މަސްވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށްޓަކައި، ސާކް އެގްރިކަލްޗަރ ސެންޓަރުގެ ވިލަރެސްކުރުމުގެ ދަށުން ސަރަޙައްދީ ފެންވަރުގައި ކަނޑުގެ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް ސާކްގެ މެމްބަރު ޤައުމުތަކުގެ މެދުގައި ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ސަރަޙައްދީ އެއްބާރުލުން ހަރުދަނާކުރުމަށް ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުން އިފްތިތާހް ކޮށްދެއްވީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބްއެވެ. ބައްދަލުވުމުގެ ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ލިމިޓަށްވުރެ ގިނައިން މަސްވެރިކަން ކުރުމާއި، ޤާނޫނާ ޚިލާފަށް، ރިޕޯޓުނުކޮށް އަދި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން (އައި.ޔޫ.ޔޫ ފިޝިންގ) ހުއްޓުވުމަށެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ނިޒާމުތައް ހަލާކުވުން ފަދަ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަރަޙައްދީ މަގުޗާޓެއް އެކުލަވާލުމަށް ޚިޔާލު ބަދަލުކޮށްފައިވެއެވެ.
މި ބައްދަލުވުމުގައި ކަނޑުމަހުގެ އުފެއްދުންތަކުގެ އަގު އިތުރުކުރުމާއި، ބައިނަލްއަޤްވާމީ މާކެޓަށް ވަނުމުގެ ފުރުސަތުތަކާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމާއި، މަސްވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މެމްބަރު ޤައުމުތަކުން ވާހަކަދައްކާފައިވެއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމުގައި ސަރަޙައްދީ އެއްބާރުލުން އިތުރުކުރުމަކީ މިވަގުތަށް އިންތިހާއަށް ބޭނުންވެފައިވާ ކަމެއްކަން މި ބައްދަލުވުމުގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، ވިޔަފާރީގެ ގޮތުން މުހިންމު ކަނޑުމަހުގެ ބާވަތްތަކަށް ޚާއްޞަކޮށްގެން ކޮންމެ ޤައުމަކަށް ވަކި އެކްޝަން ޕްލޭންތަކެއް އެކުލަވާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުން، މައިގަނޑު ގޮންޖެހުންތަކާއި ސްޓްރެޓީޖިކް ލަފާތައް ހިމެނޭ ސަރަޙައްދީ ރިޕޯޓެއް އެކުލަވާލުމުގެ ބިންގާ ވަނީ އެޅިފައެވެ. އަދި ސާކް އެގްރިކަލްޗަރ ސެންޓަރުގެ ބެލުމުގެ ދަށުން ޤާއިމުކުރާ މި ޚާއްޞަ ޕްލެޓްފޯމަކީ ސަރަޙައްދީ ފެންވަރުގައި މަސްވެރިކަން މޮނިޓަރކޮށް ބެލެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާނެ ވަސީލަތެކެވެ.
ސަރަހައްދީ މަސްވެރިކަން ބެލެހެއްޓުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ