ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ހަ ކުއްޖަކު ފުރަނީ

މާލީ ގާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކަށް ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަަދައިދޭން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ. 
ބޯންމެރޯ ޓްރާންސްޕްލާންޓް ހަަދަން އެ ކުދިން ފުރާނީ އިންޑިއާއަށެެވެ. 
މިނިސްޓްރީން ބުނީ އެއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން އެ ފަރުވާ ހޯދުމަށް ފުރާ ތެލެސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕު ކަމަށެވެ. އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ވެސް ފުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ފަންޑުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ހަރަދު ހަމަޖެއްސުމަށް، މިދިޔަ މަހު އެ ފަންޑުން 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވާފައިވާ ކަމަށެވެ. 
އެ އެހީ ފޯރުކޮށްދީފައި ވަނީ ފެބްރުއަރީ 2024 ގައި އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ވަނީ ޒަކާތު ފަންޑުގެ ހަރަދުގައި ކޮންމެ އަހަރަކު 10 ކުއްޖެއްގެ ބޯންމެރޯ ހެދުމަށް ބޭރަށް ފޮނުވުމަށެވެ. 
މިނިސްޓްރީން ބުނި ގޮތުގައި 2024 އިން ފެށިގެން މިހާތަނަށް ބޯންމެރޯ ޓްރާންސްޕްލާންްޓް ހަދަން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް އެހީވުމަށް އެ ފަންޑުން 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. 
އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން 2014 ވަނަ އަހަރުން ފެށިގެން ވެސް އެކި ފަހަރު މަތިން ވަނީ އެ ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ