ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އެންމެ ފަހުން އައްޔަން ކުރެއްވި ފާތުމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީޙުގެ އާދީއްތަ ދުވަހުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސީއެސްސީގެ މެމްބަރު ކަމުން އާމިރާ ވަކިކުރުމުގެ ރިޔާސަތަށް ލިބިފައިވާ ކަމަށާއި އެހެން ކަމުން އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދެއްވައި އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އާމިރާ ސީއެސްސީގެ މެމްބަރު ކަމަށް އައްޔަންކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައެވެ.
ސީއެސްސީގެ މެމްބަރު ކަމުން އާމިރާ ވަކިކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވިއިރު ސީއެސްސީގެ ހަތަރު މެމްބަރު ވަކިކުރުމަށް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. އަދި ސީއެސްސީގެ ކަންކަން ބައްޓަން ކޮށްފައިވާ ގޮތުން ވަޒީރުންގެ މަސައްކަތަށް ހުރަސްއެޅިފައިވާ ކަމަށް ސަރުކާރުގެ ހުރިހައި ވަޒީރުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.
ކޮމީޓިއަށް ހާޒިރުވި ވަޒީރުން ފާހަގަކުރެއްވި ގޮތުން ސީއެސްސީގައި ގިނައީ އިސްލާހު ކުރަނަޖެހޭ ކަންތަކެވެ. ކޮމިޝަންގައި ސިޔާސީ މަސައްކަތްތަކުގައި އުޅުނު ބައެއް ބޭފުޅުން އެބަތިބި ކަމަށް ވެސް ވަޒީރުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން ވަޒީފާގެ އޮނިގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ލަސްވުމާއި މަޝްވަރާކޮށްގެން ވެސް ބައެއްކަންކަމުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާކަމަށް ވަޒީރުން ވިދާޅުވިއެވެ.
ކޮމިޓީގައި ވަޒީރުން އެދުނީ ސީއެސްސީ މިއަށްވުރެ ޒިންމާދާރު ވުމަށެވެ. އަދި މުވައްސަސާތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ލިބޭނެ މަގެއް ހޯދައިދިނުމަށެވެ. އެހެން ނަމަވެސް، މިހާރު ތިއްބެވި މެމްބަރުންނާއި އެކު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަކީ ފަސޭހަ ކަމަކަށް ވެގެންދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް ވަޒީރުން ފާހަގަކުރިއެވެ.
ސަރުކާރު ސިވިލް ސާވިސްގެ އޮނިގަނޑެއްގެ ތެރެއިން ހިންގަންޖެހޭއިރު އެ އޮނިގަނޑުގެ ތެރެއިން ސީއެސީގެ ތެރޭގައި ގިނައީ ސިޔާސީ ފިކުރުތައް ކަމަށް ފިނޭން މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކޮމިޓީގައި ވިދާޅުވެފައެވެ. އަމީރުގެ އިތުރުން ސައިންސް މިނިސްޓަރު މުހައްމަދު މަލީހު ވިދާޅުވީ ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމަކީ މީގެ ކުރިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ބޭފުޅެއް ކަމަށާއި އެފަދަ ކަންކަން ހުއްޓުވައި މިނިވަން މުއައްސަސާތަކާމެދު އިތުބާރު ދަމަހައްޓަން ޖެހޭކަމަށެވެ.
މިނިވަން މުވައްސަސާތަކަށް މީގެ ކުރިންވެސް ސިޔާސީ މަސައްކަތް ކުރާ ކަމުގެ ތުހުމަތު ކުރެވުނެވެ. އެއާއި އެކު ސީއެސްސީގެ މައްޗަށް ވެސް އިތުބާރު ގެއްލެން މެދުވެރިވީ އޭރު ރައީސް ޔާމީންގެ ސަރުކާރުގައި ޕާޓީގެ ޖަލްސާތަކަށް ވަޒީފާގެ މަސްއޫލިއްޔަތެއްގެ ގޮތުގައި ހަދާ އިތުރު ގަޑީގެ ފައިސާ ލިބޭގޮތަށް ޖަލްސާތަކަށް ހާޒިރުވުމަށް މަޖުބޫރު ކުރުމުންނެވެ. ކުންފުނިތަކާއި މުވައްސަސާތަކުގެ މުވައްޒަފުންގެ އެޓެންޑެންސް މާކު ކުރާތަން އޭރު ޖަލްސާ ކަވަރު ކުރުމަށް ދާ ނޫސްވެރިންނަށް ވެސް ވަނީ ފެނިފައެވެ.
ސީއެސްސީގެ މެމްބަރު ކަމުން އާމިރާ ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ