ޔާމީންގެ ނަން ޖަހާފައި އިން ހުސް ގޮނޑި ކޮންމެ ޖަލްސާއެއްގައި ބެހެއްޓީ އަބްދުއްރަހީމަށް ކަމަށް ލަތީފް ވިދާޅުވެއްޖެ ޔާމީންގެ ނަން ޖަހާފައި އިން ހުސް ގޮނޑި ކޮންމެ ޖަލްސާއެއްގައި ބެހެއްޓީ އަބްދުއްރަހީމަށް ކަމަށް ލަތީފް ވިދާޅުވެއްޖެ

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ބޭއްވި ޖަލްސާތަކުގައި، އެއިރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ޖަހާފައި ހުސް ގޮނޑިއެއް ބެހެއްޓީ އެމަނިކުފާނަށް ނޫން ކަމަށާއި ގޮނޑި ބެހެއްޓީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކަމަށް މެންބަރު އަބްދުއްލަތީފް މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ކުރިއަށްގެންދާ ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ، ސަރުކާރާމެދު އެންމެ ގިނަ މީހުން ޝަކުވާ ކުރަމުން ދައްކަނީ ހުސް ގޮނޑި ބެހެއްޓި ވާހަކަ ކަމަށެވެ. އެކަމަކު، ކޮންމެ ޖަލްސާއެއްގައި ހުސް ގޮނޑި ބެހެއްޓީ ޔާމީންއަށް ހާއްސަކޮށްފައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ގިނަ ބަޔަކު ޝަކުވާ ކުރަނީ، ހުސް ގޮނޑި ދައްކައިގެންނެއް މި ސަރުކާރު ވެރިކަމަށް އައީ. ހިނގާ ހުސް ގޮނޑިއަށް ޖެހިލަން... ހުސް ގޮނޑިއަކީ އެގޮތަށް ބެހެއްޓި ގޮނޑިއެއް ނޫން. އެއީ [ޕާޓީގެ] ރައީސް އަބްދުއްރަހީމް ވަރަށް ގިނަ ފަހަރު، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އާދެވެނީ ތަންކޮޅެއް ފަހުން އެމަނިކުފާނުގެ މަސައްކަތް ހުންނަ ގޮތުން. އެމަނިކުފާނުގެ އަމިއްލަ މަސައްކަތްތަކެއް ޕާޓީގެ މަސައްކަތްތަކެއް ހުރީމަ. އެހެންވީމަ އެމަނިކުފާނަށް ބެހެއްޓި ގޮނޑިއެއް އެއީ. ރަން ބުއްދި ވެގެން އުޅެނީ ބަޔަކު،" ލަތީފް ވިދާޅުވި އެވެ.
ލަތީފް އެހެން ވިދާޅުވި ނަމަވެސް އެއިރު ބޭއްވި ޖަލްސާތަކުގައި ހުސް ގޮނޑި ބެހެއްޓީ ރައީސް ޔާމީންއަށް ހާއްސަކޮށްފަ އެވެ. އެ ގޮނޑީގައި އެއްވެސް އެހެން މީހަކު ނުއިށީންދެ އެވެ. އަބްދުއްރަހީމް ވަޑައިގެން ވެސް އިންނަވަނީ އެހެން ގޮނޑިއެއްގަ އެވެ.
މި ސަރުކާރު ވެރިކަމަށް އައިތާ މަހެއް ނުވަނީސް ރައީސް މުހައްމަދު މުއިއްޒު އާއި ރައީސް ޔާމީންއާ ދެމެދު މައްސަލަ ޖެހުނެވެ. ޔާމީން ވިދާޅުވީ މިހާރު އުވާލާފައިވާ ޕީޕީއެމް ހިންގުމަށް ރައީސް މުއިއްޒު ހުރަސް އަޅުއްވަމުންގެންދަވާ ކަމަށެވެ. އޭގެ ފަހުން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެމަނިކުފާނު ޕާޓީއިން ވަކިވެވަޑައިގެން އެހެން ޕާޓީއެއް އުފެއްދެވި އެވެ.
ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދެވެ. އެކަމަކު ދައުލަތް މެދުވެރިކޮށް އަދިވެސް ޔާމީންގެ މައްޗަށް އެބަ ޖިނާއީ ދައުވާތަކެއް އުފުލަ އެވެ. ރައީސް މުއިއްޒު ދެއްކެވި އެ ވާހަކަތައް ފަހުން ސަރުކާރުން ވަނީ އަނބުރާލައިފަ އެވެ. ސަރުކާރުން ފަހުން ބުނަމުންދިޔައީ ރައީސް މުއިއްޒު އެއިރު ވިދާޅުވި ވާހަކައަކީ، ޖުޑިޝަރީއަށް ސަރުކާރުގެ ނުފޫޒު ނުފޯރުވުމުން ޔާމީން މިނިވަންވާނެ ވާހަކަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ