ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް، އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ސަރުކާރުން ހުށަހަޅާ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވާ އަލުން އަނބުރާ މަޖިލީހަށް ފޮނުއްވާލައްވައިފި އެވެ.
އެ ބިލު އަނބުރާ ފޮނުއްވާލައްްވަން ރައީސް ނިންމެވިކަން ރައީސް އޮފީހުން އިއުލާނުކުރީ މިރޭ އެވެ. އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެނަމަ އެ ބިލު ރައީސް ތަސްދީގު ކުރައްވަން ޖެހޭނެ އެވެ.
ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލަކާމެދު އަލުން ވިސްނުމަށްފަހު، އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، އެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރާންވާނެއެވެ.
އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
އެ ބިލުގެ މަސައްކަތް ކޮމިޓީން ވެސް ނިންމީ އެއް ގަޑިއިރު ތެރޭގަ އެވެ. މަޖިލީހަށް ހުށަހެޅި ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް ކޮމިޓީން ފާސްކުރީ ޖުޑީޝަރީ ކޮމިޓީގެ އަށް މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ދެ މެންބަރުން ވޯޓު ދެއްވީ ބިލާ ދެކޮޅަށެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީތަކަށް ގެއްލުވައިލެވޭ ގޮތަށް ގާނޫނޫއަަސާސީ ބަދަލުކުރުމާ ގުޅިގެން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އޮތް ދުވަހު އެވެ. އެ ދުވަހު އަޑުއެހުން ތާވަލުކުރީ ހެނދުނު 11:00 އަށް ކަމަށްވާއިރު ކުރުކުރި މަޖިލިސް ޖަލްސާއެއް ބާއްވައި ބިލު ފާސްކުރީ 10:07 ހާއިރު އެވެ.
މަޖިލީހުގެ ތަޅުމުގައި އެ ބިލު ފާސްކުރީ އިދިކޮޅު އެމްޑީޕީގެ ތިން މެންބަރުންގެ ނަން އިއްވުމަށްފަހު ރޯލް ކޯލް ވޯޓަކުންނެވެ. މި ބިލާ އެއްކޮޅަށް ވޯޓު ދިނީ 68 މެންްބަރުންނެވެ. އެއީ މުޅިން ވެސް މަޖިލީހާއި ސަރުކާރު ކޮންޓްރޯލް ކުރާ ޕީއެންސީގެ މެންބަރުންނެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލާ ދެކޮޅަށް ވޯޓު ދިނީ އެމްޑީޕީގެ އަށް މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ މިނިވަން މެންބަރު, އައްޑޫ މީދޫ ދާއިރާގެ އަބްދުއްރަހުމާނެވެ. ތަޅުމުގައި ވޯޓު ނަގަން ފެށި ގަޑީގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ތަޅުން ދޫކުރައްވައި ވަޑައިގަތެވެ.
އިތުރު ތަފުސީލު އަންނަނީ...
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ