އައިލެންޑް އޭވިއޭޝަން ހިމެނޭހެން، ސަރުކާރުގެ އިތުރު 4 ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި

ދައުލަތުގެ ހިއްސާ އޮންނަ ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އާ މެންބަރުން އައްޔަންކޮށްފިއެވެ. ޕީސީބީން މިއަދު ބޯޑު މެންބަރުން އައްޔަންކުރި ހަތަރު ކުންފުންޏަކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑެވެ. މިގޮތުން ބޯޑަށް އައްޔަންކުރި ބޭފުޅުންނަކީ: ފަހި ދިރިއުޅުން ކޯޕަރޭޝަން: މއ. ޝާހީން، ޢަބްދުﷲ ޔާމީން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން: ގ. ބާނީ، އަޙްމަދު މާޒިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން: ދ. ބަނޑިދޫ، ފެހިވިނަ، ޝާހިދު މޫސާ އައިލެންޑް އޭވިއޭޝަން ސާވިސަސް: ދ. ކުޑަހުވަދޫ، ތިކުރީތު، މަޢީޝާ އިބްރާހިމް އިއްޔެ ވެސް ޕީސީބީން ވަނީ ތިން ކުންފުންޏެއްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފައެވެ. އެއީ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށެވެ. https://sun.mv/225000 ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކަށް މި ބަދަލުތައް ގެންނަން ފަށާފައި މިވަނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ސަރުކާރުން އަންގާފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ އޭޕްރިލް މަހު އެންގި މި އެންގުމާ އެއްގޮތަށް، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ނިންމުމަށް މި މަހު ވަނީ ކުންފުނިތަކަށް އަންގާފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ ސަރުކާރު ކުންފުނިތަކުގައި ގާތްގަނޑަކަށް 42،000 މުވައްޒަފުން މަސައްކަތް ކުރެއެވެ. މިއީ ގައުމުގެ ސިވިލް ސާވިސްގައި ތިބި 30،000 އެއްހާ މުވައްޒަފުންނަށްވުރެ އިތުރު އަދަދެކެވެ. ސަރުކާރުން މި ފިޔަވަޅުތައް އަޅަމުންދަނީ ދައުލަތުގެ ދަރަނި ބޮޑުވެފައިވާތީ، އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ދަށުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ