މި މަހު ރާއްޖެން 5000 އަށް ވުރެން ގިނަ މީހުން އުމްރާއަށް ދިޔަ

މި ހިނގާ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް 5،565 އަށް ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް ފުރައިފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި، މި މަހުގެ ތެރޭގައި އުމްރާއަށް ފުރި މީހުންގެ ދަތުރުތައް ކުރިއަށްދިޔައީ ވަރަށް އޮމާންކޮށެވެ. އެމްއޭސީއެލްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އުމްރާވެރިންގެ ދަތުރުތައް ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި އެ ކުންފުނީގެ ޓީމުތަކާއި ކަމާގުޅޭ އެހެނިހެން ފަރާތްތަކުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި އުމްރާވެރިންނަށް އެއްވެސް ދަތިކަމެއް ނެތި ފުރޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ. ވީއައިއޭ މެދުވެރިކޮށް ގިނަ އަދަދެއްގެ ބަޔަކު އެއްފަހަރާ ފުރި ނަމަވެސް، އޮޕަރޭޝަނަލް ކަންކަން ރަނގަޅަށް ރޭވިފައި އޮތުމުން އެއާޕޯޓުގެ އާންމު އޮޕަރޭޝަނަށް ބުރޫނާރައި ދަތުރުތައް ކުރިއަށް ގެންދެވުނު ކަމަށް އެމްއޭސީއެލްއިން ފާހަގަކުރިއެވެ. މީގެ އިތުރުން، އެއާލައިންތަކާއި ގްރޫޕުތަކުން ގުޅިގެން ކުރި މަސައްކަތުން ފަސިންޖަރުންނަށް ލުއިފަސޭހަތަކެއް ލިބިގެންދިޔަ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ. އެއާޕޯޓުގެ އެކި ޑިޕާޓްމަންޓުތަކުން ގުޅިގެން މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ޗެކިންވުމާއި އިމިގްރޭޝަންގެ ކަންކަން ވެސް އަވަސްވެގެން ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ. މި މަހު އުމްރާއަށް ދިޔަ މީހުންގެ އަދަދު 5،565 އަށް އަރާފައިވާއިރު، މިއީ އިސްލާމިކް މިނިސްޓްރީން ކުރިން ލަފާކުރި އަދަދަށް ވުރެ ބޮޑު އިތުރުވުމެކެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، 30 ގްރޫޕެއްގެ ހަވާލުގައި 4،000 އަށް ވުރެ ގިނަ މީހުން އުމްރާއަށް ފުރާފައިވާ ކަމަށެވެ. ނަމަވެސް، އެމްއޭސީއެލްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އަދަދު ވަނީ 5،000 އިން މައްޗަށް ގޮސްފައެވެ. މިނިސްޓަރު ޝަހީމް އޭރު ވިދާޅުވި ގޮތުގައި، އުމްރާއަށް ދިޔަ ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅެވެ. އަދި އެއްވެސް ބޮޑު މައްސަލައެއް ދިމާނުވެ، އަޅުކަމުގެ ކަންކަން ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސްކޫލު ބަންދު ދުވަސްވަރާއި އަހަރުގެ އެކި މުނާސަބަތުތަކާ ދިމާކޮށް އުމްރާއަށް ދިއުމަކީ މިހާރު ދިވެހިންގެ މެދުގައި ވަރަށް އާންމު ކަމެކެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ސްކޫލު ބަންދު، ޖުލައި 26 ގެ މިނިވަން ދުވަހުގެ ބަންދާ ދިމާވުމުން، ގިނަ އަދަދެއްގެ އާއިލާތަކުން ވަނީ އުމްރާގެ އަޅުކަމަށް ދިއުމަށް މި ދުވަސްވަރު އިހުތިޔާރުކޮށްފައެވެ. އެކި އުމުރުފުރާގެ މީހުންނާއި ދެ ޖިންސުގެ މީހުން އެކުގައި އުމްރާގެ އަޅުކަމަށް ދިއުން ވަނީ ފަހުގެ އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައެވެ. މީގެ ސަބަބުން، އުމްރާ ގްރޫޕުތަކަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އާދެއެވެ. މީގެ ކުރީ އަހަރުތަކުގައި ވެސް ސްކޫލު ބަންދާ ދިމާކޮށް 7،000 އަށް ވުރެ ގިނަ މީހުން އުމްރާއަށް ގޮސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަހައްދުތަކުން ވެސް އުމްރާގެ ދަތުރުތައް މިހާރު އަންނަނީ ފުޅާކުރަމުންނެވެ. އެގޮތުން، އަމިއްލަ ޖަމާއަތަކުން ވަނީ އައްޑޫ ސިޓީން ސީދާ ސައުދީ އަރަބިއްޔާއަށް އުމްރާވެރިން މި ފަހަރު ގެންގޮސްފައެވެ. މިއީ މާލެއަށް ނައިސް، އަތޮޅުތެރެއިން ސީދާ އުމްރާއަށް ދިއުމަށް ހުޅުވިގެންދިޔަ އިތުރު ފުރުސަތެއް ކަމަށް އުމްރާގެ ހިދުމަތްދޭ ފަރާތްތަކުން ބުނެއެވެ. އައްޑޫ ސިޓީން ފެށި މި ދަތުރުތަކާއެކު، ދެކުނުގެ އަތޮޅުތަކުގެ މީހުންނަށް މާލެ އައުމުގެ ބަދަލުގައި ސީދާ އައްޑޫން ފުރޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށް ބައެއް އުމްރާވެރިން ފާހަގަކުރެއެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެ ސިޓީން އުމްރާ ދަތުރުތައް ބޭއްވުމަށް ބައެއް ގްރޫޕުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ދަތުރުތަކުގެ ސަބަބުން ދަތުރުފަތުރުގެ ހަރަދު ކުޑަވެ، ވަގުތު ސަލާމަތްކުރެވޭނެ ކަމަށް އުމްރާ ގްރޫޕުތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ