ސިފައިންގެ ރިޓަޔާމަންޓް ގަވާއިދަށް ބަދަލު ގެންނަނީ

ސިފައިންގެ ޚިދުމަތުގައި މަގާމް ބަދަލުނުވެ، ވަކި މުއްދަތެއް ވަންދެން ހުރެއްޖެނަމަ، ވަޒީފާއިން ވަކިވާންޖެހޭ ގޮތަށް ރިޓަޔަމަންޓް ގަވާއިދުގައި އޮންނަ އޮތުން ބަދަލުކޮށް، ސިފައިންގެ ހިދުމަތުގައި ދެމިހުރެވޭނެ ގޮތް ހަދަން ގަސްތުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސިފައިންގެ ބައެއް ގަވާއިދުތަކާއި އުސޫލްތަކަށް ބަދަލު ގެންނަން ޖެހިފައިވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން، މިހާރު ގަވާއިދު އޮންނަ ގޮތުން ރޭންކް ބަދަލުނުވެ އެއް ރޭންކެއްގައި ވަކި މުއްދަތެއް ވަންދެން ހުރެއްޖެ ނަމަ، ހިދުމަތުން ދުރަށް ދިއުމަށް މަޖުބޫރުވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެފަދަ ލިމިޓޭޝަންތަކެއް ހުރުމަކީ އެންމެ އަދުލުވެރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ސިފައިންގެ ހިދުމަތުގައި ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ހިދުމަތްކުރަމުންދާ ސިފައިންނަށް އަދި ރޭންކުގައި ވަކި މުއްދަތެއް ވިޔަސް އަދި ލިމިޓޭޝަން މިހާރު އޮތް ގަވާއިދުގެ ތެރެއިން ހަމަވާ ގޮތަށް އޮތް އޮތުން އެއީ ބަދަލުކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ އެގޮތަށް ބަދަލުކޮށްދީ، ސިފައިންގެ ހިދުމަތުގައި ދެމިހުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ހަދަން ގަސްދުކުރަން" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވިދާޅުވިއެވެ.
މީގެއިތުރުން، ދިގު މުއްދަތެއް ވަންދެން ހިދުމަތްކުރާ ސިފައިންނަށް ވެސް އިތުރު ފައިދާތަކެއް ނުވާ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ޖެހޭކަމަށް އެމަނިކުފާނު ދެކިލައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމަށް ވުމާއެކު، ރިޓަޔާމަންޓް ގަވާއިދު އިސްލާހުވެގެން އަންނައިރު، މިކަންކަމަށް ރިއާޔަތްކޮށް، އެކަށީގެންވާ ހެޔޮ ބަދަލެއް އަންނާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ