ނައިފަރު ޗެލްސީ އެސްސީ އަދި ވިންޑް ވޯރިއޯސް އެސްސީ ބައްދަލުކުރި މެޗުން ނައިފަރު މޮޅުވެއްޖެ!
ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގައި މިރޭ ކުޅެފައިވަނީ މިދިޔަ އަހަރުގެ ފައިނަލްގައި ވާދަކުރި ދެ ޓީމް ކަމުގައިވާ ނައިފަރު ޗެލްސީ އެސްސީ އަދި ވިންޑް ވޯރިއޯސް އެސްސީއެވެ. މެޗް ފެށިގެން ދެ ޓީމްގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ދެ ޓީމުން ވެސް ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މެޗްގެ 69ވަނަ މިނެޓްގައި ނައިފަރު ޗެލްސީ އެސްސީން ގޯލެއް ޖަހައި ލީޑް ނެގިއެވެ. މި ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ޒުވާން ކުޅުންތެރިޔާ ޖާޒީ ނަންބަރު ފަހެއް އަހުމަދު ޖައުޝަންއެވެ. ނައިފަރު ޗެލްސީ އެސްސީ އަދި ވިންޑް ވޯރިއޯސް އެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ/ މުހައްމަދު އަފްވާން ދެވަނަ ހާފްގައި ދެޓީމްގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ދެ ޓީމަށް ވެސް ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައިވެއެވެ. މެޗް ނިމުނު އިރު ނައިފަރު ޗެލްސީ އެސްސީ އެއް ގޯލް ކާމިޔާބު ކޮށްފައިވާއިރު ވޯރިއޯސް އެސްސީ އަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިފަރު ޗެލްސީ އެސްސީ ގެ ޖާޒީ ނަންބަރު 22 އިބްރާހިމް ޖިމޯއެވެ. އިބްރާހިމް އަކީ ނައިޖީރިއާއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ. މި މުބާރާތުގެ ހަތްވަނަ މެޗް މާދަމާ ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗްގައި ވާދަކުރާނީ ގްރޫޕް ބީގެ ދެ ޓީމް ކަމުގައިވާ ހެނބަދޫ އެފްޓީ އަދި މާޅެންދޫ އެފްޓީއެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް އެސްއެސް ޓީވީގެ ފޭސްބުކް އަދި ޔޫޓިއުބް އިން ލައިވްކުރާނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ