ހުރްމުޒްގެ ރައްކާތެރިކަން ކަށަވަރުކުރަން އިނގިރޭސިވިލާތުން މަނަވަރެއް ފޮނުވަނީ

ޞަހްޔޫނީން ރުއްސުމަށް އެމެރިކާއިން އިސްވެ އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ މަސްރަޙު ފިނިވާން ފެށުމާއެކު، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ނަމުގައި ބައިނަލްއަޤުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތުގައި ބައިވެރިކުރުމަށް، އިނގިރޭސިވިލާތުގެ މަނަވަރު 'އެޗްއެމްއެސް ޑްރެގަން' ހުޅަނގު އޭޝިޔާ ސަރަޙައްދަށް ފޮނުވުމަށް ލަންޑަނުން ނިންމައިފިއެވެ. ހަނގުރާމައިގެ ރައްދުގައި އީރާނުން ވަނީ އެ ކަނޑުއޮޅި އެމެރިކާއާއި ޔަހޫދީންގެ އުޅަނދުފަހަރަށް ބަންދުކޮށްފައެވެ. އަދި، އެމެރިކާއިން ވަނީ ރައްދުގައި އީރާންގެ ބަނދަރުތައް ޙިޞާރުކޮށްފައެވެ.
އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ، ވައިގެ ޙަމަލާތަކުން ދިފާޢުވުމުގެ ޤާބިލުކަން ލިބިފައިވާ މަނަވަރު މެދުއިރުމައްޗަށް ފޮނުވުމަށް ނިންމާފައި ވަނީ، ފަރަންސޭސިވިލާތާ ގުޅިގެން ހިންގުމަށް ރާވާފައިވާ ރައްކާތެރިކަމުގެ އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން ކަމުގައެވެ. މި އޮޕަރޭޝަނުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަޤުވާމީ ވިޔަފާރި މަގުތަކަށް އޮތް ނުރައްކާ ކުޑަކޮށް، މުދާ އުފުލާ އުޅަނދުތަކުގެ އިތުބާރު އަލުން ހޯދުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމާއެކު، ސައިޕްރަސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިނގިރޭސިވިލާތުން ވަނީ އެޗްއެމްއެސް ޑްރެގަން މެޑިޓެރޭނިޔަން ކަނޑުގެ އިރުމައްޗަށް ފޮނުވާފައެވެ. މި މަނަވަރު މެދުއިރުމައްޗަށް ފޮނުވުމަށް ލަންޑަނުން ނިންމާފައި ވަނީ ފަރަންސޭސިވިލާތުން ވެސް ރަތް ކަނޑުގެ ދެކުނުގެ ސަރަޙައްދަށް އެ ޤައުމުގެ މަނަވަރުތަކެއް ފޮނުވަން ފެށުމާ އެކުގައެވެ.
"އެޗްއެމްއެސް ޑްރެގަން ކުރިއާލައި މި ސަރަޙައްދަށް ފޮނުވުމަކީ، ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތް ގުޅިގެން ހިންގާ އިއްތިޙާދެއްގެ ދަށުން ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިނގިރޭސިވިލާތް ތައްޔާރަށް އޮތްކަން ހާމަކޮށްދޭ ފިޔަވަޅެއް،" އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
މީގެ 10 ހަފުތާ ކުރިން އެމެރިކާއިން ފެށި ހަނގުރާމަ ނިމުމަކަށް ގެނެވޭނެ ކަމުގެ ނިޝާންތައް ފެންނަމުންދާއިރު، ހުރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކުރުމަށް ޓަކައި ފެށުމަށް ތައްޔާރު ކުރަމުުންދާ އޮޕަރޭޝަނުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން 12 ޤައުމަކުން ވަނީ ފާޅުކޮށްފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އީރާނުގެ އެއްބާރުލުން ބޭނުންވާނެ ކަމުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ