އިންސްޓަގްރާމް މެސެޖުތައް ދެން ސިއްރެއް ނުވާނެ

އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖުތަކުން "އެންޑް-ޓު-އެންޑް އެންކްރިޕްޝަން" (އީޓޫއީއީ) ފީޗާ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން އުވާލައިފި އެވެ. 
މެސެޖުތަކުން އީޓޫއީއީ އުނިކުރުމަކީ މެޓާ ކުންފުނިން ނިންމި ބޮޑު ނިންމުމެކެވެ. މީގެ ކުރިން އެ ކުންފުނިން ވަނީ މިއީ ޕްރައިވެސީ ނުވަތަ އަމިއްލަ މިނިވަންކަމުގެ އެންމެ މަތީ މިންގަނޑު ކަމަށް ބުނެ ވަކާލާތުކޮށްފައެވެ. އީޓޫއީއީ އަކީ އޮންލައިންކޮށް މެސެޖުކުރުމުގައި ބޭނުންކުރާ އެންމެ ރައްކާތެރި ނިޒާމެވެ. މީގެ ސަބަބުން މެސެޖު ފެންނާނީ ހަމައެކަނި އެ ފޮނުވާ މީހާއަށާއި ލިބޭ މީހާއަށް އެކަންޏެވެ. މިއީ ނުރަނގަޅު ނިޔަތުގައި އަދި ނުރައްކާތެރި މައުލޫމާތު ފެތުރުން ހުއްޓުވުމަށް އޮތް ބޮޑު ހުރަހެއް ކަމަށް ބުނެ މި ފީޗާއާ ދެކޮޅަށް ވެސް ބައެއް ފަރާތްތަކުން އައީ އަޑު އުފުލަމުންނެވެ.
މެޓާގެ މި ނިންމުމަށް، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން މަރުހަބާ ކިޔާފައިވާއިރު، ޕްރައިވެސީއަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ މިކަން ކުށްވެރިކޮށްފައެވެ.
އީޓޫއީއީ އުވާލުމުން، އިންސްޓަގްރާމްގެ ޑައިރެކްޓް މެސެޖުތަކުގައި ހުންނަ ފޮޓޯ، ވީޑިއޯ އަދި ވޮއިސް ނޯޓްތައް ބެލުމުގެ ފުރުސަތު ދެން މެޓާއަށް ލިބޭނެ އެވެ.
މެޓާއިން 2019 ވަނަ އަހަރު އީޓޫއީއީ ތައާރަފްކުރީ "މުސްތަގުބަލަކީ އަމިއްލަ ސިއްރުތައް ހިފެހެއްޓޭނެ ތަނެއް" ކަމަށް ބުނަމުންނެވެ.  އެ ކުންފުނިން ވަނީ 2023 ވަނަ އަހަރު ފޭސްބުކް މެސެންޖާއަށް މި ފީޗާ ފުރިހަމައަށް ތައާރަފުކޮށް، އިންސްޓަގްރާމްގައި މިއީ އިހްތިޔާރީ ކަމެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ. އަދި ފަހުން މިއީ އޮޓޮމެޓިކުން ހިމެނޭ ފީޗާއަކަށް ހެދުމަށް ވެސް ރޭވި އެވެ.
ނަމަވެސް، ހަތް އަހަރަށްފަހު މެޓާއިން މިހާރު ވަނީ އިންސްޓަގްރާމްގައި މި ޓެކްނޮލޮޖީ ފުޅާނުކުރުމަށް ނިންމައިފަ އެވެ. މީގެ ބަދަލުގައި ދެން ބޭނުންކުރާނީ އާދައިގެ އެންކްރިޕްޝަނެވެ. އާދައިގެ އެންކްރިޕްޝަންގެ މާނައަކީ ބޭނުންޖެހިއްޖެ ހާލަތެއްގައި، އިންޓަަނެޓް ހިދުމަތްދޭ ފަރާތްތަކަށް މެސެޖުތައް ބެލޭ ގޮތް ވުމެވެ. މިއީ ޖީމެއިލް ފަދަ ގިނަ އޮންލައިން ހިދުމަތްތަކުގައި މިހާރުވެސް ބޭނުންކުރާ އާންމު ނިޒާމެވެ.
ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ  ޖަމިއްޔާތަކުން މި ނިންމުމަށް މަރުހަބާ ކިޔަ އެވެ. އެ ޖަމިއްޔާތަކުން މީގެ ކުރިން ވަނީ އީޓޫއީއީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންނަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ތަކުރާރުކޮށް ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ