގެ އޮޕަރޭޝަންސްތައް ލުއިފަސޭހަވެގެންދާނެއެވެ.
ތިލަފުށީ ބަނދަރުގައި ޤާއިމްކުރެވޭ ވަޞީލަތްތަކާއެކު، މިހާރު އަންނަ ބޯޓުފަހަރަށްވުރެ ބޮޑެތި ބޯޓު އަންނަން ފެށުމުން މުދަލުގެ ފްރައިޓް ކުޑަވެ، އާންމު ރައްޔިތުންނަށް މުދާ ލިބޭ އަގު ހެޔޮވުމަށް މަގު ފަހިވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެމްބަރު މަހު ތިލަފުއްޓަށް ބަދަލުކޮށް ނިމޭނެ ކަމަށެވެ. ރައީސް ވިދާޅުވެފައިވަނީ އެ މަސައްކަތް ނިމުމުން ބަނދަރުގައި މުދާ ބެހެއްޓޭނެ މުއްދަތު އިތުރުކުރެވި މުދާ ގެނައުމަށް ހިނގާ ހަރަދުތައް ވެސް އޭގެ ސަބަބުން ކުޑަވާނެ ކަމަށެވެ. އޭގެ އިތުރުން، އެ ބަދަލާއެކު މާލޭގައި ގުދަންކުރާ މުދާތަކާއި މާރުކޭޓު ސަރަހައްދުގައި ކުރާ ހޯލްސޭލް ވިޔަފާރިތައް ވެސް ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ ބޮޑު ބަދަލާއެކު މާލޭގެ ކާރޫބާރު ބޮޑު އުތުރުފަރާތް އެއްކޮށް ބަދަލުކޮށްލައި، އެ ސަރަހައްދު ހިތްފަސޭހަ ސަރަހައްދަކަށް ބަދަލުކުރުމަށް މަގު ކޮށިގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ