އޭޓީއެމްގައި ބޭއްވުނު ކާޑެއް ނަގައިގެން ވިޔަފާރިކުރި މައްސަލައެއްގައި މީހަކު ހޯދަނީ

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގައި ހުންނަ އޭޓީއެމްއަކަށް މީހަކަށް އޮޅިގެން ދޫކޮށްލެވިފައިވާ ބޭންކް ކާޑެއް ނަގައި، އެ ކާޑު ބޭނުންކޮށްގެން އެކި ތަންތަނުން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ފުލުހުން މިއަދު ވަނީ މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާގެ ވީޑިއޯއެއް އާންމުކޮށް، އޭނާ ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. މި މައްސަލަ ތަހުގީގުކުރަމުންދަނީ މާފަންނު ޕޮލިސް ސްޓޭޝަނުންނެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ކުރެވުނު ތަހުގީގީ މަސައްކަތުން ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ، އޭނާ އަދި ހޯދިފައެއް ނުވެއެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ސަރަހައްދަކީ އާންމުކޮށް ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދުމަށް ގޮސްއުޅޭ ކާރޫބާރޫ ބޮޑު ސަރަހައްދަކަށްވާއިރު، އެ ތަނުގައި ހުންނަ އޭޓީއެމްއިން ކާޑު ނެގި މީހާ ވަނީ އެ ކާޑު ބޭނުންކޮށްގެން އެކި ފަހަރުމަތިން ވިޔަފާރިކޮށްފައި ކަމަށް ފުލުހުން ތުހުމަތުކުރެއެވެ. ފުލުހުން ވަނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ލަސްނުކޮށް އެކަން ފުލުހުންނާ ހިއްސާކުރުމަށް އެދިފައެވެ. އެގޮތުން، މި މައްސަލައާ ގުޅޭ މަޢުލޫމާތު ހިއްސާކުރެއްވުމަށް ގުޅާނީ މާފަންނު ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9660183 އަށެވެ. އޭޓީއެމް ބޭނުންކުރުމަށް ފަހު ކާޑު ނެގުމަށާއި، ކާޑު ގެއްލިއްޖެނަމަ ލަސްނުކޮށް ބޭންކަށް އަންގައި ކާޑު ބްލޮކްކުރުމަށް ކަމާބެހޭ ފަރާތްތަކުން އަބަދު ވެސް އިރުޝާދުދެއްވައެވެ. ކާޑު ގެއްލިއްޖެ ނަމަ ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާ އެކު ކާޑް ބްލޮކްކޮށް، އަން ބްލޮކް ވެސް ކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ