ކ. ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" ތަރައްޤީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
މިކަމުގެ އެއްބަސްވުމުގައި ސިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ އަޚްމަދު ސަޢުދީއެވެ.
"އިސްރަށްވެހިންގެ ހިޔާވަހި" ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމުތައް ހިންގާނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 100 މީހުންގެ ޖާގައިގެ އިމާރާތެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ރާއްޖޭގެ ތިން ސަރަހައްދެއްގައި އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު"ތަކެއް ޤާއިމުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން، ކ.ތުލުސްދޫގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ށ. ފުނަދޫ "އޭޖްޑް ކެއަރ ސެންޓަރު"ގެ މަސައްކަތް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ފޭދޫގައި ޤާއިމުކުރާ "އޭޖްޑް ކެއަރ ސެންޓަރު"ގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ލިޓަސް އޮޓޯ މޮބައިލްސްއާ ވަނީ ހަވާލުކޮށްފައެވެ.
މި މަރުކަޒުތަކުގެ މައިގަނޑު މަޤުސަދަކީ، އިސްރަށްވެހިންގެ ތެރެއިން އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން ޞިއްޙީ ފަރުވާއާއި، ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ. މި ތަންތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމުތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ.
ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަކީ، މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ، އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީނުވާނެހެން، އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތުން ދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމެވެ.
ތުލުސްދޫ އިސްރަށްވެހިންގެ ހިޔާވަހި ތަރައްޤީކުރަން އެމްޓީސީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ