ޝަހީދު ސުޕްރީމް ކޯޓަށް އައްޔަންކުރުމުގެ މައްސަލަ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގައި މި ވަގުތު ހުންނެވި ހުސައިން ޝަހީދު އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ މި މަހު 4 ވަނަ ދުވަހު ހުސްނުއްސުއޫދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.
ހުސްވި މަގާމަށް ދެ ފަހަރު މަތިން އިއުލާންކޮށްގެން ތިން ބޭފުޅަކު ކުރިމަތިލެއްވުމުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ރައީސަށް ލަފާ ދިނީ ޝަހީދު އައްޔަން ކުރުމަށެވެ. ރައީސް ވަނީ ޝަހީދުގެ ނަން އިއްޔެ މަޖިލީހަށް ފޮނުއްވާފަ އެވެ.
ތަފްސީލް - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅު ތަޅުމަށް އިއްވަވައިފަ އެވެ.
އޭގެ ފަހުގައި، ޝަހީދުގެ ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނއްވާ ކަމަށް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.
ޖުޑީޝަރީ ކޮމިޓީން މި މައްސަލަ ދިރާސާކުރުމުގައި ބަލާނީ ޖޭއެސްސީންނާއި ރައީސް އޮފީހުން އިޖުރާއަތްތައް ފުރިހަމަ ގޮތުގައި ހިންގާފައިވޭތޯ އެވެ.
ޝަހީދު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާތާ ހަތް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެގޮތުން:
ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ 24 ޖުލައި 2018ގައި
ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ޝަހީދަށް 18 ނޮވެމްބަރު 2022ގައި ހަވާލުކުރި
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރީ30 އޮކްޓޯބަރު 2023ގައި
އޭގެ އިތުރުން ޝަހީދު އަދާކުރައްވާފައިވާ އެހެން މަގާމުތަކަކީ:
އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަން
ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓް ކަން
ކްރިމިނަލް ކޯޓުގެ ގާޒީ ކަން
ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރު ކަން
ޝަހީދު ހާސިލްކުރައްވާފައިވާ ތައުލީމު:
މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީއާއި ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވި
ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރެއްވި
އެނގުން މުހިންމު - ފަނޑިޔާރުންގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަންކުރުމަށް އޮންނަ އިޖުރާއަތްތަކަކީ:
ކުރިމަތިލާ މީހުން ޖޭއެސްސީން އިންޓަވިއުކުރުމަށް ފަހު ރައީސަށް ފޮނުވުން
ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސަށް ފެންނަ ނަމެއް ނުވަތަ ނަންތަކެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
މަޖިލީހުން ފާސްކުރުމުން، ހަތް ދުވަހުގެ ތެރޭގައި އެ މީހަކު ރައީސް އައްޔަންކުރެއްވުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވަން ރައީސަށް ފެނިވަޑައިގަންނަވާ ނަންތަކެއް ޖޭއެސްސީއަށް ފޮނުއްވޭނެ
ގުޅުން ހުރި - ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވިއިރު ދެ ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފަ އެވެ. ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަމުންދާއިރު، ފަނޑިޔާރުން ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގުކުރަމުންނެވެ.
ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ. މިހެންވެ، އެ މައްސަލަ މި ވަގުތަށްވަނީ ހުއްޓިފަ އެވެ. އެއީ:
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި ތިއްބެވީ ހަތަރު ފަނޑިޔާރުން
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ